ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިރޭގެ ވަގުތެއްގައި ގައުމާ މުހާތަބު ކުރައްވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއެޖެއެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ކުޑައިރުކޮޅެއްގެ ތެރޭގައި ހިއްސާ ކުރައްވާނެ ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

ރައީސް މިރޭ ގައުމާ މުހާތަބު ކުރައްވަނީ، މިރޭ އިރާކޮޅު ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ ޓެރަރިސްޓް ހަމަލާއާ ގުޅިގެން މިރޭ ކެބިނެޓުގެ ކުއްލި ބައްދަލުވުމެއް ބޭއްވުމަށް ފަހުގައެވެ. މިރޭގެ ކެބިނެޓު ބައްދަލުވުމުގައި ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާއާ ގުޅޭ ގޮތުން މަޝްވަރާ ކުރިކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

މިރޭ ގޮވާ އެއްޗެއް ބޭނުން ކޮށްގެން ރައީސް ނަޝީދަށް ހަމަލާ ދީފައި ވަނީ ރައީސް ނަޝީދުގެ ގެ ކޮޅު ގ. ކެނެރީގެއިން މަޖީދީ މަގަށް ނުކުމެވޭ މަގު ކޮޅުގައެވެ. އެ އެއްޗެއް ގޮއްވާލާފައި ވަނީ ނަޝީދު ކާރުކޮޅަށް އަރާވަޑައިގަތް ވަގުތެވެ. ހާދިސާ ހިނގާފައިވާ ސަރަހައްދުން ހަލާކުވެފައި އޮތް ސައިކަލެއްގެ ކަރިއިން ގޮވާ ޒާރުގެ ޑިވައިސް އެއް ފެނިފައިވެއެވެ. އަދި އެ ސައިކަލު އޮތީ އެ ޑިވައިސް ގޮވުމުގެ ސަބަބުން ހަލާކުވެފައި ކަމަށް ބެލެވެއެވެ. އޭގެ އިތުރުން އެ ޑިވައިސް ގޮވާ އެތިކޮޅުތައް ކައިރި ހިސާބުތަކަށް ބުރަބުރައިގެންވެސް ގޮސްފައި ހުއްޓެވެ.

މި ހާދިސާގައި 5 މީހަކަށް ވަނީ އަނިޔާވެފައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެގޮތުން އަނިޔާވި މީހުންގެ ތެރެއިން 3 މީޙުންނަކީ ސިފައިން ކަމަށާއި، 3 މީހުން މިހާރު ވަނީ ފަރުވާ އަށް ފަހު ދޫކޮށްލާފައި ކަމަށެވެ.

މީގެ އިތުރުން އަނިޔާވެފައި ވަނީ އެ ސަރަހއްދުގައި ހުރި ބިދޭސީއަކަށް ކަމަށް މައުގލޫމާތު ލިބެއެވެ.