އެމެރިކާގެ ޑެންވާގެ ރަށްފުށު ސަރަހައްދަކުން ދަތުރު ކުރަމުން ދިޔަ ބޮއިންގް މަރުކާގެ މަތިންދާ ބޯޓެއްގެ އިންޖީނު ފެއިލްވެ، އެ އިންޖީނުގެ ބައިތައް، އާންމުން ދިރިއުޅޭ އަވަށެއްގެ އެކި ހިސާބުތަކަށް ފައިބައިފިއެވެ.

231 ފަސެންޖަރުންނާއި 10 ކުރޫއިން ގޮވައިގެން އުދުހެމުން ދިޔަ ބޮއިންގް ޓްރިޕްލް ސެވަން މަރުކާގެ މި ބޯޓު ވަނީ، ރައްކާތެރި ކަމާއެކު، ޑެންވާ އެއާޕޯޓަށް ޖައްސާފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

އެއާލައިންސްގެ ފްލައިޓް 328ގެ ކަނާތު އިންޖީން ފެއިލްވެ، އާންމުންގެ ގެތަކަށް އިންޖީނުގެ ބައިތައް ފައިބާފަ / ފޮޓޯ: ބްރޫމްފީލްޑް ޕޮލީސް ޑިޕާޓްމަންޓް

ބްރޫމްފީލްޑް އަވަށުގެ ފުލުހުން ވަނީ، މަތިންދާ ބޯޓުގެ ކުރީ އިންޖީނުގެ ކޭސިންގް ކަމަށް ބެލެވޭ ބައެއް، ގެއެއްގެ ބަގީޗާ ތެރެއަށް ވެއްޓިފައިވާ މަންޒަރު ފެންނަ ފޮޓޯއެއް އާންމު ކޮށްފައެވެ. މީގެ އިތުރުން ބޯޓު އުދުހެމުން ދިޔައިރު، އިންޖީނުން ދުން ނިކުންނަ މަންޒަރު ފެންނަ ވީޑީއޯއާއި ފޮޓޯވެސް ވަނީ އާންމު ކޮށްފައެވެ.

ހާދިސާ ހިނގިއިރު ބިންމަތީގައި ހުރި މީހަކު ކިޔައިދީ ފައި ވާ ގޮތުގައި ފުރަތަމަ އިވުނީ ބާރުގަދަ ގޮވުމެއްގެ އަޑެވެ. އެ އަޑަށް މަތި ބަލާލިއިރު ބޯ ދުންގަނޑެއް ފެނުނެވެ. އަދި ބޯޓުގެ ބައިތައް ވަޔާ ހޫރެމުން ކަހަލަ ގޮތަކަށް ބިމާ ދިމާއަށް އަންނާތީ ފެނުމުން، ހިމާޔަތް ހޯދީ ކަމަށް އޭނާ ކިޔައިދީފައިވެއެވެ.

ުިުޔުނައިޓަޑް އެއާލައިންސްގެ ފްލައިޓް ދުއްވަމުން ދިޔައިރު ކަނާތު އިންޖީނުން ދުން އަރަނީ / ފޮޓޯ: ހޭޑަން ސްމިތު

ބޯޓުން ދަތުރުކުރި ފަސެންޖަރުން ވަނީ، އުދުއްސާލިތާ މާ ގިނައިރުތަކެއް ނުވަނީސް، "ބާރުގަދަ ގޮވުމެއް" ގޮވި އަޑު އިވުނު ކަމަށް ރިޕޯޓް ކޮށްފައެވެ.

އެމެރިކާގެ ވައިގެ އުދުހުންތަކާ ބެހޭ ފެޑަރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) އޭ އިން ވަނީ، ޔުނައިޓަޑް އެއާލައިންސްގެ ފްލައިޓް 328ގެ ކަނާތު އިންޖީން ފެއިލްވި ކަން ކަށަވަރު ކޮށްދީފައެވެ.

އެއާލައިންސްގެ ފްލައިޓް 328ގެ ކަނާތު އިންޖީން ފެއިލްވެ، އާންމުންގެ ގެތަކަށް އިންޖީނުގެ ބައިތައް ފައިބާފަ / ފޮޓޯ: ބްރޫމްފީލްޑް ޕޮލީސް ޑިޕާޓްމަންޓް

ޖީއެމްޓީ ގަޑިން ރޭ 20:00 ހާއިރު ހިނގި މިހާދިސާގައި އާންމުންގެ ގެތަކަށް ވެއްޓިފައިވާ އެއްވެސް އެއްޗެއްގައި އަތް ނުލުމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އެމެރިކާގެ އެފްއޭއޭއާއި، ޓްރާންސްޕޯޓޭޝަން ސޭފްޓީ ބޯޑުން ދަނީ މި ހާދިސާގެ ތަހުގީގު ހިންގަމުންނެވެ.