ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އާ، 3 ކޭހެއް ފެނި، ނިއުޒީލަންޑްގެ އެންމެ ބޮޑު ސިޓީ ލޮކްޑައުން ކުރުމަށް، ބޮޑުވަޒީރު ޖެސީންޑާ އެޑާން އަމުރު ކުރައްވައިފިއެވެ.
ލޯކަލް ޓްރާންސްމިޝަނެއް ކަމަށް ބެލެވޭ މި ކޭސްތަކާ ގުޅިގެން ނިއުޒީލަންޑްގެ އެންމެ ބޮޑު ސިޓީ ކަމަށްވާ އޯކްލަންޑް ލޮކްޑައުން ކުރުމަށް އެޑާން އަމުރު ކުރެއްވީ 3 ދުވަހުގެ މުއްދަތަށެވެ.
އެޑާން ވިދާޅުވީ އާ ކޭސްތައް ފެނުމާއެކު ނިއުޒީލާންޑުން ދުރާލާ ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ ކަމަށެވެ.
ނިއުޒީލަންޑަކީ ކޮވިޑް-19ގެ ބަލިމަޑުކަން މެނޭޖު ކުރުމުގައި މުޅި ދުނިޔޭގެ ތައުރީފު ހޯދާ، މި ރޮނގުން، ބޮޑެތި ކާމިޔާބީތަކެއް ހާސިލު ކޮށްފައި ވާ ގައުމެކެވެ. އެގޮތުން، ކޮމިއުނިޓީ ޓްރާންސްމިޝަނެއް ނުހިނގާތާ އެތައް މަހެއް އެ ގައުމުން ކަޑަތު ކޮށްފައި ވެއެވެ،
2020 ވަނަ އަހަރު ކޮވިޑް-19ގެ ބަލިމަޑުކަމުގެ ކޮޅުމަތި ފެނުމާއެކު ނިއުޒީލަންޑުން ވަނީ ބިދޭސީންނަށް އެގައުމުގެ ބޯޑަރު ބަންދު ކޮށްފައެވެ. 5 މިލިއަނެއްހާ މީހުންގެ އާބާދީއެއް އޮތް ނިއުޒީލަންޑުން މިހާތަނަށް ފެނިފައި ވަނީ ކޮވިޑް-19ގެ އެންމެ 2300 އެއްހާ ކޭހެވެ. މަރުގެ ކޭސް ނަންބަރަކީ 25 އެވެ.
ކުރިއަށް އޮތް 3 ދުވަހަށް ތަންފީޒު ކުރާ ލޮކްޑައުންގެ ހަރުކަށި އަމުރާއެކު އޯކްލަންޑްގެ 1.7 މިލިއަން ރައްޔިތުންނަށް ގެތަކުގައި ތިބުމަށް މަޖުބޫރު ވާނެއެވެ. ސްކޫލްތަކާއި ޒަރޫރީ ނޫން ހިދުމަތްދޭ ތަންތަން ބަންދު ކޮށްފައި ވާއިރު، ބޭރަށް ނިކުމެ އުޅެވެނީ އިންތިހާއަށް ބޭނުން ޖެހޭ ޒަރޫރީ ކަންކަމުގައި ކަމަށް ވަނީ ކަނޑައަޅާފައެވެ.
އެޑާން ވިދާޅުވީ، މި 3 ދުވަހަކީ މި ކޭސްތައް އިތުރަށް ތަހުގީގުކޮށް، ކޮވިޑް-19 ކޮމިއުނިޓީ ޓްރާންސްމިޝަނެއް ނެތް ކަން ކަށަވަރު ކުރުމަށް ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް ލިއްބައިދޭނެ ފުރުސަތެއް ކަމަށެވެ.
އާ ކޭސްތަކާ ގުޅިގެން ނިއުޒީލަންޑްގެ އެހެން ސަރަހައްދުތަކުގައިވެސް ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ. އެހެން ސަރަހައްދުތަކުގައި ސްކޫލްތަކާ އޮފީސްތައް ހުޅުވާފައި ހުއްޓެއް ކަމަކު، އެނޫން ގޮތް ގޮތުން އެ ކަންކަން ފުރިހަމަ ވާން ހުރި ނަމަ އެ ގޮތެއް އިހުތިޔާރު ކުރުމަށްވެސް ނިއުޒީލަންޑްގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ އިރުޝާދު ދީފައެވެ.
އޯކްލަންޑްއިން މިއަދު ރިޕޯޓް ކުރި 3 ކޭހަކީ، މަންމައަކާއި، ބައްޕައެއްގެ އިތުރުން ދަރިއެއްގެ ފަރާތުން ފެނުނު ކޭސްތަކެއް ކަމަށް މައުލޫމާތު ލިބެއެވެ. މިއީ އާ ވޭރިއަންޓްތަކާ ގުޅިފައިވާ ކޭސްތަކެއް ކަމަށް ބަލައިގެން މަސައްކަތްތަކެއް ކުރަމުން އަންނަ ކަން، ނިއުޒީލަންޑްގެ ޑައިރެކްޓާ ޖެނެރަލް އޮފް ހެލްތު، ޑރ އޭޝްލީ ބްލޫމްފީލްޑާ ހަވާލާދީ، ބައިނަލްއަގުވާމީ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.