ރައްޔިތުންނާ ދުރުގައި އެކަހެރި ތަނެއްގައި ރައީސް އަބްދުﷲ ޔާމީނު ފޮރުވައިގެން ސަރުކާރުން ގެންގުޅެނީ ޕީޕީއެމްގެ ފިކުރު ދެކެ ބިރުގަންނާތީ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން އެހެން ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ދަރިކަލުން ޒައިން އަބްދުﷲ ޔާމީން މެދުވެރިކޮށް ފޮނުއްވި ވީޑިއޯ މެސެޖެއްގައެވެ.

އެގޮތުން އެމެސެޖުގައި ރައީސް ޔާމީން ވިދާޅުވީ 2013 ވަނަ އަހަރު ރާއްޖޭގެ ޒައާމަތާ ހަވާލުވެވަޑައިގެން ރާއްޖޭގެ އިގުތިސާދު ކޮޅަށް ޖައްސަވައި ދެއްވި ކަމަށާއި ހައްލުކުރެވޭނެ ކަމުގައި ކުރިން ގަބޫލުކުރެވިފައި ނެތް ގައުމީ މަސްލަހަތާ ގުޅުން ހުރި މައްސަލަތައް ހައްލުކުރެއްވި ކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ފުރިހަމަ ސިޔާދަތާއި މިނިވަންކަމުގައި އޮތް ރައްޔިތުން ފަހުރުވެރިވާ ފަދަ ގައުމަކަށް ދިވެހިރާއްޖެ ހައްދަވައި ދެއްވާފައިވާ ކަމަށެވެ. ނަމަވެސް ކަންކަން ކޮށްދެއްވުމުގެ ނަތީޖާއަކަށް ވީ ވާދަވެރި ސިޔާސީ ފަރާތްތަކާއި އެ ފަރާތްތަކަށް ވާގިވެރިވާ ބޭރުގެ ފަރާތްތައް ގުޅިގެން އެމަނިކުފާނު ޖަލަށްލުން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އޭގެ އިތުރުން ބަވަނަ ވެފައިވާ ކުޑަ ޖަޒީރާ ގައުމަކަށް ދުނިޔޭގައި ހަމަ އިސްކޮޅަށް ތެދުވެވޭނީ ވަރަށް ސާބިތުކަމާއެކު ނުކުމެގެންކަން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ގަބޫލުކުރެއްވި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެދަތުރަކީ ފަސޭހަ ދަތުރަކަށް ނުވާނެ ކަން ގަބޫލު ކުރެއްވި ކަމަށާއި އެ ދަތުރު ފެށީ ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިން ކަމަށް ދެކިގެން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އެދަތުރަކީ ފަސޭހަ ދަތުރަކަށް ނުވާނެ ކަން ހިތާ ނަފްސުން ގަބޫލު ކޮށްގެން، ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިން ކަމަށް ދެކިގެން، ބޮޑެތި ނުފޫޒުތަކުގެ ފަލްސަފާ އާ ދެކޮޅުވެގެން، ޕީޕީއެމް / ޕީއެންސީގެ ފިކުރަކީ އެއީ، މިއީ ގައުމީ ފިކުރު، މިފިކުރުގެ ރައްޔިތުންގެ ލޭ ހިނގާހާ ހިނދަކު މިގައުމަށް ވާނެ ގޮތެއް ވާން ދޫކޮށްނުލާނެ ކަން އަޅުގަނޑަށް ޔަގީން، ތިޔަ ލޮބުވެތި ރައްޔިތުންނާ ދުރުގަ، އެކަހެރި ތަނެއްގައި އަޅުގަނޑު ފޮރުވައިގެން އެ ގެންގުޅެނީ އެބޭފުޅުން މި ފިކުރު ދެކެ ބިރުން،
ކުރީގެ ރައީސް އަބްދުﷲ ޔާމީން

އެހެންނަމަވެސް އެމަނިކުފާނަކީ އެފަދަ ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ޖައްސަވާނެ ފަރާތެއް ނޫން ކަމަށާއި އަމިއްލަ އުފަލާއި، ހިތްހަމަޖެހުމަށް ވުރެ އިސްކުރާނީ ދިވެހި ރައްޔިތުންގެ މަސްލަހަތު ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

އޭގެ އިތުރުން މުހިއްމީ ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، މި ގައުމުގެ އިސްތިގުލާލު ކަމަށާއި ބޭރު މީހުން މި ގައުމުގެ ކަންކަމުގެ ތެރެއަށް ވަދެ ގޮތް ކިޔައިގެން ނުވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެމަނިކުފާނު ކުށެއް ނުކުރައްވާ ކަމަށާއި އެކަމުގައި އެމަނިކުފާނުގެ ޒަމީރު ސާފު ކަމަށެވެ. އަދި ޖަލަށް ލައިގެން އަދި އިންސާފު ނުދީ ބަހައްޓައިގެން އުޅެނީ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރައްވާނެކަން ސިޔާސީ ވާދަވެރިންނަށް އެނގިވަޑައިގަންނަވާތީ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ހަގީގީ އަނިޔާއަކީ ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރައްވަފާނެތީ ބިރުން ޖަލަށް ލުން ކަމަށް ރައީސް ޔާމިން ވަނީ ވިދާޅުވެފައެވެ. އަދި ޖަލުން މިނިވަންވެވަޑައިގެން ދިވެހިންނާ ބައްދަލުކުރައްވާނީ މައުސޫމު ބޭފުޅެއްގެ ގޮތުގައި ކަމަށް ރާއީސް ޔާމީން ވިދާޅުވިއެވެ.