މާތް ސަހާބީންނާއި އެބޭކަލުންނަށް ތަބާވެވަޑައިގެންނެވި ތާބީން އަދި އޭގެ ފަހުން ވަޑައިގެންނެވި ސަލަފުއްސާލިހުން ރަމަޟާން މަހާ މެދު ވަރަށް ހާއްސަ އަހައްމިއްޔަތު ކަމެއް ބަހައްޓަވައެވެ. އަދި އެ މައްސަރު އަންނާތީވެ އެކަމާ ވަރަށް ބޮޑަށް އުފާ ކުރައްވައެވެ. ރަމަޟާން މަހާ ބައްދަލުވުމުގެ ހެޔޮ ނަސީބު ދެއްވުން އެދި މާތް ﷲ ގެ ހަޟްރަތުގައި ދުއާ ކުރައްވައެވެ. އަދި ރަމަޟާން މަސް ނިމިއްޖެ ނަމަ، އެ މައްސަރުގައި ކުރި އަޅުކަން ގަބޫލުކޮށް ދެއްވުން އެދި ދުއާ ކުރައްވައެވެ. އެމައްސަރުގެ ދުވާލުގެ ވަގުތު ތަކުގައި ރޯދައަށް ތިއްބަވައެވެ. އަދި ރޯދަ ބާތިލް ވެދާނެ ނުވަތަ އެ ރޯދައަށް އުނިކަމެއް އަތުވެ ދާނެ ކޮންމެ ކަމަކުން ދުރުހެލިވެ ރައްކާތެރިވެލައްވައެވެ.
އެގޮތުން ބޭކާރު ވާހަކަ ދެއްކުމާއި، ޣީބަބުނުމާއި، ދެބައޮޑުވުމާއި، ދޮގުހެދުން ފަދަ ކަންތަކުން ސަލާމްތްވެ ތިއްބަވައެވެ. އެމައްސަރުގެ ރޭގަނޑުގެ ވަގުތުތައް ރޭ އަޅުކަން ކުރުމާއި ގުރްއާން ކިޔެވުމުގައި ހޭދަކުރައްވާ އެމައްސަރުގެ ރޭތައް އިޙްޔާ ކުރައްވައެވެ. ފަގީރުންނާއި މިސްކީނުންނަށް އެހީތެރިވެ، ކާންދީ، ސަދަގާތް ކުރުން އިތުރު ކުރައްވައެވެ. ރޯދަވެރިންނަށް ރޯދަ ވީއްލާނެ އެއްޗެއް ދެވޭތޯ ބައްލަވައެވެ. ﷲ އަށް ކިޔަމަންތެރިވުމުގައި އެބޭކަލުންގެ އަމިއްލަ ނަފްސުތަކުން ޖިހާދު ކުރައްވައެވެ. އަދި ﷲ ގެ ކަލިމަފުޅު މަތިވެރި ކުރުމަށްޓަކައި ދީނުގެ އަދާވާތްތެރިންނާއި ދެކޮޅަށް ޖިހާދު ކުރައްވައެވެ.
މުސްލިމުންގެ އަދުއްވުންގެ މައްޗަށް ބޮޑުވެގެންވާ ނަސްރެއް ބަދުރު ހަނގުރާމާގައި ލިބިފައި ވަނީ ރަމަޟާން މަހެއްގެ 17 ވަނަ ދުވަހުގައެވެ. މީސްތަކުން ﷲ ގެ ދީނަށް ފައުޖުތަކަށް ވަންނަން މެދުވެރިވި، އަދި މައްކާއަކީ އިސްލާމީ ދައުލަތެއްކަ މުގައި ވެގެން ދިޔަ، މައްކާ ފަތަހަ ކުރެއްވުމުގެ ހަނގުރާމަ ހިނގާފައި ވަނީ ރަމަޟާން މަހެއްގެ 20 ވަނަ ދުވަހުއެވެ. އެހެންކަމުން ބައެއް މީހުން ހީކުރާ ގޮތަށް ރަމަޟާން މަހަކީ ކަންނެތް ކަމާއި ނިދުމުގެ މައްސަރެއް ނޫނެވެ. އެއީ ޖިހާދުކޮށް، އަމަލުތައް ގިނަކޮށް، އަޅުކަން އިތުރުކުރުމުގެ މައްސަރެވެ.
