މިދިޔަ އަންގާރަ ދުވަހުގެ ރެއިން ފަށައިގެން ޑިއުކް އޮފް އެޑިންބާ، ޕްރިންސް ފިލީޕް،99، އަށް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ބަކިންގްހަމް ޕެލަސްއިން ބުނެފިއެވެ.

ޖޫން 10، 2021ގައި އުމުރުން 100 އަހަރު ފުރުމުގެ މުނާސަބާއަށް އިންތިޒާރު ކޮށްގެން ހުންނެވި ޕްރިންސް ފިލީޕް އެޑްމިޓްކޮށްފައި ވަނީ، ކިންގް އެޑްވާޑް 7 ހޮސްޕިޓަލުގައި ކަމަށް ބަކިންގްހަމް ޕެލަސްގެ ބަޔާނުގައިވެއެވެ.

އިނގިރޭސި ރާނީގެ ފިރިކަލުން، ޕްރިންސް ފިލިޕް، 99، އޮންނެވި ހޮސްޕިޓަލުގެ ބޭރުގައި ފޯރި މަރަނީ / ފޮޓޯ: އޭއެފްޕީ

ހޮސްޕިޓަލުގައި ޕްރިންސް ފިލީޕް އެޑްމިޓްކޮށްފައި ވަނީ ޑޮކްޓަރެއްގެ އިރުޝާދާ އެކު ކަމަށް، ކަމާ ބެހޭ މައުލޫމާތު އެނގޭ މަސްދަރަކާ ހަވާލާދީ، ބީބީސީއިން ވަނީ ރިޕޯޓް ކޮށްފައެވެ. އަދި މިއީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ގުޅޭ ކަމެއް ނޫން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އިނގިރޭސި ރާނީގެ ފިރިކަލުން، ޕްރިންސް ފިލިޕް، 99، އޮންނެވި ހޮސްޕިޓަލުގެ ބޭރުގައި ފޯރި މަރަނީ / ފޮޓޯ: އޭއެފްޕީ

އުމުރުފުޅުން 94 އަހަރުގެ ރާނީ އިންނެވީ ވިންޑްޒާ ކާސަލްގައެވެ. މިއީ ކޮވިޑް-19ގެ ލޮކްޑައުންގައި ރާނީއާއި ޕްރިންސް ފިލީޕް ތިއްބަވާ ރަސްމީ ގެކޮޅެވެ. ވިންޑްޒާ ކާސަލްގައި ރާނީގެ ދެކަނބަލުން ދިރިއުޅުއްވަމުން ގެންދަވަނީ މަދު އަދަދެއްގެ މުވައްޒަފުންނާ އެކުގައެވެ.

ރާނީއާއި ޕްރިންސް ފިލީޕް، ކޮވިޑް-19ގެ ވެކްސިން ޖެއްސެވީ މިދިޔަ މަހު ކަމަށް ހަބަރު ލިބެއެވެ.