އުތުރު ތިލަފަޅު ތަރައްގީ ކުރުމަށް އިންޑިއާ ސަރުކާރާ އެކު ދިވެހިރާއްޖޭގެ ސަރުކާރުން ހަދާފައިވާ އެއްބަސްވުން ކަމަށް ދައުރުވަމުންދާ ލިޔުންތައް ލީކްކޮށްލި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ގޮވާލާ ކުއްލި މައްސަލައެއް ރަައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އުތުރުތިލަފަޅާއި ގުޅޭ ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިންއެވެ.

އެކުއްލި މައްސަލަ ބަލައި ގަތުމަށް ފާސްވީ 38 މެމްބަރުން ވޯޓުންނެވެ.

އެ ކުއްލި މައްސަލައިގައި ބުނެފައިވަނީ ސިފައިންގެ އަގުވައްޓާލާ ސިފައިންގެ އިސްވެރިން ރިޝްވަތު ނެގި ކަމަށްބުނެ އަދި އުތުރު ތިލަފަޅު އެއްބަސްވުންކަމަށް ބުނެ ދޮގު މައުލޫމާތުތަކެއް ފެތުރި މައްސަލަ ބަލަން ޖެހޭނެ ކަމަށެވެ. އަދި މިއީ ގައުމީ މަސްލަހަތާއި ގުޅުން އޮތް ބޮޑު މައްސަލައަކަށްވާއިރު މިކަމުގައި ޝާމިލުވާ މީހުންނާއި މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅަންޖެހޭ ކަމަށް ވެސް މައްސަލާގައި ވެއެވެ.

އުތުރުތިލަފަޅުގެ އެއްބަސްވުމުގައިވާ މައުލޫމާތު ކަމަށްބުނެ ފަތުރަމުންދާ ވާހަކަތައް ދޮގުކޮށް ޑިފެންސް މިނިސްޓްރީން ވެސް ވަނީ އިއްޔެ ބަޔާނެއް ނެރެފައެވެ.

އެގޮތުން ދިވެހިރާއްޖެއާއި އިންޑިއާ އާދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމެއް ކަމަށްބުނެ ދައުރުކުރަމުންދާ ލިޔެކިޔުންތަކަކީ ދޮގު ލިޔެކިޔުންތަކެއް ކަމަށާއި ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތާއި، ދިވެހިރާއްޖޭގެ ސިޔާދަތާއި އިސްތިޤުލާލަށް އުނިކަމެއް އަތުވެދާނޭ އެއްވެސް ކަމަކަށް ދިވެހި އަސްކަރިއްޔާއިން ޖާގަ ނުދޭނެކަމުގެ ފުރިހަމަ ޔަގީންކަން އެންމެހައި ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށް އަރުވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެއެވެ.