މިއަދު އަޅަން ފެށި ކޮވިޑް ފިޔަވަޅުތަކަށް ރަނގަޅަށް އަމަލު ނުކޮށްފިއްޔާ، އިތުރު ފިޔަވަޅުތައް އަޅަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށާ އެފަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފިއްޔާ، މިހާރަށް ވުރެ މާ ގިނަ ދަތިތައް ކުރިމަތިވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ގައުމާ މުހާތަބުކުރައްވަމުން ރައީސް ސޯލިހު މިރޭ ވިދާޅުވެފައި ވަނީ މިއަހަރުގެ ފިތުރުއީދު އަޅުގަނޑުމެންނާ ބައްދަލުވި އިރު އީދުގެ އުފާތަކުގެ ހުރަހަކަށް ކޮވިޑް 19 ގެ ބަލިމަޑުކަން ވެފައިވާ ކަމަށެވެ. މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި މިދިޔަ އަހަރުގެ ކުރީކޮޅުން ފެށިގެން އެތައް ދުވަހެއް ވަންދެން ވެރިރަށް މާލެ ފުރަބަންދުގައި ބޭއްވި ކަމަށާ ރާއްޖޭގެ ބޯޑަރު ބަންދުކޮށް ފަތުރުވެރިން ރާއްޖެ އައުން މެދުކަނޑާލި ކަމަށެވެ. ނަމަވެސް މިކަމުގެ ސަބަބުން އިގްތިސޯދަށް ލިބުނު ގެއްލުން ވަރަށް ބޮޑު ކަމުގައި ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވެފައި ވަނީ އިގްތިސޯދީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ގައުމަށް ދިވެހިރާއްޖެ ވާނެކަމަށާ، ހަތަރު މަހަށްފަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލާ، ފަތުރުވެރިކަން ފަށައިފައި ވީނަމަވެސް އަދިވެސް ރާއްޖޭގެ އިގްތިސޯދު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. އަދި ބަލި ކޮންޓްރޯލް ނުވި ނަމަވެސް، ވިޔަފާރިތައް ހުއްޓި، އާމްދަނީ ހޯދޭނެ ގޮތެއް ނެތި، ރައްޔިތުންގެ ދިރިއުޅުމަށް ކުރިމަތިވި ގޮންޖެހުންތަކާ ގުޅިގެން ލުއިތައް ދޭން ޖެހުނު ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް އިތުރަށް ވިދާޅުވެފައި ވަނީ މިހާރު ބަލި ފެތުރުން އިތުރުވަމުން ދަނީ ދެވުނު ލުއިތަކާއެކު ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އެކަށީގެންވާ ވަރަށް ސަމާލުކަން ނުދިނުމުން ކަމަށެވެ. އަދި މިހާރުގެ ހާލަތައް ބަލާއިރު ބައްޔާ ދެކޮޅަށް އެންމެން އެކުގައި މަސައްކަތް ނުކުރެވިއްޖެނަމަ ސިއްހީ ނިޒާމަށް ނުކަތާވަރަށް ހާލަތު ގޯސްވެދާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ކުރިޔަށް އޮތް މަސްދުވަހު ހިތްވަރާއެކު އެންމެން އެކުގައި މަސައްކަތް ކޮށްފިނަމަ މި ބަލިމަޑުކަމުން އަރައިގަތުމުގެ އަލިމަގެއް މާތްﷲ ގެ އިރާދަފުޅުން ފެނިގެންދާނެ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ. އަދި ބޭނުންވާ ވަރަށް ބޭސްފަރުވާގެ ވަސީލަތްތަކާ އާލާތް ހުރި ނަމަވެސް އެވަރަށް އިންސާނީ ވަސީލަތް ނެތްކަން ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

ރައީސް ވަނީ ސިއްހީ ހިދުމަތްތެރިންނާ، ސަލާމަތީ ބާރުތަކުން އަދި ހިލޭސާބަހަށް މަސައްކަތްކުރާ މީހުން ރެއާއި ދުވާލު އާއިލާތަކާ ވަކިން މި ބަލިމަޑުކަމުން އަރައިގަތުމަށް ކުރާ މަސައްކަތުގެ އަގުވަޒަން ކޮށް ޝުކުރު އަދާކުރައްވާފައެވެ. އަދިހަމައެހެންމެ މިއަދަކީ ބައިނަލްއަގުވާމީ ނަރުހުންގެ ދުވަސްކަމަށް ވާތީ އެދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންވެސް ވަނީ ހުރހާ ނަރުހުންނަށް އަރިސްކުރައްވާފައެވެ.