ކުރީގެ ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން ފެއްޓެވި ހައުސިން ޔުނިޓް މަޝްރޫއުން، ފްލެޓް ދީފައިވާ ގޮތް ބެލުމަށް އެކުލަވާލި ފްލެޓް ކޮމިޓީ އަށް، ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް ނުނެރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު އެހެން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމަށް މެންބަރުން ސުވާލު ކުރުމަށް ލިބުނު ފުރުސަތުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ފްލެޓް ކޮމިޓީގައި ވަނީ 3 މައްސޫލިޔަތެއް ކަމަށާއި އެއީ ގެދޮރުވެރި ކުރުމުގެ މަޝްރޫއުގެ ދަށުން ފްލެޓްތައް ދޫކޮށްފައިވަނީ އުސޫލުން ބޭރުންކަމަށް ބުނެ ސަރުކާރަށް ލިބެމުންދާ ޝަކުވާތައް ދިރާސާކޮށް އެކަންކަމާއި މެދު އަމަލުކުރާނޭ ގޮތެއްގެ ލަފާ ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން ކަމަށެވެ.

"ހިޔާ މަޝްރޫއު"ގެ ދަށުން ފްލެޓް ލިބުނު ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ލިސްޓުތައް އަލުން ރިވިއުކޮށް ޕޮއިންޓް ދޫކޮށްފައިވަނީ އުސޫލާ އެއްގޮތަށްތޯ ބަލާ ކަށަވަރުކުރުމާއި ފްލެޓްތައް ދިނުމަށް އުސޫލުން ބޭރުން ކަންކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވި ފަރާތްތައް ހޯދާ އެފަރާތްތަކާއި މެދު އަމަލުކުރާނޭ ގޮތެއްގެ ލަފާ ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމަކީ ވެސް އެ ކޮމިޓީގެ މައްސޫލިޔަތެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އޭގެ އިތުރުން ހިޔާ މަޝްރޫއާއި ގެދޮރުވެރިކުރުވުން މަޝްރޫއާއި އަދި ގުޅީފަޅު ހައުސިން ޕްރޮޖެކްޓްގެ ދަށުން ކަންކަން ކުރިއަށް ގެންގޮސްފައިވާގޮތް ރިވިއުކޮށް ފްލެޓް ހައްގުވާ ފަރާތްތަކަށް އެންމެ އިންސާފުވެރިކޮށް ފްލެޓް ކަށަވަރުކޮށް ދިނުމުގައި ރައީސުލްޖުމްހޫރިއްޔާއަށް ލަފާއެރުވުމަކީ ވެސް އެ ކޮމިޓީގެ މައްސޫލިޔަތެއް ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ ވާހަކައަށްފަހު މިނިސްޓަރު އަސްލަމް ވާހަކަ ދައްކަވަމުން ވިދާޅުވީ ފްލެޓް ކޮމިޓީން ލިސްޓް ނެރުމުން ހައުސިން މިނިސްޓްރީން ބައެއް ކަންކަން ކުރުން ލާޒިމުވާ ކަމަށެވެ. މިނިސްޓަރު އެހެން ވިދާޅުވުމާއެކު ރައީސް ނަޝީދު ވަނީ މިނިސްޓަރުގެ ވާހަކަ ހުއްޓުވާ، ފްލެޓް ކޮމިޓީއަށް ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް ނުނެރެވޭނެ ކަމަށާއި އެއީ އެ ކޮމިޓީގެ މައްސޫލިޔަތެއް ނޫން ކަމަށް ވިދާޅުވެފައެވެ.