ދުނިޔޭގެ ގިނަ މީހުންނެކޭ އެއްފަދައިން އަހަރެންވެސް ނަފްސާނީގޮތުން ވަރުބަލިވެއްޖެއެވެ. ހޭލުމަށްފަހު ހަބަރުތައް ބަލާ، އެއް ހިތާމަވެރި ހާދިސާއަށްފަހު އަނެއް ހިތާމަވެރި ހާދިސާގެ ވާހަކަ ކިޔުމުގައި ގިނަ ވަގުތު ހޭދަކުރަނީ ގާޒާގައި ކެނޑިނޭޅި ހިނގަމުންދާ ހަނގުރާމައަށް ދާއިމީ ނިމުމެއް ގެނައުމަށް އެދޭތީއެވެ. ޖިސްމާނީ ގޮތުން ވެސް އަހަރެން ވަރުބަލިވެއްޖެއެވެ. ހަފްތާ ބަންދު ހޭދަކުރަނީ ފަލަސްތީނަށްޓަކާ އަޑު އުފުލުމުގައެވެ. އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު މަގުމައްޗަށް ނުކުމެ، ވާހަކަ ދައްކާ، އަޑު އުފުލާނަމަ މި ހަނގުރާމަ ދާއިމަށް ހުއްޓާލަން ގޮވާލުމަށް ވެރިންނަށް ބާރުއެޅިދާނެ ކަމުގެ އުއްމީދުގައެވެ.

ނަމަވެސް ގާޒާގެ އަންހެނުންނަށް ލިބެމުންދާ ހިތާމަތަކަށް އެއްވެސް ސަމާޅުލުކަމެއް ނުދީ، އެމީހުންގެ ހައްގުގައި އަޑު އުފުލުމަށް ނުކުޅެދިފައިވާ 'ފެމިނިސްޓުން'ނާ މެދު މާޔޫސްވެއްޖެއެވެ.

އިޒްރޭލުން ގާޒާއަށް ދެމުން އަންނަ ހަމަލާތަކުގައި، ފަލަސްތީނުގެ އަންހެނުންނާ މެދު އަމަލުކުރަމުން އަންނަނީ ވަރަށް ހަރުކަށިކޮށެވެ. އަންހެނުން ރަހީނުކޮށްގެން ގެންގޮސް އެމީހުންނަށް އަނިޔާދީ ރޭޕް ކުރުމަކީ އިޒްރޭލު ސިފައިން ޒަމާނުއްސުރެ ހިންގަމުން އަންނަ މުޑުދާރު އަމަލުތަކެކެވެ. އަންހެނުންނާ މެދު ކުރަމުން އަންނަ މިފަދަ އަމަލުތަކުގެ ވާހަކަ ދައްކާ، އިޒްރޭލު ކުށްވެރިކުރަން ޖެހެއެވެ. އަންހެނުންނާއި އަންހެން ކުދިންނާ ދެކޮޅަށް، އަދި އެހެން އެއްވެސް މީހަކާ ދެކޮޅަށް ވިޔަސް ހިންގާ މިފަދަ ބޮޑެތި ޖަރީމާތަކަކީ ދުވަހަކުވެސް އިހުމާލުވެ، މާފުކޮށް ނުވަތަ ހަނދާން ނައްތާލައިގެން ނުވާނެ ޖަރީމާތަކެކެވެ.

އެހެންނަމަވެސް، ފަލަސްތީނުގެ އަންހެނުންނާ މެދު އިޒްރޭލުން ހިންގަމުންދާ މިފަދަ ހަރުކަށި އަމަލުތަކާމެދު ފެމިނިސްޓުން ތިބީ ހިމޭނުންނެވެ.

އިޒްރޭލުން ގާޒާއަށް އަރައިގަނެ، ދިން ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ހާސް އަންހެނުންނާއި ކުޑަކުދިން ޝަހީދުވެ، ޒަހަމްވެ، އިމާރާތްތަކުގެ ކުނިތަކުގެ ދަށަށް ގެއްލިއްޖެއެވެ. އަދި އިތުރު އެތައް ބައެއްގެ ގެދޮރު ގެއްލިފައިވާއިރު، ފިނި މޫސުމުގައި އެމީހުން ދިރިއުޅެމުން އަންނަނީ ބޯހިޔާވަހިކަމެއް އަދި ޒަރޫރީ ބޭނުންތައް ފުއްދާނެ ވަސީލަތްތަކާ ސާމާނު ނެތިއެވެ.

