ހއ. ކެލާ ލިލީ ހައުސްގައި ރަށު މިއުޒިއަމް އެއް ގާއިމު ކުރުމަށް އެތަން މަރާމާތުކޮށް ތަރައްގީ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން ދާ ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން ބުނީ ކެލާ، ލިލީ ހައުސްއަކީ ޒަމާނުއްސުރެ އެރަށުގައި މައުލޫދު ގެއެއްގެ ގޮތުގަ އާއި މަދަރުސާއެއްގެ ގޮތުގައި ބޭނުން ކުރަމުން އައި އިމާރާތެއް ކަމަށެވެ.

ލިލީ ހައުސް އިމާރާތްކުރުމުގެ މަސައްކަތް ފަށާފައިވަނީ 1940ގެ އަހަރުތަކުގެ ފަހުކޮޅު ކަމަށާއި އެ މަސައްކަތް ނިމިފައިވަނީ 1950ގެ އަހަރުތަކުގެ ކުރީކޮޅުގައި ކަމަށް މިނިސްތްރިން ބުނެއެވެ. އަދި ލިލީ ހައުސްއަކީ ރާއްޖޭގައި ހުރި އެފަދަ އާސާރީ އިމާރާތްތަކުގެ ތެރެއިން ފަރުމާގެ ގޮތުން ފާހަގަކޮށްލެވޭ އިމާރާތެއް ކަމަށް ވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ލިލީ ހައުސް މަރާމާތުކޮށް ތަރައްގީ ކުރުމުގެ މަސައްކަތް ނިމުމުން އެ އިމާރާތް ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ކެލާ ރަށު ކައުންސިލުން ރަށުގައި ހިންގާ، ރަށު މިއުޒިއަމް/ގެލެރީއެއްގެ ގޮތުގައި ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ އެތަން ތަރައްގީ ކުރެވިގެން ދާނީ ރަށުގެ ސަގާފަތާއި ތަރިކަ މައުރަޒުކޮށް، އެތަކެއްޗާއި ގުޅޭ މައުލޫމާތު ދިނުމުގެ އިތުރުން ފަންނީ މައުރަޒުތައް ވެސް ބޭއްވޭނެ ގޮތަށް ކަމަށެވެ.

ހައުސް މަރާމާތުކޮށް ތަރައްގީ ކުރުމަށްފަހު އެ އިމާރާތުގައި ރަށު މިއުޒިއަމް/ގެލެރީއެއް ގާއިމްކުރުންވެގެންދާނީ ކެލާގައި ސަގާފީ ފަތުރުވެރިކަން ތަރައްގީކުރުމަށް އެޅޭ މުހިއްމު ފިޔަވަޅަކަށް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ލީލީ ހައުސް މަރާމާތު ކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އަކަ އިންވެސްޓްމެންޓާއެވެ. އެއީ 4 ލައްކަ ރުފިޔާ އަށެވެ. އެ އެއްބަސްވުމުގައި ސޮއެކޮސްފައިވަނީ ފެބްރުއަރީ 3، 2021 ގައެވެ.