އަމާން އިންތިހާބަކަށް މަގުފަހިކުރުމަށް 2000 ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.

ފުލުހުން ބުނީ ލޯކަލް ކައުންސިލް އިންތިހާބު އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ރައްކާތެރި އަދި އަމާން އިންތިހާބަކަށް ހެދުމަށް އޮޕަރޭޝަން "ބްލޫރޭ 2021" ގައި 2000 އަށްވުރެ ގިނަ ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

މި އިންތިހާބުގައި ލޯކަލް ކައުންސިލްތަކަށް 2234 ކެންޑިޑޭޓުން ކުރިމަތި ލާފައިވާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް 1580 ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ.

އިންތިހާބުގެ ވޯޓުލުން ކުރިއާށް ދާއިރު، އިންތިހާބަކާ ނުލާ ބައެއް މެންބަރުން ވަނީ ހޮވިފައެވެ.

އެގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ 31 ދާއިރާއަކަށް 90 މެންބަރުން އިންތިހާބު ވެފައިވާއިރު، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ 22 މަގާމަކަށް 30 މެންބަރުން އިިންތިހާބު ވަނި އިންތިހާބު ވެފައެވެ.

މި އިންތިހާބުގައި ޖުމްލަ 713 ފޮއްޓަކަށް ވޯޓުލާން ހަމަޖެހިފައިވާއިރު މާލެ، ހުޅުމާލެ ވިލިމާލެގައި 242 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އަތޮޅުތައް، ކުޅުދުއްފުށި ސޮޓީ، ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީގައި 325 ވޯޓު ފޮށި ބަހައްޓާފައިވާއިރު ރިސޯޓުތަކުގައި 137 ވޯޓު ފޮށި އަދި ޖަލުގައި 4 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އަދި ލަންކާގައި ހަތަރު ފޮށި އަދިި އިންޑިއާގައި އެއް ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.