ސިއްހީ ނިޒާމު ގާތްގަނޑަކަށް މުޅިން ފުނޑުފުނޑުވެ، ކާބޯތަކެއްޗާއި ސާފު ފެން ނުލިބުމުގެ ސަބަބުން ގާޒާގެ ގާތްގަނޑަކަށް 45،000 މާބަނޑު އަންހެނުންނާއި ކިރުދޭ 68،000 މައިންނަށް އެނީމިއާ، ލޭ އައުމާއި މަރުވުމުގެ ނުރައްކާ ވަނީ ކުރިމަތިވެފައެވެ. ފަލަސްތީނުގެ ހިފާފައިވާ ހުޅަނގު އައްސޭރީގައި ތިބި ފަލަސްތީނުގެ އެތައް ސަތޭކަ އަންހެނުންނާއި ކުޑަކުދިން އަދިވެސް ޖަލުގައި ބަންދުކޮށްފައިވާއިރު، އެތައް ބަޔަކު ހައްޔަރުކޮށްފައި ތިބީ ޝަރީއަތެއް ނުކޮށެވެ. ދިރިއުޅުމަށް އެމީހުން މަސައްކަތް ކުރަމުން އަންނަނީ ވަރަށް ހިތްދަތި ހާލުގައެވެ.

މި ކާރިސާ ފާޅުގައި ހިނގަމުން އަންނައިރު، އިނގިރޭސިވިލާތުގައި އަދި އާންމުކޮށް ހުޅަނގުގެ ގިނަ ފެމިނިސްޓުން އެކަމާ ބެހޭ ގޮތުން ބުނާނެ އެއްޗެއް ނެތެވެ.

ފަލަސްތީނުގެ އަންހެނުންގެ ވާހަކަތަކަށް އިހުމާލުވަނީ ކީއްވެ ހެއްޔެވެ؟ ފަލަސްތީނުގެ އަންހެނުންނާއި ކުޑަކުދިންގެ ޖިހާދުތަކާ މެދު ކަންބޮޑުނުވަނީ ކީއްވެގެން ހެއްޔެވެ؟ އަޅުގަނޑަށް ޤަބޫލުކުރެވެނީ، ހަމަ ގަސްތުގައި އަޅާ ނުލާ ދޫކޮށްލަނީ ކަމަށެވެ. ސޯޝަލް މީޑިއާއާއި ނޫސްތަކުން އަދި އެންމެ ކުރީގެ ފޮތްތަކުންވެސް މި ކާރިސާގެ މައުލޫމާތު ލިބެން ހުންނަ އިރުވެސް އެމީހުންގެ ހައްގުގައި ފެމިނިސްޓުން ވަކާލާތުނުކުރަނީ ހަމަ ގަސްތުގައެވެ.

ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި މި ސުވާލުތަކާ މެދު އަހަރެން ވަރަށް ބޮޑަށް ވިސްނާލީމެވެ. ފެމިނިޒަމްގެ މާނަ ދެނެގަތުމަށާއި، އަންހެނުންގެ ހައްގުގައި އެތައް ފޮތްތަކެއް ލިޔެފައި ތިބި ލިޔުންތެރިންނަށް ފަލަސްތީނުގެ އަންހެނުން މުހިންމު ނުވަނީ ކީއްވެތޯ ދެނެގަންނަށް އަހަރެން ވަރަށް މަސައްކަތް ކުރީމެވެ.

މަޑުމަޑުން އަހަންނަށް އެނގުނީ، އެމީހުން ދެކޭގޮތުގައި ފަލަސްތީނުގެ އަންހެނުންނަކީ، މައިގަނޑު ގޮތެއްގައި އިޒްރޭލުން ނުވަތަ ބޭރުގެ އެހެން ބާރަކުން ނޫނީ، ފަލަސްތީނުގެ ފިރިހެނުންގެ ފަރާތުން ނިކަމެތި ބައެއްގެ ގޮތުގައި ދެކޭކަމެވެ. ފަލަސްތީނުގެ އަންހެނުންނަކީ އެއްވެސް އިދާރާއެއް ނެތް، ޖިންސުގެ މައްޗަށް ބިނާކޮށް ކުރާ އަނިޔާގެ މައިގަނޑު އަސާސްތަކުގެ ތެރޭގައި ހިމެނޭ މުޖުތަމައެއްގެ ދާއިމީ ޝިކާރައަކަށްވެފައިވާ ބައެކެވެ. ހަމައެހެންމެ، ފަލަސްތީނުގެ ފިރިހެނުންނަކީ، އަންހެނުންނަށް އަނިޔާކޮށް، ހަމާސް ފަދަ ހަރުކަށި ފިރިހެނުންގެ ޖަމާއަތުގެ ބައެއްގޮތަށް ދެކެއެވެ. އެހެންކަމުން ގާޒާއަށް އިޒްރޭލުން ދޭ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގެ އަންހެނުން ހަމާސްގެ އަތްދަށުން މިނިވަންކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އިޒްރޭލުން ބުނާ ބުނުން މި "ފެމިނިސްޓުން" ގަބޫލުކުރެއެވެ. ނަތީޖާއެއްގެ ގޮތުން ފަލަސްތީނުގެ އަންހެނުންނަށް ލިބެމުންދާ ހަގީގީ، ބޮޑު ގެއްލުމަކަށް އިހުމާލުވެއެވެ.

