ކުޑަކުދިންނަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި ސަރުކާރާ، ރައްޔިތުންގެ މަޖިލީހާ، ޝަރުއީ ދާއިރާ ހިމެނޭގޮތުން މުޅި ދައުލަތުގެ ބައިވެރިވުމާ އެއްބާރުލުން ބޭނުންވާ ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މި ފަދައިން ވިދާޅުވެފައިވަނީ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ. މި ހިތާބުގައި ރައީސް ވިދާޅުވެފައިވަނީ ކުޑަކުދިންގެ ހައްގުތަކާ ގުޅިފައިވާ މައްސަލަތައް ހައްލުކުރުމަކީ ހަމައެކަނި ގާނޫނަކުން ކުރެވޭވަރަށްވުރެ މާ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަންޖެހޭ ދާއިރާއެއް ކަމަށެވެ.

ރަޢިސްގެ ހިތާބުގައި ވަނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، އެކުދިންނަށް އިޖްތިމާއީ ރައްކާތެރިކަމާ އަދުލު އިންސާފު ހޯދައިދިނުމަށް ކުރައްވާ މުހިންމު މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިއަހަރުގެ ކުރީކޮޅު ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް އަމަލުކުރަންފެށުން ފާހަގަކުރައްވާފައިވެއެވެ.

ކުޑަކުދިންގެ ކިބައިގައި މީހުންނަށް އިހްތިރާމް ކުރުމާ ކިޔަމަންތެރިވުމުގެ ސިފަ އެކުދިންގެ ކިބައިން ފެންނާނީ އެހެން ފަރާތްތަކުންވެސް އެކުދިންނަށް ލޯތްބާއި އޯގާތެރިކަން ބެހެއްޓި މިންވަރަކަށް ކަމަށާ ލޯތްބާއި އޯގާތެރިކަމާއެކު އެކުދިން ބަލައި ބޮޑުކުރުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށްވެސް ރައީސްގެ ހިތާބުގައި ވަނީ އެދިވަޑައިގެންފައެވެ. އަދިހަމައެހެންމެ، ކުދިން މުޖުތަމައުއަށް ބޭނުންތެރި، އަދި މުޖްތަމައުގައި ބަސްވިކޭ ބަޔަކަށް ހެދޭނީ، ހުރިހާ ފަރާތްތަކުންވެސް މީހުންނާ ކުރާ މުޢާމަލާތުތަކުގައްޔާއި، ގޭތެރޭގަޔާއި ބޭރުގައި އުޅޭ އުޅުމުގައިވެސް، ކުދިންނަށް ރީތި ނަމޫނާ ދެއްކި މިންވަރަކުން ކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

އެމަނިކުފާނުގެ ހިތާބު ނިންމަވާލައްވަމުން ވަނީ އޯގާތެރިކަމާއި، ކުލުނާއި، ލޯތްބާއި، އަޅައިލުމާއި، އެކުވެރިކަމާއެކު ލާމެހިގެން އުޅުމުގެ މަތިވެރި ސިފަތަކަށް، އެކުދިން ހޭނުވުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ހާއްސަ ސަމާލުކަން ދީގެން އިސްލާމްދީނުގެ ސައްހަ އަގީދާގެ މަތީގައި ތުއްތު ކުދިން ތަރުބިއްޔަތު ކުރުމަށްވެސް ރައީސް ވަނީ އެދިވަޑައިގެންފައެވެ.

މިއަދު ކުޑަކުދިންގެ ދުވަސް ފަހަގަކުރަމުންދާއިރު ރޭ ވަނީ ހދ. ކުޅުދުއްފުށީގައި ކުޑަކުއްޖަކު ގްރޫމްކޮށްގެން ގެސްޓްހައުސެއްގައި ޖިންސީގޯނާ ކުރި މައްސަލައިގައި 43 އަހަރުގެ ސިފައިންގެ މީހަކު ހައްޔަރުކޮށްފައެވެ.