މަސައްކަތްތެރިންގެ ރައްކާތެރިކަމާ ބެހޭ ގާނޫނެއް މިއަހަރު ތެރޭ ހަދާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެއެވެ.

ފައްޔާޒު އެހެން ވިދާޅުވީ މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެންނެވެ.

އެގޮތުން ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިދިޔަ އަހަރަކީ މަސައްކަތްތެރިންނަށް ވަރަށް ބުރަ، އަދި ދަތި އަހަރަކަށް ވެގެން ދިޔަ ނަމަވެސް މިއަހަރަކީ މަސައްކަތްތެރިންނަށް ވަރަަށް އުންމީދީ އަހަރަކަށް ވެގެންދާނެ ކަމަށެވެ.

އެގޮތުން މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެެރިކަމާބެހޭ ގާނޫނެއް މިއަހަރު ތެރޭ ހުށަހަޅާ ފާސްކުރާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ޓްވީޓު ކުރައްވާފައެވެ.

އެގޮތުން ރައީސް ކުރެއްވި ޓްވީޓުގައި ވިދާޅުވީ ކޮވިޑާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވި ގެއްލުމުން އަރައިގަތުމަށް މަސައްކަތްތެރިން ކުރި ބުރަ މަސައްކަތުގެ ރަނގަޅު ނަތީޖާ ފެންނަން ފަށައިފައިވާ ކަމަށާއި ރާއްޖޭގެ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރު ކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދަވާނެ ކަމަށެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް އެމްޑީޕީން ހުއްޓާނުލާނެ ކަމަށާއި މަސައްކަތްތެރިންގެ ހައްޤުގައި އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށެވެ.

އެގޮތުން އެމްޑީޕީން ކުރި މަސައްކަތުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ސާވިސް ޗާޖު މިހާރު ކަށަވަރު ކޮށްދެވިފައި ވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މޭ ޑޭ ނުވަތަ މަސައްކަތްތެރިންގެ ދުވަހަކީ ކޮންމެ އަހަރަކު މެއި އެއްވަނަ ދުވަހު މުޅި ދުނިޔޭގައި ފާހަގަ ކުރަމުން އަންނަ ދުވަހެކެވެ.