ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ވެކްސިން ދިނުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރިއަށް ގެންދާ ވަރުގަދަ ކެމްޕޭންތަކުގެ ރޭހުގައި، ދުނިޔޭގެ އެންމެ ނުފޫޒުގަދަ ގައުމުތަކުގެ ގޮތުގައި ސިފަ ކުރަމުން އަންނަ އެމެރިކާއާއި ޗައިނާ ފަދަ ގައުމުތަކަށް ވުރެ ކުރިއަށް ދިވެހި ރާއްޖެ ޖެހިލައިފިއެވެ.

ކޮވިޑް-19ގެ ވެކްސިނާ ގުޅޭ ތަފާސް ހިސާބުތައް އެކުލަވާލަމުން އަންނަ ބްލޫމްބާގްއިން އެންމެ ފަހުން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އާބާދީގެ ކޮންމެ 100 މީހެއްގެ ތެރެއިން އެންމެ ގިނަ ބަޔަކަށް ވެކްސިން ދިން ގައުމުތަކުގެ ލިސްޓުގައި ރާއްޖެ ގިންތި ކޮށްފައި ވަނީ 5 ވަނާގައެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމީން ނަތަންޔާހޫ، ފައިޒާއާއި ބައޮއެންޓުން ތަރައްގީ ކުރި ކޮވިޑް ވެކްސިން ޖަހަނީ / ފޮޓޯ: އޭޕީ

ކޮންމެ 100 މީހެއްގެ ނިސްބަތުން އެންމެ ކުރީގައި މިވަގުތު އޮތީ:

  1. އިސްރާއީލު: 78.80 މީހުން | 7132468 ޖުމުލަ ޑޯޒް
  2. ސީޝެލްސް: 67.77 މީހުން | 65060 ޖުމުލަ ޑޯޒް
  3. ޔޫއޭއީ: 51.66 މީހުން | 5553.391 ޖުމުލަ ޑޯޒް
  4. ޔޫކޭ: 26.73 މީހުން | 17852327 ޖުމުލަ ޑޯޒް
  5. ދިވެހިރާއްޖެ: 18.82 މީހުން | 70009 ޖުމުލަ ޑޯޒް

ކޮވިޑް-19ގެ ބަލިމަޑުކަން އޭގެ އެންމެ އިންތިހާއަށް ފޯރި އެމެރިކާގައި މިހާތަނަށް ދީފައި ވަނީ 61289500 ޑޯޒްގެ ވެކްސިނެވެ. އެމެރިކާގެ އާބާދީގެ ކޮންމެ 100 މީހަކުން 18.46 މީހަކަށް ވެކްސިން ދީފައި ވާކަމަށް ރެކޯޑްތަކުން ދައްކާއިރު، އެމެރިކާ އޮތީ ލިސްޓުގެ 6 ވަނާގައެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން (ކޮވިޑް-19) ވެކްސިން ޖެއްސެވުމުގެ މަރުހަލާގެ ތެރޭގައި / ފޮޓޯ: ސީބީސީ

އިންޑިއާގައި ކޮންމެ 100 މީހެއްގެ ނިސްބަތުން ބަލާއިރު ކޮވިޑް ވެކްސިން ޖަހާފައި ވަނީ 0.79 މީހުންނެވެ. ޗައިނާގައި މިއަދަދު އުޅެނީ 2.89ގައެވެ.

ރާއްޖޭގައި ކޮވިޑް-19އިން ދިފާއުވުމަށް ވެކްސިން ދޭން ފެށީ މި މަހުގެ 1 ވަނަ ދުވަހުއެވެ. ވެކްސިން ކެމްޕޭންގައި ބޭނުން ކުރަނީ، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީ ކޮށްފައިވާ ވެކްސިންގެ ފޯމިއުލާއަށް، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިނެވެ.

ރާއްޖޭގައި އަދި ދެމުން ދަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ކަމަށް ވާއިރު، 2 ވަނަ ޑޯޒް ދޭން ފަށާނީ، ފުރަތަމަ ޑޯޒް ޖެހިތާ 8 ހަފުތާ ވުމުން ކަމަށް، ކަމާ ބެހޭ ފަރާތްތަކުން ވަނީ ހާމަކޮށްފައެވެ.

ކޮވިޑް ވެކްސިން ޖެހުމަށް ސޯޝަލް ސެންޓަރަށް ގޮސް މީހަކު ރަޖިސްޓްރީ ވަނީ / ފޮޓޯ: ނިމާ ހަސަން | ދަ ޕްރެސް

ދުނިޔޭގެ ތާރީހު ދުށް އެންމެ ވަރުގަދަ ވެކްސިން ކެމްޕޭންގެ ގޮތުގައި ސިފަކުރަމުން އަންނަ ކޮވިޑް ވެކްސިން ކެމްޕޭންގެ ތެރެއިން މިހާތަނަށް 202 މިލިއަން ޑޯޒްގެ ވެކްސިން، ދުނިޔޭގެ އެކި ކަންކޮޅުތަކުން 88 ގައުމަކުން ވަނީ ޖަހާފައެވެ. މިއީ ދުވާލެއްގެ މައްޗަށް ބަލާއިރު 6.35 މިލިއަން ޑޯޒްއެވެ. މި ރޭޓުގައި ބަލާނަމަ، ދުނިޔޭގެ އާބާދީގެ 75 ޕަސެންޓަށް ކޮވިޑް-19 ވެކްސިންގެ 2 ޑޯޒް ދީ ފުރިހަމަ ކުރަން، 4.9 އަހަރު ބޭނުންވާނެ ކަމަށް ބްލޫމްބާގްގެ އަންދާޒާތަކުން ދައްކައެވެ.