ރާއްޖެއަށް ކުރަމުން މިދާ ވިއްސާރާގައި މާލެއަށް މޫސުން ގޯސް، އެއްގަމާއި ކަނޑުގެ ތަފާތު ހާދިސާތައް ހިނގައިފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއަކުން ފެންނަ ގޮތުގައި ވައިގަދަވެ އައިޖީއެމްއެޗް ސަރަހައްދުގައި ޕާކު ކޮށްފައި ހުރި ސައިކަލްތަކެއް ވަނީ މަގުމައްޗަށް ވެއްޓިފައެވެ.

އޭގެ އިތުރުން ބުރުޒު މަހު އެމްޕްލޮއިމެންޓް ޓްރިބިއުނަލް ކައިރި ހުރި ގަހެއް ވެސް ބުޑުން ލުހިގެން ވަނީ މަގުމައްޗަށް އަރިއަރާލާފައެވެ. އަދި ރާޅުގަނޑު ސަރަހައްދުގައި ހުރި ކުރެދި ގަސް ވެސް ވަނީ ބިންދައިގެން ގޮސްފައެވެ.

ރާޅުގަނޑު ސަރަހައްދުގައި ހުރި ކުރެދި ގަސް ބިންދައިގެން ގޮސްފައި

މީގެ އިތުރުން ވެސް މޫސުން ގޯސްވެ، ވައިގަދަވުމާ ގުޅިގެން މާލެއަށް އެކި ކަހަލަ ގެއްލުންތައް އަންނަނީ ލިބެމުންނެވެ.

މޫސުން ގޯސްވުމާ ގުޅިގެން މުސުމަށް ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން އަދި އެމްއެންޑީއެފުން ވެސް ވަނީ އިލްތިމާސް ކޮށްފައެވެ. ހާއްސަކޮށް ކަނދުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދިނުމަށް ވަނީ އެދިފައެވެ.

އެމްއެންޑީއެފުން ވަނީ ކަނޑުމަތީގެ ހާދިސާތައް ހިނގާ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށާއި ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ

އެގޮތުން ތިން މީހުންނާއެކު ދަތުރުކުރި ތެޔޮ ފުލާ ދޯންޏެއް ކަނޑު ގަދަވެ އަޑިޔަށް ދާތީ އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓް ގާޑު ސްކޯޑަން އިން ދަނީ ހަރަކާތްތެރިވަމުންނެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ވަނީ ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއިއެކު ވިއްސާރަކުރާނެ ކަމަށާއި އަދި ދެކުނާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް ބުނެފައެވެ.

އޭގެ އިތުރުން މެޓް އޮފީހުން ވަނީ މޫސުން ގޯސްވެ މިއަދު ހެނދުނު 10:00 އިން މެންދުރުފަހު 02:00 އަށް ބ އަތޮޅުން އައްޑޫ ސިޓީއަށް ޔެލޯ އެލާޓް ވެސް ނެރެފައެވެ. އެގޮތުން އެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

އަދި ގަޑިއަކު 25 މޭލާ 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 55 މޭލަށް ވައި ގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފައެވެ.