ދަރިމައިވުމުގެ މައްސަލަތަކަށް އާސަންދަ ސްކީމުން ހަރަދުކޮށްގެން ފަރުވާ ދެވޭނެ ގޮތްތައް ހަމަޖެއްސުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މީގެ އަހަރެއް ކުރިން ހުށަހެޅި ގަރާރު ފާސްކޮށްފިއެވެ.
މިދިޔަ އަހަރުގެ ޖޫން މަހު ރައްޔިތުން މަޖިލީހަށް އެ ގަރާރު ހުށަހަޅާފައި ވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމެވެ. އެ ގަރާރުގައި ބުނެފައި ވަނީ ސިއްހީ ހިދުމަތުގެ ގާނޫނުގެ ދަށުން ހުރިހާ ދިވެހިންނަށް ހަމަހަމަކަމާއެކު ރަނގަޅު ފެންވަރުގެ އަސާސީ ސިއްހީ ހިދުމަތް ލިބިގަތުމުގެ ހައްގު ކަށަވަރުކޮށްދޭ ކަމަށެވެ.
ނަމަވެސް، ރާއްޖޭގެ ސިއްހީ ނިޒާމް ބައްޓަންވެފައިވާ ގޮތާއި އާސަންދަ އޮންނަ ގޮތުން، އެ ނިޒާމްގެ އެހީގައި ދަރިމައިވުމުގެ މައްސަލައަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތުތައް ވަރަށް ހަނި ކަމަށް އެ ގަރާރުގައި ބުނެފައި ވެއެވެ. އަދި ހަމައެހެންމެ ފަރުވާ ހޯދާ މީހުންނަށް ބޭނުންވާ ބައެއް ބޭސް ރާއްޖެއިން ހޯދުމުގައި ދަތިތައް ހުންނައިރު، ދަރިމައިނުވުމުގެ މައްސަލައާ ގުޅިގެން ދެވޭ ބައެއް އަސާސީ ބޭސް ވެސް އާސަންދައިގެ ދަށުން ނުލިބޭ ކަމަށް ގަރާރުގައި ވެއެވެ.
އެހެންކަމުން، ދަރިމަރިވުމުގެ މައްސަލަތަކާ ގުޅޭ ގައުމީ ފެންވަރުގެ ދިރާސާއެއް ހަދައި، ދަރިމައިވުމުގެ މައްސަލައަށް ބޭނުންކުރާ ބައެއް އަސާސީ ބޭސްތައް ރާއްޖެއިން ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ އިތުރުން ކުރިއަށް އޮތް ތަނުގައި ދަރިމައިވުމުގެ މައްސަލައަށް ބޭސްކުރާ މީހުންނަށް އާސަންދައިގެ ދަށުން ދެވޭނެ ހިދުމަތްތަކަކީ ކޮބައިތޯ ބަލައި ހިދުމަތްތައް ފޯރުކޮށްދެވޭނެ ހަރުދަނާ އުސޫލެއް އަދި މިންގަނޑެއް ކަނޑައަޅައި އެ މުހިންމު މައްސަލައަށް ރާއްޖޭގެ އިގުތިސޯދީ ފެންވަރުގައި އެކަށީގެންވާ ހައްލެއް ހޯދައިދިނުމަށް މީކާއިލް ވަނީ ގޮވާލާފައެވެ.
މި ގަރާރުގެ ވޯޓަށް މިއަދު އަހާފައިވާއިރު މަޖިލީހުން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި ހުރިހާ މެންބަރުންގެ ތާއީދާ އެކުއެވެ. މިއަދު ނެގި ވޯޓުގައި 45 މެންބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރާއްޖޭގައި ދަރިމައިވުމުގެ މައްސަލަތައް އިތުރުވަމުންދިޔަ ނަމަވެސް ފަރުވާ ހޯދުމަށް ބޮޑު ހަރަދުކޮށް ރާއްޖެއިން ބޭރަށް ފަރުވާ ހޯދަން ދިއުމަށް މަޖުބޫރުވެއެވެ. އަދި އެކަމުގެ ފަރުވާއަށް އާސަންދަ ނުދޭ މައްސަލައިގައި ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ އެކަމާ ޝަކުވާ ކުރަމުންނެވެ. ދަރިމައިވުމުގެ މައްސަލަތަކަށް، ސަރުކާރުގެ އެހީ ދެވޭނެ ގޮތްތައް ބަލަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.