ލައިސަންސް ނެތި ޖޫރިމަނާކޮށްފައިވާ އުމުރުން 18 އަހަރުން ދަށުގެ ކުދިން އަދި ޒުވާނުންގެ ހަޔާތުގައި ޖެހިފައިވާ "ބުރެކި" ނައްޓުވައިދޭން ޖެހޭ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ހަސަން ލަތީފް މިހެން ވިދާޅުވީ، އޭނާ މިއަދު މަޖިލީހަށް ހުށަހެޅި މައްސަލައިގެ ބަހުސްއަށް ވާހަކަ ދައްކަވަމުންނެވެ. އެ މައްސަލައަކީ އުމުރުން 18 އަހަރު ފުރުމުގެ ކުރިން އެއްގަމު ދަތުރުކުރުމުގެ ގާނޫނާ ހިލާފުވުމުގެ ސަބަބުން ޖޫރިމަނާ ކޮށްފައިވާ ފަރާތްތަކަށް ލުއި ހޯދައި ދިނުމަށް އެދި ހުޅަހަޅާފައިވާ މައްސަލައެވެ.
ހަސަން ލަތީފް ވިދާޅުވީ، މިއީ މި ރާއްޖޭގެ ބޮޑު އާބާދީއެއް ތަހައްމަލް ކުރަމުންދާ ބޮޑު މައްސަލައެއް ކަމަށެވެ. އެ ޒުވާނުންގެ ހަޔާތުގައި "ތަޅެއް" އެޅުވި "ބުރެކި" ޖެހި ހުއްޓިފައި ވަނީ މި ޖޫރިމަނާގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން މި ޖޫރިމަނާ މައްސަލައިގައި އެ ޒުވާނުންނަށް ލުއި ގޮތްތަކެއް ހޯދައިދީ އެ "ބުރެކި" ނައްޓުވައި ދިނުމަކީ މަޖިލީހުން ކޮށްދޭން ޖެހޭ ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ.
އެ މަައްސަަލަ ހުށަހެޅުއްވަމުން ހަސަން ލަތީފް ވިދާޅުވީ، އެއްގަމު އުޅަނދު ދުއްވުމުގެ ގާނޫނާ ހިލާފް ވެގެން ޖޫރިމަނާ ކޮށްފައިވާ މީހުންގެ ތަފާސްހިސާބަށް ބަލާއިރު 2019 ވަނަ އަހަރު 2366 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށާއި އަދި މިދިޔަ އަހަރު 2658 ފަރާތެއް ޖުރިމަނާ ކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި 3300 އަށް ވުރެ ގިނަ ކުޑަ ކުދިން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖޫރިމަނާ ކުރާ މީހުންނަށް ހައްލު ހޯދައި ދިނުމަށް ޓްރެފިކް މައްސަލަތަކުގައި ކުރާ ޖޫރިމަނާގެ އަދަދު 10,000 ރުފިޔާއަށް ވުރެ އިތުރުވާ މީހުން، ޖޫރިމަނާ ކުރުމުގެ ބަދަލުގައި މުޖުތަމައަށް ފައިދާ ކުރާ ފަދަ ހިދުމަތެއް ނުވަތަ މަސައްކަތެއް ކުރުމަށް ނެރުމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހެޅުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދިނުމަށް ގާނޫނަށް އިސްލާހު ގެނެސް އެބިލަށް އަމަލު ކުރަން ވަނީ ފަށާފައެވެ. އެއީ މިދިޔަ އަހަރުގެ އޮގަސްޓް 31 ވަނަ ދުވަހުން ފެށިގެންނެވެ.
މުޖުތަމައަށް ފައިދާ ކުރާ ފަދަ ހިދުމަތެއް ނުވަތަ މަސައްކަތެއް ކުރުމަށް ނެރުމުގެ އަމުރަކަށް އެދި ކޯޓަށް ހުށަހެޅުމުގެ ގާނޫނުގައި ހިމަނަން ޖެހޭ ކަމަށް ހަސަން ލަތީފް ވަނީ ބައެއް ކަންކަން ހުށަހަޅުއްވާފައެވެ.
- ކޮމިއުނިޓީ ސާވިސްގައި ބައިވެރިވެވޭނެ ހާލަތްތަކާއި އެކަމުގައި އަމަލު ކުރާނެ އުސޫލުތައް ބަޔާން ކުރުން
- ކޮމިޓީ މަސައްކަތަތަކުގެ ގޮތުން ކުރެވިދާނެ މަސައްކަތްތަކާއި އެ މަސައްކަތް ކުރެވިދާނެ ތަންތަން ކަނޑައެޅުން
- އެ މަސައްކަތުން ލިބޭ އުޖޫރައިން ޖޫރިމަނާ އަދާކުރުމިުގެ ގޮތުން ލިބޭ ފައިސާ އުނިކުރެވޭނެ އުސޫލުތައް ބަޔާން ކުރުން
- ކޮމިއުނިޓީ ސާވިސްގެ މަސައްކަތައް ނުކުތުން ޝަރުތު ކުރެވުމާ އެކު އެފަރާތްތަކަށް ލައިސަންސް ނެގުން ހުރަހެއް ކަމަށް ނޯންނާނެ ކަން ބަޔާން ކުރުން
- ދައްކަން ޖެހި ނުދެއްކިފައިވާ ޖޫރިމަނާ ބަހާލައިގެން ދެއްކޭނެ އުސޫލު ބަޔާން ކުރުން
- ޖޫރިމަނާ އެކުގައި މައާފް ކުރެވޭނެ ހާލަތެއް ބަޔާން ކުރުން.
މަޖިލީހަށް މި މައްސަލަ ހަސަން ލަތީފް ހުށަހަޅުއްވާފައިވާ އިރު ލައިސަންސް ހިފަހައްޓައިގެން ނުވަތަ އެެއްގަމު އުޅަނދު ދުއްވުމުގެ ގަވައިދާ ހިލާފާވެގެން ޖޫރިމަނާ ކޮށްފައިވާ މީހުންގެ މައްސަލަ އާ ގުޅިގެން އެކަން ހައްލުކޮށް ދެއްވަން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ވިދާޅުވެފައެވެ.
ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ކުރިއަށް ގެންދާ ކެމްޕޭން ހަރަކާތެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވެފައި ވަނީ، މިމައްސަލައަކީ އަތޮޅު ތަކުގައި ވެސް އަދި މާލޭގައި ވެސް ވަރަށް ބޮޑަށް އޮތް މައްސަލައެއް ކަމަށެވެ. ލައިސަންސް ނެތި ސައިކަލު ދުއްވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި ގަވާއިދާ އެއްގޮތަށް ހުރިހާ ކުދިން ވެސް އަދި މީހުން ވެސް އުޅުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.