ގައުމެއްގެ ތަރައްގީއަށް އެންމެ ބޮޑު ދިރުމެއް އަންނާނީ، އެ ގައުމެއްގެ އަމިއްލަ ދަރިން، ގައުމު ބިނާކޮށް އާރާސްތުކުރުމުގެ މަސައްކަތާ ހަވާލުވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ ބައިނަލްއަގްވާމީ ގޮތުން މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައެވެ.

އެގޮތުން ރައީސް ވިދާޅުވީ ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި ބިދޭސީން ފުރަމުން އަންނަ ޖާގަތަކަށް، ދިވެހި ޒުވާނުން ނުކުމެ، ދިވެހިންގެ އުފެއްދުންތެރި ވިސްނުމާއެކު، ގައުމު ތަރައްގީކުރަން ފަށައިފި ނަމަ، މިހާރަށްވުރެ މާ ފުރިހަމަ ތަރައްގީއެއް ހޯދޭނެކަން ޔަގީންވާ ކަމަށެވެ. އަދި ގައުމެއްގެ ތަރައްގީއަށް އެންމެ ބޮޑު ދިރުމެއް އަންނާނީ، އެ ގައުމެއްގެ އަމިއްލަ ދަރިން، ގައުމު ބިނާކޮށް އާރާސްތުކުރުމުގެ މަސައްކަތާ ހަވާލުވެގެންކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ކޮވިޑް-19 ގެ މި ނުރައްކާތެރި ހާލަތުގައި ގިނަ އަދަދެއްގެ މަސައްކަތްތެރިންނަށް ވަރަށް ނިކަމެތި ގޮތްތައް މެދުވެރިވެގެން ދިޔަކަން ފާހަގަކުރައްވާފައިވެއެވެ.

މި ސަރުކާރުން އެފަދަ ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކޮށްދިނުމުގެ ގޮތުން، 16000 އަށް ވުރެ ގިނަ ބިދޭސީ މަސައްކަތްތެރިން، މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި، އެމީހުންގެ ގައުމަށް އަނބުރާ ފޮނުވައިދީފައިވާނެކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައިސް ވިދާޅުވީ މަސައްކަތްތެރިންނާ ގުޅިފައިވާ އެކި މައްސަލަތައް ހައްލުކޮށް، އެމީހުންގެ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށް، ވަރަށް ހާއްސަ އިސްކަމެއް ދީގެން ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ.

އެގޮތުން ރާއްޖޭގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން، އެންމެ ކުޑަމިނުން ދޭންޖެހޭނެ އުޖޫރަ ކަނޑައެޅުން ފަދަ ގާނޫނަށް ގެނައި މުހިންމު ބަދަލުތަކުގެ މައްޗަށް ރައީސް އަލިއަޅުވާލައްވާފައެވެ.

ރައީސް ވަނީ ގައުމުގެ ތަރައްގީއަށް މަސައްކަތްތެރިން އަދާކުރަމުންދާ މުހިންމު ދައުރު ފާހަގަ ކުރައްވާފައެވެ. އެގޮތުން ކޮންމެ ގައުމެއްގައިވެސް، މަސައްކަތްތެރިންނަކީ، އެ ގައުމެއްގެ ތަރައްގީގެ ތަސައްވުރުތައް ހަގީގަތަކަށް ހަދައިދޭ މީހުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ތަމައްދުންގެ ރީތި ކުލަތަކުން މުޖްތަމައި ޒީނަތްތެރިވެ، ނަމޫނާ ހަޟާރަތެއް ބިނާވެގެން ދަނީ، އެމުޖްތަމައެއްގެ މަސައްކަތްތެރިން ކުރާ ބުރަ މަސައްކަތުގެ ސަބަބުން ކަމަށާ، އިލްމީ ވިސްނުންތަކާއި އުފެއްދުންތެރި ފިކުރުތަކަށް، އަމަލީ ސިފަ ގެނެސްދޭ ބަޔަކީ ވެސް، އެމުޖްތަމައެއްގެ މަސައްކަތްތެރިން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ހިތާބުގައި އެމަނިކުފާނުވަނީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ އެންމެހާ މުވައްޒަފުންނަށާއި މަސައްކަތްތެރީންނަށް، އަދި އެމީހުންގެ އާއިލާތަކަށް މަރުހަބާ އާ ތަހުނިޔާފޮނުވާފައެވެ. އަދި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދީ، ހައްގުތައް ލިބިދިނުމަށް، މުޅި މުޖްތަމައު އެކުގައި މަސައްކަތްކުރުމަށް ބާރުއަޅުއްވާފައެވެ.