ރާއްޖޭގައި ކޮވިޑް-19އިން ރައްކާތެރިވުމަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން އިއްޔެ ވެކްސިން ޖެހީ 1108 މީހުންނެވެ.

އިއްޔެގެ އަދުތައް ދަށްވެފައި ވަނީ އިއްޔެ ވެކްސިން ޖެހީ ހަމައެކަނި އަތޮޅު ތެރެއިން ކަމަށް ވާތީއެވެ.

  • ވެކްސިން ޖެހި މީހުންގެ ޖުމްލަ އަދަދު: 99،419
  • މާލެ ސަރަހައްދު: 69،725
  • އަތޮޅު ތެރެއިން: 29،694

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ކޮވިޑް އިން ރައްކާތެރި ވުމަށް ރާއްޖޭގައި ވެކްސިން ޖަހަން ވަނީ ފަށާފައެވެ. އެ ގޮތުން މާލެ ސަރަހައްދުގައި އިސްލާމީ މަރުކަޒާއި، ރައްޔިތުން މަޖިލިސް ކުރާ އިދާރާ އާއި، ހުޅުމާލޭ ހޮސްޕިޓަލާއި، ޓްރީޓޮޕް ހޮސްޕިޓަލާއި، ވިލިމާލޭ ހޮސްޕިޓަލުގައި ވެކްސިން ޖަހައެވެ. ހަމައެއާއެކު އައިޖީއެމްއެޗާއި އޭޑީކޭ އާއި ސޯޝަލް ސެންޓަރާއި ހުޅުމާލެ ވެކްސިން ސެންޓަރުން ވެސް ދަނީ ވެކްސިން ޖަހައި ދެމުންނެވެ. މީގެ އިތުރުން އަތޮޅު ތެރޭގެ 169 ސެންޓަރެއްގައި ވެކްސިން ޖެހުމުގެ ކަންކަން ކުރިއަށް ދާ ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

މިހާރު ރާއްޖޭގައި ވެކްސިން ޖަހަމުންދާ އިރު ވެކްސިން ޖަހަމުން ދަނީ ސިއްހީ ދާއިރާއާއި ސޯޝަލް ވޯކަރުންގެ ތެރެއިން ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ޓީޗަރުންނާއި ފުލުހުންނާއި ފަތުރުވެރިކަމުގައި ފްރަންޓްލައިންގައި މަސައްކަތް ކުރާ މުވައްޒަފުންގެ އިތުރުން އުމުރުން 18 އަހަރުން ފެށިގެން މަތީގެ ހައިރިސްކް މީހުންނާއި އުމުރުން 25 އަހަރުން މަތީގެ އެންމެނަށެވެ.

މިހާރު ހުކުރު ދުވަހަކީ މާލޭގައި ވެކްސިން ނުޖަހާ ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.