ބޭންކް އޮފް މޯލްޑިވްސް އިން ރާއްޖޭގެ 10 ސްކޫލެއްގައި ހިންގާ ސްޕެޝަލް އެޑިއުކޭޝަން ނީޑް (ސެން) ކްލާސްތަކުގައި ކުދިންނަށް ކިޔަވާދިނުމަށް ބޭނުންވާ ތަކެތި މިއަދު ހަދިޔާކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ މިއީ ކުދިންގެ ގާބިލުކަމާއި އެހެން މިހުންނާއި ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރި ވުމަށް ބޭނުންވާ ހުނަރު ތަރައްގީ ކުރުމާއި އެކުދިންގެ ތައުލީމީ ބޭނުންތައް ބަލައިގެން ހޯދާފައިވާ ވަސީލަތްތަކެއް ކަމަށެވެ.

އެގޮތުން އެ ވަސީލަތްތައް ފޯރުކޮށްދީފައިވަނީ ހއ. އަތޮޅު ތައުލީމީ މަރިކަޒު، ހދ. އަަތޮޅު ތައުލީމީ މަރުކަޒު، ޅ. އަތޮޅު ތައުލީމީ މަރުކަޒު، ކ. އަތޮޅު މަދަރުސާ، އއ.މަތިވެރި ސްކޫލު، އއ.ފެންފުށި ސްކޫލު، ދ. އަތޮޅު ތައުލީމީ މަރުކަޒު، ލ. އަތޮޅު ތައުލީމީ މަރުކަޒު، މުހައްމަދު ޖަމާލުއްދީން ސްކޫލު އަދި ސ. އަތޮޅު މަދަރުސާ އަށް ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

ބީއެމްއެލް އިން ބުނީ ބޭންކުން ފޯރުކޮށްދިން އެހީތެރިކަމާ އެކު އެ ސްކޫލުތަކުގެ ސެން ކްލާސްތަކުގައި ކިޔަވަމުންދާ 400 އަށް ވުރެ ގިނަ ދަރިވަރުންނަށް ކިޔަވައިދިނުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.

ބޭންކުގެ ސީއެސްއާރު ސްޓްރެޓެޖީގެ ދަށުން ބޭންކުން ހާއްސަ އިސްކަމެއް ދީގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

އެގޮތުން ފާއިިތުވި އަހަރުގެ ތެރޭގައި ވެސް ބީއެމްއެލް އިން ރާއްޖޭގެ 10 ސްކޫލްގައި ހިންގާ ސެން ކްލާސްތަކަށް ބޭނުންވާ ތަކެތި ހަދިޔާކުރި ކަމަށް ބީއެމްއެލް އިން ބުނެއެވެ.

އޭގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިނގާބިނގާވެ އުޅުމަށް ދަތިވެފައިވާ 65 ފަރާތަކަށް މިދިޔަ އަހަރު މޮޓޮރައިޒްޑް ވީލްޗެއާ ވެސް ހަދިޔާކޮށްފައިވާ ކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ.