މި ސަރުކާރު ވަނީ އަންހެނުންގެ ހައްގުތައް ރައްކާތެރި ކޮށްދިނުމުގައި ފެއިލްވެފައިވާ ކަމަށާއި ޖެންޑާ މިނިސްޓަރު ބަދަލުކުރުމުން ވެސް އެކަމަށް ހައްލެއް ނުލިބުމުން މިހާރު އިސްތިއުފާ ދެއްވަން ޖެހެނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް އިދިކޮޅު ޕީޕީއެމްގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
އަންހެނުންގެ ދުވަހާ ގުޅިގެން ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ހީނާ ވިދާޅުވީ، މިފަދަ ދުވަހެއްގައި އަންހެނުންނަށް ދިމާވާ އެންމެ ބޮޑެތި މައްސަލަތަކާ ގުޅިގެން މި ސަރުކާރުން އެއްވެސް ވާހަކައެއް ނުދައްކަތީ އެފަދަ މައްސަލަތަކުގައި އަންހެނުންނަށް އިންސާފް ލިބގެން ދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
މި ސަރުކާރުން އަންހެނުން ރައްކާތެރިކުރުމުގައި އިހުމާލުތަކެއް ވަމުންދާ ކަމަށާއި އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ހީނާ ފާހަގަ ކުރެއްވީ ޖިންސީ ފުރައްސާރައާއި ރޭޕްގެ ޝިކާރައަށް ވަމުންދާ އަންހެނުންނަށް އިންސާފު ލިބެމުން ނުދިއުމެވެ. އަދި މިއަދުގެ މުނާސަބަތާ ގުޅިގެން ރައިސް ސޯލިހްގެ ވާހަފުޅުގެ އިތުރުން ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީގެ ވާހަކައިގައި ވެސް މި ކަންކަމަށް އަލި އަޅުއްވާ ލައްވާފައި ނުވާތީ އެކަމާ ހީނާ ކަންބޮޑުވުން ފާޅު ކުރެއްވިއެވެ.
އަންހެނުންނަށް ދިމާވާ މައްސަލަތައް ހައްލު ނުކުރެވުމުން ކުރީގެ ޖެންޑާ މިނިސްޓަރު ކަމުގެ މަގާމުގައި އިންނެވި ޝިދާތާ ޝަރީފަށް ޕްރެޝާ ކޮށްގެން އޭނާ މަގާމުން އިސްތިއުފާ ދެއްވަން ޖެހުނު ކަމަށް ހީނާ ވިދާޅުވިއެވެ. އަދި އެއަށް ފަހު އެ މިނިސްޓްރީއަށް އައިޝަތު މުހައްމަދު ދީދީ މިނިސްޓަރެއްގެ ގޮތުގައި އައްޔަން ކުރި ފަހުން ވެސް މި މައްސަލަތައް ހައްލުވަމުން ދާ ތަން ފެނިވަޑައި ނުގަންނަވާ ކަމަށް ހީނާ ވިދާޅުވިއެވެ. އެހެންކަމުން މިހާރު މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންފައި ވަނީ ރައީސް ސޯލިހް ކަމަށް އޭނާ ވިދާޅުވެއެވެ.
ހީނާ ވަނީ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޖިންސީ ފުރައްސާރަ ކުރެއްވި 14 މުވައްޒަފަކަށް އިންސާފު ލިބިފައި ނުވާ ކަމުގެ ވާހަކަ ވެސް ހިއްސާ ކުރައްވާފައެވެ. އެ ހާދިސާއަށް ފަހު މި ސަރުކާރުގެ ވުޒާރާތަކާއި ކޯޓުތަކުން ޕްލޭނެއްގެ ދަށުން ޓޫރިޒަމް މިނިސްޓަރު ފުރުވާލި ކަމަށް ހީނާ ވިދާޅުވިއެވެ. އެހެންކަމުން އަލީ ވަހީދު މާލެއަށް ގެނެސް އެ މައްސަލައިގައި އޭނާއަށް ހައްގުވާ އަދަބު ނުދެވެނީސް އެ މުވައްޒަފުންނަށް އިންސާފު ލިބިގެންދާނެ ކަމަށް ދެކިވަޑައި ނުގަންނަވާ ކަމަށް ހީނާ ވިދާޅުވިއެވެ.
މީގެ އިތުރުން ސަފާރީ ރޭޕް ކޭސްގައި ވެސް ޖިންސީ ގޯނާ ލިބުނު އަންހެން މީހާއަށް އަދިވެސް އިންސާފު ނުލިބޭ ކަމަށް ހީނާ ވިދާޅުވިއެވެ. އަދި މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި ކަމުގެ ތުހުމަތުގައި ބަންދު ކޮށްފައި ހުރި ހޯރަ އިއްބެ ވެސް ޖަލުން މިނިވަން ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ހީނާ ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ރައީސް އޮފީހުގެ ކުރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރު ހަސަން އިސްމާއިލްގެ މައްސަލައާއި ފިޝަރީޒް މިނިސްޓްރީގެ ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މައްސަލަ ވެސް ވީ ހިސާބެއް އަދި ނޭނގޭ ކަމަށް ހީނާ ވިދާޅުވިއެވެ.
މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް އަންހެން ބޭފުޅުންނަކީ އަންހެނުންގެ ހައްގަށް ވަކާލާތު ކުރައްވާ އަޑު އުފުއްލަވާފައިވާ ބައެއް ކަމަށާއި މި ސަރުކާރުން އަންހެނުންގެ ހައްގުތައް ރައްކާތެރި ކުރަން އެތައް މަސައްކަތެއް ނުކޮށްދެވި ހުރި އިރު، އެ އަންހެން ކަނބަލުން މިއަދު ކޮބާތޯ ހީނާ އެއްސެވިއެވެ. އެހެންކަމުން މިއަދު މި ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވައިގެން އަންހެނުންގެ ރައްކާތެރި ކަމަށް ވާހަކަ ދައްކަވާ ބޭފުޅުންނަކީ ސިޔާސީ މަންފާއަކަށް އެފަދަ ވާހަކަތައް ދެއްކެވި ބޭފުޅުން ކަން ހާމަވެއްޖެ ކަމަށް ހީނާ ވިދާޅުވިއެވެ.
ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ގިނަ ބައެއްގެ ފަރާތުން ޖިންސީ ގޯނާ ކުރާ މައްސަލަ ފެންމަތިވެގެން އައިސްފައި އޮތުމުން މި ސަރުކާރުގެ އެއްވެސް މުއައްސަސާއެއްގައި އަންހެނަކަށް އެއްވެސް ރައްކާތެރިކަމެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ހީނާ ވިދާޅުވިއެވެ.
ޢަމިއްލައަށްއިސްލާހު ވޭ ފުރަތަ ރައީސް ބަހައްޓާފަ
ރައީސް އައް އިސްތިއުފާ އައް ގޮވަން. ހީނާ ކަލޭތީ ދެން ކާކު
ތީ ހަމަ ތެދު