ރަމަޟާން މަހާއި ބައްދަލު ކުރަން ޖެހޭނީ ހިތްހެޔޮކަމާއި އުފާވެރިކަމާއި ދީލަތި ކަމާއި ހިތްވަރާ އެކުގައެވެ. މީސްތަކުން ޖަހާލަތުގެ އަނދިރި ކަމުން ހިދާޔަތުގެ އަލިކަމަށް ނެރުއްވުމަށްޓަކައި ބާއްވާ ލެއްވި މުސްލިމުންގެ ދުސްތޫރު ބާއްވާ ލައްވާފައި ވަނީ ރަމަޟާން މަހެއްގައެވެ. އެ މައްސަރެއްގައި ރޯދަ ހިފުން ލާޒިމު ކުރައްވާފައި ވަނީ ރަމަޟާން މަހުގައެވެ. ފާފަތައް ފޮހެވި، ދަރަޖަ މަތިވެރިވެ، ހެޔޮކަންތައްތައް އިތުރުވެ، ޝައިތޯނުން ކަސްތޮޅު އެޅުވި، ނަރަކައިގެ ދޮރު ކޮޅުތައް ބަންދު ކުރެވި، ސުވަރުގޭގެ ދޮރު ކޮޅުތައް ހުޅުވިގެންދާ މައްސަރަކީ ރަމަޟާން މަހެވެ.
އުމުރުގެ ޒުވާންކަމާއި، ހެޔޮ ސިއްހަތެއްގައި ވީ ހާލު މިފުރުސަތުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފަން ވާނެއެވެ. އެހެންކަމުން ހެޔޮ އަމަލުތައް ގިނަކޮށް، ﷲ އަށް ފުރިހަމައަށް ކިޔަމަންތެރިކަން އަދާކޮށް، ފުރިހަމަ ތައުބާ އަކުން ތައުބާ ވާން ޖެހެއެވެ. ކާމިޔާބު ލިބިގެންވާ މީހުންގެ ތެރޭގައި ވުމަށް ޓަކައި ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަންތެރިވެ، ނަހީތަކުން ދުރުހެލިވެ ރައްކާތެރިވާންވާނެއެވެ.
ރަމަޟާން މަހާއި އެހިނިހެން މަސްތަކުގައިވެސް ﷲ ވާޖިބު ކުރައްވާފައިވާ ކަންތަކާއި މުސްތަޙައްބު ކުރައްވާފައިވާ ކަންތަކަށް ރައްކައުތެރިވެ، ހަރާމްކަންތައްތަކާއި މަކްރޫހަ ކަންތައް ދޫކޮށްލަން ޖެހެއެވެ.
މި މިއްސަރާ ކުރިމަތިލާން ވާނީ މީސްތަކުންނަށް ތަބާވުމާއި، އާދަކާދަތައް ދޫކޮށްލާފައި، އީމާންކަމާ އެކު، ދަރުމައާއި ސަވާބަށް އެދި، ރޭ އަޅުކަމާއި ރޯދަ ހިފުމުގެ ވަރުގަދަ އަޒުމުގައެވެ. އަދި ނަރަކައިން ސަލާމަތްވެ، ﷲ ގެ މަޣްފިރަތް ހާސިލް ކުރުމަށްޓަކައި ހަރާމް ކުރެއްވި އެއްޗެތި އަޑުއެހުމާއި، ހަރާމް ކުރެއްވި ތަންތަނަށް ބެލުމާއި، ހަރާމް ކުރެއްވި ވާހަކަ ދެއްކުމުން އަޅުގަނޑުމެންގެ ގުނަވަންތައް ރައްކާތެރިކުރުމަށް އަޒުމް ކުރަން ޖެހެއެވެ.