މި ވިސްނުމަކީ، ނުތަނަވަސް ތާރީހީ ވައްޓަފާޅިއެއްގެ ތެރެއިން، އިސްތިއުމާރީ އަދި ޝާހީ ފިކުރުތަކާއި، ކުރިން ދެކޭ ގޮތްތަކުން އުފެދިފައިވާ ފެމިނިޒަމްގެ ވައްތަރެކެވެ. އަފްގާނިސްތާނަށް ވެސް އެމެރިކާ އިން އަރައިގަތުމަށް މި ފެނިމިނިސްޓުން ތާއީދުކުރީ އަންހެނުން ބާރުވެރިކުރާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް އިޒްރޭލުގައި ވަރަށް ބޮޑަށް ފިރިހެން ވަންތަ އަދި ދީނީ މުޖުތަމައުތަކުގައި ދިރިއުޅެމުން އަންނަ ޔަހޫދީ އަންހެނުންގެ ބާރުގަދަ މިނިވަންކަމަށް ވަކާލާތު ކުރަން އެމީހުން ދުވަހަކުވެސް ނުވިސްނާނެއެވެ.

ފެމިނިޒަމްގެ މި ބްރޭންޑްގައި ހަމްދަރުދީ އާއި ރުޅިވެރިކަން ގުޅިފައި ވަނީ ޔުނިވާސަލް ފެމިނިސްޓް އަސާސްތަކާއި ހުރިހާ އަންހެނުންނަށް އެޖެންސީއަކާއި ބާރެއް ދޭން އެދޭ ގޮތަކަށް ނޫނެވެ. އަމިއްލަ އައިޑެންޓިޓީއާއި ސިޔާސީ ގުޅުމާ ގުޅުވާފައެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން، ބައެއް ފެމިނިސްޓް ޖިހާދުތައް، އަދި ހާއްސަކޮށް މުސްލިމް ފިރިހެނުންނާ ދެކޮޅަށް ކުރާ ޖިހާދުތަކަށް އިސްކަންދެއެވެ.

މިގޮތުން، ގާޒާގައި ހަނގުރާމަ ހުއްޓާލަން ޖެހޭ ކަމަށް ބުނެ ހުޅަނގުގެ ފެމިނިސްޓުން ހިމޭނުން ތިބުމަކީ ހަމައެކަނި އަހުލާގީ އުނިކަމެއް ނޫނެވެ. އެއީ ސިޔާސީ ކަމެއް ވެސް ރަމްޒުކޮށްދޭ ކަމެކެވެ. އެއީ އިސްތިއުމާރީ އަދި ޝާހީ ބާރުތަކުގެ އޮނިގަނޑުތަކާ ގުޅިފައިވާ ފެމިނިޒަމްގެ ބްރޭންޑެއް ދަމަހައްޓައި، ތާރީހީ ގޮތުން ހިމާޔަތް ދިނުމުގެ ނަމުގައި ގެއްލުމެއް ދީފައިވާ ބްރޭންޑެކެވެ.

މި ހިމޭންކަމަކީ ޒަމާނީ "ކޮލޯނިއަލް ފެމިނިޒަމް"ގެ ރަމްޒަކަށް ވާއިރު، "އަންހެނުން މިނިވަން ކުރުމުގެ" ބަހުރުވައިން އަނިޔާވެރިކަމުގެ ހަރުކަށި އަމަލުތައް ސިއްރުކުރެއެވެ. އަދި އެހީގެ ނަމުގައި ފަލަސްތީނުގެ އަންހެނުންނަކީ ހަމައެކަނި ސަލާމަތްކުރަން ޖެހިފައިވާ ބައެއްގެ ގޮތުގައި ސިފަކޮށް، އެމީހުންގެ ދިފާއުގެ ހައްގަށް އިންކާރުކުރެއެވެ.

