ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމުގެ ހަމައެކަނި ޒިންމާއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ދައުވާކުރުން ކަމަށް ވިދާޅުވެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ފާޑުވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް އެހެން ވިދާޅުވެފައި ވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގި މައްސަލައިގައި ދައުވާ ނުކުރަން ނިންމި ނިންމުން ބަދަލު ނުކުރާނެ ކަމަށް ޕްރޮސެކިއުޓާ ޖެނަރަލް އޮފީހުން ބުނުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޑރ. ޖަމީލް ވިދާޅުވީ ކޮވިޑްގެ އެންމެ ބޮޑު ކޮރަޕްޝަންގައި ވެންޓިލޭޓަރު ގަންނަން 2 މިލިއަން ޑޮލަރު ނެގި ކަމަށާއި ނަމަވެސް ވެންޓިލޭޓަރު ވެސް އަދި ފައިސާ ވެސް ނުލިބޭ ކަމަށެވެ.

އޭގެ އިތުރުން ޕީޖީ ޝަމީމްގެ ޒިންމާ އަކީ ރައީސް ޔާމީނަށް ދައުވާ ކުރުން އެކަނި ކަމަށާއި ޕީޖީ އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޑިވިޝަނެއްކަން ކަށަވަރުވެއްޖެ ކަމަށް ވެސް ޑރ. ޖަމީލް ވަނީ ވިދާޅުވެފައެވެ.

ޕީޖީ ޝަމީމްގެ ޒިންމާއަކީ ރައީސް ޔާމީނަށް ދަޢުވާކުރުން އެކަނި. ޕީޖީ އަކީ ރައީސް އޮފީހުގެ ޑިވިޝަނެއްކަން ކަށަވަރުވެއްޖެ. މިއީ ދައުވާކުރަންޖެހޭ މައްސަލައެއް
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް

ޕީޖީ އޮފީހުން ވަނީ، ކޮވިޑް އާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ރާއްޖެ ގެންނަ ކަމަށް ބުނެ އިއުލާން ކުރި ވެންޓިލޭޓަރުތަކާ ބެހޭ މައްސަލައިގައި އޭސީސީން އެ އޮފީހަށް ހުށަހެޅި އިތުރު މައުލޫމާތުތަކާ ގުޅިގެން، މައްސަލަ އަލުން ރިވިއުކޮށް ބެލިއިރު، އާ މައުލޫމާތާއި، މައްސަލައިގައި ކުރިން ހޯދިފައިވާ ހެކި ގަރީނާގެ މައްޗަށް ބަލާ، ޖިނާއީ ކުށެއްގައި ސާބިތު ކޮށްދޭން ޖެހޭ އުންސުރުތައް ސާބިތު ކޮށްދެވިދާނެ ކަމަށް ނުފެންނަ ކަމަށް ބުނެފައެވެ.

އެގޮތުން އެ މައްސަލާގައި ދައުވާ ނުކުރުމަށް އެ އޮފީހުން ނިންމި ސަބަބުތައް އެގޮތުގައި ދެމިއޮތް ކަމަށް ފެންނާތީ، އެ ނިންމުމަށް ބަދަލު ނުގެންނަށް އެ އޮފީހުން ނިންމާފައިވާ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލައިގައި މަދުވާ އުންސުރުތައް ހަމަ ކުރަން ޕީޖީން އޭސީސީއާ ވާހަކަ ދައްކާ ނުވަތަ އޭސީސީއަށް އިރުޝާދެއް ދީފައި ނުވާނެ ކަމަށެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލަ ފެންމަތިވީ އޮޑިޓާ ޖެނެރަލްގެ އޮފީހުން ނެރުނު ހެލްތް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ކޮވިޑް-19 ބަލިމަޑުކަމާ ގުޅިގެން ދައުލަތުން ހޯދަން ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލުކޮށްފައިވާ ކަން ބަޔާން ކުރުމުންނެވެ. އެގޮތުން 75 ވެންޓިލޭޓަރު ގެންނަށް ދުބާއީ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި 90 ޕަސަންޓަށް ވާ 30.9 މިލިއަން ރުފިޔާ ދީފައި ވާ އިރު، އަދި ލިބިފައި ވަނީ އޭގެ 10 ވެންޓިލޭޓަރެވެ.