ރޯދަވެރިޔާގެ އަދަބުތަކަށް ހުރުމަތް ތެރިކޮށް ހިތަން ޖެހެއެވެ. އެގޮތުން ހާރުކެއުން ލަސްކުރުމާއި ރޯދަވިއްލުން އަވަސްކުރުން، އަދި ހެޔޮ އަމަލުތައް ގިނަކުރުން، އަދި ރޯދައަށް ހުއްޓާ މީހަކު ހަޑިހުތުރު ބަހުން މުހާތަބްކޮށްފި ނަމަ ތިމަންނާ މިހުރީ ރޯދަޔަށޭ ބުނުން ހިމެނިގެން ވެއެވެ.
އަޅުގަޑުމެންގެ ނަމާދާއި ރޯދަ، އަދި އެނޫންވެސް އެންމެހައި ޢަމަލުތަކުގައި އިޚްލާޞްތެރިވާންޖެހެއެވެ. އެހެނީ އިޚްލާޞްތެރިކަން ނެތިއްޖެނަމަ މާތް ﷲ އެއްވެސް ޢަމަލެއް ގަބޫލެއް ނުކުރައްވާނެއެވެ. މީގެ އިތުރުން ކޮންމެ ހެޔޮ އަމަލެއް ވެސް ކުރަން ވާނީ މާތް ﷲ ގެ ރަސޫލާ ދެއްކެވި މާތް ނަމޫނާގައި ހިފައިގެންނެވެ. ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ގޮތުން ރޭއަޅުކަން ގިނަކުރަން ޖެހެއެވެ. މިގޮތުން ތަރާވީޙް ނަމާދަށް ހާއްސަ ސަމާލުކަމެއް ބަހައްޓަން ޖެހެއެވެ. އެގޮތުން އިމާމާ އެކު ތަރާވީޙް ނިމެންދެން ބައިވެރިވުމަކީ ދަރުމަ އިތުރުވެގެން ދާނެ ކަމެއް ކަމުން އެކަމަށް ހާއްސަ ސަމާލު ކަމެއް ދޭން ޖެހެއެވެ.
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވައެވެ. (مَنْ قَامَ مَعَ الْإِمَامِ حَتَّى يَنْصَرِفَ كُتِبَ لَهُ قِيَامُ لَيْلَةٍ) މާނައަކީ: "އިމާމާ ނިމެންދެން އޭނާއާއި އެކުގައި ނަމާދުކުރުމުގައި ދެމިހުރެއްޖެނަމަ މުޅިރޭ އަޅުކަން ކުރުމުގެ ޘަވާބާއި ދަރުމަ ދެއްވާނެއެވެ".
ހަމަ އެއާއެކު، ރަމަޟާން މަހުގެ ފަހު ދިހައިގެ ރޭ ތަކުގައި އިތުރަށް އަޅުކަމައިގެން މަޝްއޫލުވުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. ސަބަބަކީ ފަހުދިހައިގެ ރޭ ތަކުގެ ތެރެއިން ރެ އެއްގައި ލައިލަތުލް ގަދްރި ވިލޭރޭ ލައްވާފައި ވުމެވެ. އެރެޔަކީ އެއްހާސް މައްސަރަށް ވުރެ ހެޔޮކަން ބޮޑު ރެއެކެވެ. އެރޭ ކުރާ އެންމެ އަޅުކަމަކީ އެހެން 83 އަހަރާއި 4 މަސްދުވަހު ކުރާ އަޅުކަމާ އެއްވަރުގެ އަޅުކަމެކެވެ.
