މާލޭގައި ޓެކްސީ ކުރާ ހަމައެކަނި އަންހެން ޑްރައިވަރު އާމިނަތު ވަހީދާ (ޑްރައިވަރު އައިންތު)ގެ ކާރަށް ގެއްލުން ދިން މީހާ 21000 ރުފިޔާ އިން ޖޫރިމަނާ ކޮށްފިއެވެ.

މާލޭގެ އިއްޒުއްދީން މަގު، ތޮއިބާ މިސްކިތް ކައިރީ ޕާކްކޮށްފައި އޮތް އައިންތުގެ ޓެކްސީގެ ވިންޑް ސްކްރީން ތަޅާލައި ގެއްލުން ދީފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

އެމައްސަލާގައި ދެ މީހަކު ހައްޔަރު ކުރިއެވެ. ނަމަވެސް ހެކި ނެތިގެން އެތަކުން އެކަކުގެ މައްސަލަ ވަނީ އަނބުރާ ފޮނުވާލާފައެވެ.

އެ މައްސަލާގައި ދައުވާ އުފުލާފައި ވަނީ ގ. އާފަތިސްގެ މުހައްމަދު ހަމްދޫން އަހުމަދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ވަނީ މުދަލަށް ގެއްލުންދިނުމުގެ ދައުވާ ކޮށްފައެވެ.

އެމައްސަލާގައި ހަމްދޫން ވަނީ ކޯޓުގައި ކުށަށް އެއްބަސްވެ، އިތުރު މީހަކާ ގުޅިގެން އެ ކާރުގެ ބިއްލޫރިގަނޑު ތަޅާލި ކަމަށް އިއުތިރާފު ވެފައެވެ. ކްރިމިނަލް ކޯޓުން އިއްޔެ ކޮށްފައިވާ ހުކުމެއްގައި ބުނެފައިވަނީ ހަމްދޫން އެ ކުށަށް އެއްބަސްވެފައި ވާތީ އޭނާގެ އިއުތިރާފުން އެ މައްސަލަ ސާބިތުވާ ކަމަށެވެ. އެހެންކަމުން އެ ކުށުގެ އަދަބެއްގެ ގޮތުން އޭނާ ވަނީ 21،600 ރުފިޔާއިން ޖޫރިމަނާ ކޮށްފައެވެ. އަދި އެ ފައިސާ ތިން މަސް ތެރޭގައި މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދައްކަން ޖެހޭނެ ކަމަށް އެހުކުމުގައި ވެއެވެ.

އައިންތު ބުނެފައިވާ ގޮތުގައި މިއީ އޭނާ ޓެކްސީ ކުރަން ފެށި ފަހުން ކާރުގެ ބިއްލޫރިގަނޑު ތަޅާލި 5 ވަނަ ފަހަރެވެ.

މިހެން މިކަން ވުމުގެ ސަބަބުން އޭނާއަށް ބޮޑެތި ގެއްލުންތަކެއް ވާ ކަމަށް އައިންތު ބުނެފައި ވެއެވެ. އަދި މިކަމުގެ ދާއިމީ ހައްލެއް ހޯދުމަށް ފުލުހުންނާއި އާންމުންގެ އެހީތެރިކަން އޭނާއަށް ބޭނުންވާ ކަމަށް ވެސް އައިންތު ބުނެފައި ވެއެވެ.

މީގެކުރިން ވެސް ޑްރައިވަރު އައިންތުގެ ކާރަށް ވަނީ ގެއްލުން ދީފައެވެ. އެފަހަރު އޭނާގެ ކާރަށް ގެއްލުން ދީފައިވަނީ އޭނާގެ ކުރީގެ ފިރިމީހާ ކަމަށް ބުނެފައި ވެއެވެ. އައިންތު ޓެކްސީ ކުރަން ފަށާފައި ވަނީ 2017 ވަނަ އަހަރުގެ ތެރޭގައެވެ. އޭނާއަކީ ގިނަ ބައެއްގެ އިހުތިރާމް ލިބިފައިވާ ޓެކްސީ ޑްރައިވަރެކެވެ.