ބައެއް ފެމިނިސްޓުން ވަނީ އެއް ޖިންސުން ގުޅުން ހިންގުން ފަދަ ހައްގުތަކަށް ފަލަސްތީނުގެ މުޖުތަމައު ސަޕޯޓުނުކުރާތީ، އެކަމަށް އިޝާރާތްކޮށް ހަނގުރާމަ ހުއްޓާލަން ގޮވާލުމަށް ދެކޮޅު ހެދުމުގެ ބަހަނާ ދައްކާފައެވެ. އެއް ޖިންސުން ގުޅުން ހިންގާ މީހުން ހަމާސް އިން ޖަލަށްލާ ނުވަތަ އެއަށް ވުރެ ގޯސްކޮށް ކަންތައް ކުރާ ކަމަށް ބުނެ އެ ޖަމާއަތް މުޅިން ނައްތާލަންދެން ހަނގުރާމަ ކުރިއަށް ގެންދަން ޖެހޭ ކަމަށް އެ މީހުން ބުނެއެވެ. ފެމިނިސްޓުން ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ވަކާލާތު ނުކުރުމަށް ބަހަނާއެއްގެ ގޮތުގައި ބޭނުންކުރުމަކީ، މިހާރު ކުރިމަތިވެފައިވާ އިންސާނީ ބޮޑު ކާރިސާ އެއްފަރާތްކޮށްދޭ ކަމެކެވެ. މިފަދަ ވިސްނުމުން ކޮންމެ ދުވަހަކު ވެސް އަނިޔާގެ ޝިކާރައަކަށްވެފައިވާ އެތައް ހާސް އަންހެނުންނާއި ކުޑަކުދިންގެ ބޭނުންތަކަށް އިހުމާލުވެވިގެން ދެއެވެ.

މި ސަބަބުތަކަށްޓަކައި ހަނގުރާމަ ހުއްޓާލުމަށް ފެމިނިސްޓުން ތާއީދުނުކުރާއިރު، ފަލަސްތީނުގައި ކޮންމެ ދުވަހަކު އެތައް ފުރާނައެއް ގެއްލި، އަނިޔާތައް ތަހައްމަލު ކުރަމުން ދެއެވެ. ހަގީގީ ފެމިނިސްޓް އެކްޓިވިޒަމް، ޖިއޯޕޮލިޓިކަލް ބަޔަސްތައް ފަހަނައަޅައި ގޮސް، ހުރިހާ އަންހެނުންނާއި ނިކަމެތި ޖަމާއަތްތަކުގެ ހައްގުތަކާއި ކަރާމާތް ދަމަހައްޓަން ޖެހޭނީ، އެ މީހުންގެ ބެކްގްރައުންޑަށް ބެލުމެއް ނެތި ނުވަތަ އެމީހުންގެ އިޖުތިމާއީ ކޮންޓެކްޓްތަކުގެ ކޮމްޕްލިކޭޝަންތަކަށް ބެލުމެއް ނެތިއެވެ.

މިއަދު ފަލަސްތީނުގެ އަންހެނުން ދިރިއުޅެމުން ދަނީ ފެމިނިޒަމްގެ މައިގަނޑު އަސާސްތަކަށް އަސާސީ ގޮތުން ގޮންޖެހުންތައް ކުރިމަތިވާ ބިރުވެރި ކަމެއްގެ ތެރޭގައެވެ. މައިން ދަރިން ވަޅުލަނީ ހުސް އަތުންނެވެ. ގެއްލުނު ގެދޮރާއި، ބަނޑުހައިހޫނުކަމާއި، ބޮމުގެ ހަމަލާތަކުގެ ތެރޭގައި ގެއްލިފައިވާ ފުރާނަތަކާމެދު އާއިލާތައް ދަނީ ހިތާމަކުރަމުންނެވެ.