މާތް ﷲ ރުއްސުންލެއްވި ޢާއިޝާ ރަޟިޔަﷲ ޢަންހާ ވިދާޅުވިއެވެ. (أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يَجْتَهِدُ فِيْ الْعَشْرِ الْأَوَاخِرِ مَالَا يَجْتَهِدُ فِيْ غَيْرِهَا) މާނައަކީ: " އެހެންދުވަސްތަކުގައި އަޅުކަމައިގެން ނޫޅުއްވާ ވަރަށް ރަމަޟާން މަހުގެ ފަހު ދިހައިގައި ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ އަޅުކަމައިގެން އުޅުއްވައެވެ". އަދިވެސް އެކަމަނާ ވިދާޅުވިއެވެ. (كَانَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ إِذَا دَخَلَ الْعَشْرُ شَدَّ مَأْزَرَهُ وَأَحْيَا لَيْلَهُ وَأَيْقَظَ أَهْلَهُ) މާނައަކީ: "ރަމަޟާންމަހުގެ ފަހުދިހަވަދެއްޖެނަމަ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިޒާރުކޮޅު ބާރުކުރައްވާ، ރޭތައް އިޙްޔާ ކުރައްވާ، އަހްލުވެރިން ހޭލައްވައެވެ".
ލައިލަތުލް ގަދްރި ވިލޭރެއަކީ އެރެއެއްގައި ގުރްއާން ބާވާލެއްވުމުގެ ސަބަބުން އެރެއެއް މާތް ﷲ ޝަރަފްވެރިކޮށްދެއްވި ރެއެވެ. އެރެއެއްގެ ފަތިސްވުމަށް ދާންދެން މަލާއިކަތުންނާއި ޖިބްރީލް ޢަލައިހިއްސަލާމް ބިމަށް ފައިބާވަޑައިގަންނަވާ ރެއެވެ. އީމާން ކަމާއި ދަރުމައަށް އެދި އެރޭ ރޭއަޅުކަން ކޮށްފި މީހެއްގެ އިސްވެދިޔަ ހުރިހާ ފާފަތަކެއް ފުއްސަވާނެ ރެއެވެ. އެހެންކަމުން ކޮންމެ މުސްލިމެއްގެ މައްޗަށް ވެސް ލާޒިމްވެގެން ވަނީ ފަހު ދިހައިގެ ރޭތަކުގައި ނަމާދުކޮށް، ގުރްއާންކިޔަވާ، ތައުބާވެ، ފާފަފުއްސެވުން އެދި ގިނަގިނައިން ދުއާކޮށް، ސުވަރުގޭގެ މަތިވެރި ނިއުމަތަށް އެދި، ނަރަކައިގެ ބިރުވެރި އަޒާބުން ސަލާމަތްކޮށް ދެއްވުން އެދި ގިނަގިނައިން މާތް ﷲ ގެ ޙަޟްރަތުގައި ދެންނެވުމެވެ. ލައިލަތުލް ގަދްރިވިލޭރޭގެ މަތިވެރިކަން ޙާޞިލްވުމަށް އެދިގެންނެވެ.
މުސްލިމުންގެ މައްޗަށް ލާޒިމްވެގެން ވަނީ ރަމަޟާން މަހުގައި ވެސް އަދި އެ ނޫން މަސްތަކުގައި ވެސް ގިނަގިނައިން ގުރްއާން ކިޔަވާ އޭގެ މާނައާއި މެދު ފިކުރު ހިންގުމެވެ. އޭރުން ގިޔާމަތްދުވަހުން އެގުރްއާން އޭނާ އަށް ހުއްޖަތެއް ކަމުގައި އަދި ޝަފާއަތް ތެރިއެއް ކަމުގައި ވާނެއެވެ.
ގުރްއާން ކިޔަވާ މީހަކު ދުނިޔެ އާއި އާހިރަތުގައި ވެސް ގެއްލި ހަލާކުވެގެން ނުދާނެކަން އަންގަވާ ސޫރަތު ޠާހާ ގެ 123 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރެއްވިއެވެ. (فَمَنِ اتَّبَعَ هُدَايَ فَلَا يَضِلُّ وَلَا يَشْقَى) މާނައަކީ: "ފަހެ ތިޔަބައިމީހުންކުރެ ތިމަން ﷲ ދެއްވި ތެދުމަގަށް ތަބާވެއްޖެ މީހަކީ ގެއްލެވި އަދި އުނދަގޫތައް އުފުލާން ޖެހޭނޭ މީހެއްނޫނެވެ".
މިސްކިތުގައި އެކަކު އަނެކަކަށް ގުރްއާން ކިޔަވަން ދަސްކޮށް، ގުރްއާނުގެ އިލްމު އުނގެނުމަކީ ވެސް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވައެވެ. (وَمَا اجْتَمَعَ قَوْمٌ فِيْ بَيْتٍ مِنْ بُيُوْتِ اللهِ يَتْلُوْنَ كِتَابَ اللهِ وَيَتَدَارَسُوْنَهُ بَيْنَهُمْ إِلَّا نَزَلَتْ عَلَيْهِمُ السَّكِيْنَةَ وَغَشِيَتْهُمُ الرَّحْمَةَ وَحَفَّتْهُمُ الْمَلَائِكَةَ وَذَكَرَهُمُ اللهُ فِيْمَنْ عِنْدَهُ) މާނައަކީ: "ﷲ ގެ ގެކޮޅުތަކުގެ ތެރެއިން ގެއެއްގައި ބަޔަކު މީހުން ޖަމަޢަވެ ގުރްއާން ތިލާވަތުކޮށް، އެ މުދާރަސާކުރާކަމަށްވަނީނަމަ، އެބައެއްގެ މައްޗަށް މަޑުމައިތިރިކަން ބާވާލައްވާނެއެވެ. އަދި އެބައިމީހުންގެ މައްޗަށް މާތް ﷲ ގެ ރަޙްމަތް ފުރިގެން ދާނެއެވެ. އަދި އެބައިމީހުން ވަށައިގެން މަލާއިކަތް ބޭކަލުންވާނެތެވެ. އަދި ﷲ ގެ ޙަޟްރަތުގައިވާ މަލާއިކަތް ބޭކަލުންގެ އަރިހުގައި އެބައިމީހުންގެ ވާހަކަ ޛިކުރުކުރައްވާނެއެވެ".
ރޯދައަށް ހުންނަ ގަޑީގައްޔާއި ރޭގަނޑުގެ ވަގުތުތަކުގައި ވެސް ގިނަގިނައިން ދުއާ ކުރަން ވާނެއެވެ.
އަދިވެސް ޙަދީޘް ކުރައްވައެވެ. "إِنَّ فِيْ اللَّيْلِ سَاعَةً لَّا يُوَافِقُهَا مُسْلِمٌ يَّسْأَلُ خَيْرًا مِّنْ أَمْرِ الدُّنْيَا وَالْآخِرَةِ إِلَّا أَعْطَاهُ إِيَّاهُ وَذَلِكَ كُلَّ لَيْلَةٍ" މާނައަކީ: "ރޭގަނޑުގައި ވަގުތެއްވެއެވެ. ދުނިޔެ އާއި އާޚީރަތުގެ ހެވަށްއެދި މުސްލިމަކު އެވަގުތުގައި ދަންނަވައިފިނަމަ މާތް ﷲ އެކަމެއް ދެއްވާނެއެވެ. އެގޮތުގައި ކޮންމެ ރެއަކުވެސް ވޮޑިގެންވެއެވެ". މާނައަކީ ކޮންމެ ރެއަކުވެސް އެވަގުތު ކޮޅެއްވެއެވެ.
ރޯދަ އަށް ހުންނަ ގަޑީގައްޔާއި ރޯދަވިއްލާ ގަޑީގައި ދުއާ ކުރުމަށް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަރަށް ބޮޑަށް ބާރު އަޅުއްވާފައި ވެއެވެ. ރޯދަ ވިއްލާ ގަޑީގައި ކުރާ ދުއާ އަކީ އިޖާބަ ކުރައްވާނެ ދުއާއެއް ކަން ވެސް ބަޔާންކޮށް ދެއްވާފައި ވެއެވެ. މާތް ﷲ އަޅުގަޑުމެންނަށް އަންގަވާފައި ވަނީ ދުއާ ކުރުމަށެވެ. އެކަލާނގެ އެދުއާ އިޖާބަ ކުރައްވާނެ ކަން ވެސް އަންގަވާފައި ވެއެވެ.
