އަންހެން ނޫސްވެރިއަކަށް ބިރު ދެއްކި ކަމުގެ ތުހުމަތުގައި، މުސާރަ ނުހިނގާ ގޮތަށް ސަސްޕެންޑް ކޮށްފައިވާ ވައިޓްހައުސްގެ ޑެޕިއުޓީ ޕްރެސް ސެކްރެޓަރީ ޓީޖޭ ޑަކްލޯ، މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޑަކްލޯ ބިރު ދެއްކެވި ކަމަށް ބުނަނީ، ޕޮލިޓިކޯގެ އަންހެން ރިޕޯޓަރު، ޓާރާ ޕަމޭރީއަށެވެ. ޓާރާ ޕަމޭރީއަށް ޑަކްލީ ބިރު ދެއްކެވީ، އޭނާގެ ޒާތީ ދިރިއުޅުމުގެ ކަންކަން އޮޅުން ފިލުވުމަށް ސުވާލު ކުރުމުގެ ސަބަބުން ކަމަށާ، އެ ގޮތަށް ސުވާލުތައް ކުރިމަތި ކުރަން ފެށުމުން ޓާރާ "ނައްތާލާނެ" ކަމަށް ޑަކްލޯ ވިދާޅުވި ކަމަށް ހަބަރު ލިބެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ، އެކުގައި މަސައްކަތް ކުރާ އެއްވެސް މީހަކަށް ބޭއިހުތިރާމް ކޮށްފި މީހަކީ، ވަޒީފާއިން ވަކިކުރެވޭނެ މީހެއް ކަމުގެ އިންޒާރު ދެއްވާ، އެކަމަށް ވައުދުވެވަޑައިގެންފައެވެ.

ޓްވިޓާއަށް ދޫކޮށްލެއްވި ޕޯސްޓެއްގައި، އުމުރުން 32 އަހަރުގެ ޑަކްލޯ ވިދާޅުވީ، އަމަލު ކުރެވުނު ގޮތާ މެދު އޭނާ މިހާރު ހިތާމަ ކުރާ މިންވަރު، ބަސްތަކަކުން ބަޔާން ނުކޮށްދެވޭނެ ކަމަށެވެ. އަދި އޭނާގެ އަމަލުތައް ހުރި ގޮތާ މެދު އިންތިހާއަށް ލަދުވެތި ވާ ކަމަށްވެސް ޑަކްލޯގެ ޓްވީޓްގައި ވަނީ ފާހަގަ ކުރައްވާފައެވެ.

މުސާރަ ނުހިނގާ ގޮތަށް ޑަކްލޯ ސަސްޕެންޑް ކުރީ ހުކުރު ދުވަހުއެވެ. އެއީ ވެނިޓީ ފެއާ މެގަޒިންއިން އާންމު ކުރި ރިޕޯޓަކާ ގުޅިގެންނެވެ.

ރިޕޯޓާ ޓާރާއަކީ، ބައިޑަންގެ އިންތިހާބީ ކެމްޕޭން ކަބަރު ކުރިއަށް ދިޔަ ނޫސްވެރިޔާ އެލެކްސީ މެކަމޮންޑްއާއި ޑަކްލޯގެ ޒާތީ ގުޅުމެއް އޮތް ކަމަށް ބުނާ މައްސަލަ ތަހުގީގު ކޮށް އެކަމުގެ މައުލޫމާތު އެއް ކުރަމުން ދިޔަ ނޫސްވެރިއެކެވެ.