މިއަދު ހިމޭނުން ހުރުމަކީ މިހާރު ހިނގަމުންދާ ހިތާމަވެރި ހާދިސާއަށް ދެވޭ އެއްބާރުލުމެކެވެ. މި ފެމިނިސްޓުންނަށް ހަނގުރާމަ ހުއްޓާލުމަށް ގޮވާލުމުގެ ހިތްވަރު ލިބުމުގެ ކުރިން އަދި އިތުރު ކިތައް ފުރާނަ ގެއްލެން ޖެހޭ ހެއްޔެވެ؟ މަރުވާ މީހުންނަކީ ހަމައެކަނި އަދަދުތަކެއް ނޫނެވެ. ގެއްލިގެން އެ ދަނީ އެމީހުން ދިރިއުޅުމާއި، މުސްތަގުބަލެވެ.

ޖިންސާއި މުޖުތަމައުއާ ބެހޭ ގޮތުން އަބަދުވެސް އަޑު އުފުލާ މަޝްހޫރު "ފެމިނިސްޓް" އަޑުތައް ފަލަސްތީނުގެ އަންހެނުންގެ ޖިހާދުތަކާ މެދު އަދިވެސް ތިބީ ހިމޭނުންނެވެ. އެމީހުންގެ ޕްލެޓްފޯމްތަކުގައި ނާޒުކު މައްސަލަތައް ފެންމަތިކުރުމުގެ ބާރު އޮންނައިރު، އެހެން މީހުން އެއްފަރާތަށް ޖެއްސުމުގެ ހަރުދަނާ ބާރެއް ވެސް އެ ޕްލެޓްފޯމްތަކުގައި އެބަހުއްޓެވެ.

މި ހިމޭންކަމުން ފެމިނިސްޓް އެއްބައިވަންތަކަމުގެ ޔުނިވަސިލިޓީއަށް ގޮންޖެހުންތައް ކުރިމަތިކުރުވައެވެ. ވަކިން ހާއްސަކޮށް އެހެން އެތައް ބަޔަކު އެ ފެމިނިސްޓުންގެ އަމަލުތައް ހުންނަ ގޮތް ބަލަމުންދާއިރު، ހިމޭންކަމަކީ ހަމަލާތައް ދިނުމަށް ހިތްވަރުދިނުމާއި ބައިވެރިވުމުގެ ވައްތަރަކަށް ވެގެން ދެއެވެ. ފަލަސްތީނުގެ އަންހެނުންގެ ހިތާމަވެރި ހާދިސާގައި ތިބާގެ ހިމޭންކަން ފާޅު ނުވާކަމަށް ގަބޫލުކުރަންހެއްޔެވެ؟ ތިޔަބޭފުޅުންގެ ހިމޭންކަން ގަދަވެ، އެތައް ބައެއްގެ ނަޒަރުގައި ތިޔަބޭފުޅުންގެ މަސައްކަތުގެ އިތުބާރު ގެއްލިއްޖެއެވެ.

ފަލަސްތީނުގެ އަންހެނުންނަށް ލިބެމުންދާ ހިތާމައިގެ ވާހަކަ ނުދައްކާ، ނުވަތަ ގާޒާގައި ކުރަމުން އަންނަ ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ގޮވާލާ ގޮވާލުންތަކަށް ތާއީދުނުކުރާ މީހުން ގާތު ވަރަށް ކުޑަ ކަމަކަށް އެދެމެވެ. ގާޒާ އިން ނުކުންނަ ފޮޓޯތަކަށް ބަލާށެވެ. އެންމެ ހިނދުކޮޅަކަށް، ތިބޭފުޅުންގެ ފިތުނަތަކާއި، ބުއްދިވެރި ބަހަނާތައް ދޫކޮށް، އެ ފޮޓޮތަކުން ކިޔައިދޭ ވާހަކަތަކާ މެދު ވިސްނާލާށެވެ. ލެއިން ފޯވެ، މަތުވެފައިވާ ފުރާނަތައް އަތަށް ލައިގެން ރޯން ތިބޭ މައިންނަށް ބަލާލާށެވެ. ހަލާކުވެފައިވާ ގެތަކުގެ ކުނިތަކުގެ ތެރޭގައި މަރުވެފައިވާ ޒުވާނުންގެ ދިރިއުޅުމާއި، މަރާލާފައިވާ އާއިލާ މީހުންގެ ހަށިތައް އެއްކުރަން މަސައްކަތްކުރާ މީހުންގެ ފޮޓޯތަކަށް ބަލާށެވެ. އެ ފޮޓޯތަކަށް ބަލާ ވިސްނާލާށެވެ. ވަގުތުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލަން ނުޖެހޭ އޮތީ ކޮން ސަބަބެއް ހެއްޔެވެ؟