ސޫރަތު ޣާފިރުގެ 60 ވަނަ އާޔަތުގައި ވަޙީ ކުރެއްވިއެވެ. (وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ) މާނައަކީ: "ތިޔަބައިމީހުން ހައްދަވައިގެންގުޅުއްވާ އިލާހް އަންގަވައެވެ. ތިޔަބައިމީހުން ތިމަން ﷲ ގެ ޙަޟްރަތަށް ދުޢާ ކުރާށެވެ. ތިމަން ﷲ އެދުޢާ އިޖާބަކުރައްވާ ހުށީމެވެ".
އިންސާނާގެ ހަޔާތުގައި މިވާ މަދު ދުވަސްކޮޅު މާތް ﷲ ގެ ރުހިވޮޑިގަތުން ހޯދުމުގައި ހޭދަ ކުރުމަކީ ކޮންމެހެން އެދެވިގެންވާ ކަމެކެވެ. އަދި ގެއްލުން ދެނިވި އެންމެހައި ކަންތަކުން ދުރުހެލިވެ ރައްކާތެރިވާން ޖެހެއެވެ. ހާއްސަ ގޮތެއްގައި ރަމަޟާންމަހުގެ ދުވަސްތަކެވެ. އެޔަކީ ބަދަލު ލިބޭނެ ދުވަސްތަކެއް ނޫނެވެ.
އެހެންކަމުން މި މާތް މައްސަރާއި ބައްދަލުވެއްޖެމީހާ އެ މައްސަރުގެ ވަގުތުތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަން ވާނެއެވެ. މިގޮތުން ފަތިސް ނަމާދުކޮށްގެން އިރު އަރަންދެން މިސްކިތުގައި ޒިކުރު ކުރުން މަތީ ދެމި ހުރުން މުހިންމެވެ. އިރުއަރާތާ ގާތްގަޑަކަށް 15 ވަރަކަށް މިނިޓް ފަހުން ޟުޙާގެ ވަގުތު ވަންނާނެއެވެ. އެހިސާބުން ޟުޙާ ނަމާދުގެ ދެރަކްޢަތް ކޮށްލައިގެން މިސްކިތުން ފޭބުމުން ޙައްޖަކާއި ޢުމްރާ އެއް ކުރުމުގެ ދަރުމަ އާއި ޘަވާބު ލިބޭނެއެވެ.
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. (مَنْ صَلَّى الْفَجْرَ فِيْ جَمَاعَةٍ ثُمَّ قَعَدَ يَذْكُرُ اللهَ حَتَّى تَطْلُعَ الشَّمْسَ ثُمَّ صَلَّى رَكْعَتَيْنِ كَانَ لَهُ كَأَجْرِ حَجَّةٍ وَعُمْرَةٍ تَامَّةٍ تَامَّةٍ تَامَّةٍ) މާނައަކީ: "ޖަމާޢަތުގައި ފަތިސްނަމާދުކޮށް، އިރުއަރަންދެން މާތް ﷲ ޒިކްރު ކުރުން މަތީ ދެމިހުރެ، ދެރަކްޢަތް ނަމާދެއް ކޮށްފި މީހަކަށް ޙައްޖަކާއި ޢުމްރާ އެއް ކުރުމުގެ ޘަވާބު ލިބޭނެއެވެ. ފުރިހަމަކޮށްނެވެ. ފުރިހަމަ ކޮށްނެވެ، މިހެން ދެފަހަރަށް ޙަދީޘް ކުރެއްވިއެވެ".
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަޞްޙާބުން ކަންތައް ކުރައްވާފައި ވަނީ ވެސް ހަމަ އެގޮތަށެވެ.