ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށް ދިން ހަމަލާއަކީ "އެތެރެއިން ހިންގާފައިވާ އަމަލެއްކަމުގެ 90 ޕަސެންޓް ޔަގީން ކަން އެބަ އޮތް" ކަމަށް ނަޝީދުގެ އަންހެން ދަރިކަނބަލުން މީރާ ލައިލާ ނަޝީދު ވިދާޅުވެއްޖެއެވެ.

އެކަމާ ގުޅިގެން މީރާ ކުރެއްވި ޓްވީޓެއްގައި ވަނީ އެ ހާދިސާ ހިންގި އިރު ބޮޑީ ގާޑުން ކޮބާތޯ ސުވާލު ކުރައްވާފައެވެ. އަދި ބޮޑީގާޑުން ރައީސް ނަޝީދުގެ ކާރު ޗެކް ނުކުރީ ކީއްވެތޯ ވަނީ ސުވާލު ކުރައްވާފައެވެ.

މިއީ އެތެރެއިން ހިންގާފައިވާ އަމަލެއް ކަން 90 ޕަސެންޓް ޔަގީން ކަން އެބަ އޮތް
މީރާ ލައިލާ ނަޝީދު

މިރޭ އެއްޗެއް ގޮއްވާލާފައި ވަނީ ރައީސް ނަޝީދުގެ ގެ ކޮޅު ގ. ކެނެރީގެއިން މަޖީދީ މަގަށް ނުކުމެވޭ މަގު ކޮޅުގައެވެ. އެއްޗެއް ގޮއްވާލާފައި ވަނީ ނަޝީދު ކާރުކޮޅަށް އަރާވަޑައިގަތް ވަގުތެވެ.

މި ހާދިސާގައި ރައީސް ނަޝީދަަށް އެކި ވަރުގެ އަނިޔާ ވަނީ ލިބިފައެވެ. ހަމައެއާއެކު އެ ސަރަހައްދުގައި ހުރި ބިދޭސީއަކަށާއި އެމަނިކުފާނުގެ ބޮޑީގާޑެއްގެ އިތުރުން ޑްރައިވަރަށްވެސް ވަނީ އަނިޔާވެފައެވެ. މިހާރު އެމަނިކުފާނަށް ދަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ.

އެޑީކޭއިން ބުނީ ރައީސް ނަޝީދު ޒަހަމްތަކާއެކު އެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ މިރޭ 8:30 ގައި ކަމަށެވެ. އަދި އެމަނިކުފާނަށް މިހާރު ޑޮކްޓަރުންގެ ޓީމެއް ދަނީ ފަރުވާ ދެމުން ކަމަށާއި މިވަގުތު ހާލު ސީރިއަސް ނޫން ކަމަށް އޭޑީކޭއިން ބުނެއެވެ.

ރައީސް ނަޝީދަށް މިރެ ދިން ޓެރަރިސްޓް ހަމަލާ ދިނުމުގައި ބޭނުން ކުރި ކަމަށް ބެލެވޭ ޑީވައިސް އެއް

އެއްޗެއް ގޮއްވާލި ސަރަހައްދުގައި ޕާކް ކޮށްފައި ހުރި ސައިކަލުތަކަށް ވެސް ވަނީ އެކި ވަރުގެ ގެއްލުން ލިބިފައެވެ. މި ހަމަލާއަކީ އެމަނިކުފާނަށް އަމާޒުކޮށް ދީފަިއވާ ޓެރަރިސްޓް ހަމަލާއެއް ކަމަށާއި އެ އަމަލު ހިންގި މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ސިޔާސީ ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.

މި ހަމާލާ މިހާރު ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.