އަންހެނުން ނިކަމެތި ކޮށްލުމާއި އެމީހުންނަށް ވަޒީފާގައި އެތައް އުނދަގޫތަކެއް ކުރިމަތިވަމުން އަންނަ ވާހަކައަކީ ޒަމާނުއްސުރެ ދެކެވެމުން އަންނަ ވާހަކަތަކެވެ. އަންހެނުންނަކީ ބާރު ދެރަ ބައެއްގެ ގޮތުގައި ދެކޭ އެތައް ބަޔަކު ވަޒީފާގައި ބިރު ދައްކައި ފުރައްސާރަ ކޮށްފައި ވެސް އެބަހުއްޓެވެ. އެމީހުންގެ ހައްގުތަކަށް އަރައިގަންނަ މައްސަލަތައް ފެންނަ މިިންވަރު މަދެއް ނޫނެވެ.
މި ކަންކަމަށް ވަކާލާތުކޮށް އިންސާފު ހޯދައިދޭނެ ކަމަށް ގިނަބަޔަކު ބުނާ އިރު، މި ސަރުކާރަކީ އަންހެނުންގެ ހައްގުތައް ކަށަވަރު ކުރުމަށް ވެސް ގިނަ ކަންތައްތަކެއް ތަންފީޒު ކުރި ސަރުކާރެއް ވެސް މެއެވެ. އެގޮތުން ވިހެއުމާ ގުޅިގެން އަންހެނުންނަށް ދޭ ޗުއްޓީ އިތުރުކުރިއެވެ.
ނަމަވެސް ސަރުކާރު ކުންފުންޏެއް ކަމަށްވާ ފެނަކަ ކޯޕަރޭޝަންގައި މަސައްކަތް ކުރި މުވައްޒަފެއްގެ ތަޖުރިބާ ކިޔައި ދިނުމުން ދައްކާ ވާހަކައާ އަމަލު ދިމާ ނުވާ ކަން ހާމަވެއެވެ. 'ދަ ޕްރެސް' އަށް މައުލޫމާތު ދެމުން އޭނާ ބުނީ، ވިހައިގެން ނިކުތުމުން އޭނާއަށް ހަނދާނުން ނުފިލާ ވަރުގެ "ގިފްޓް ހެމްޕާއެއް" ލިބުނު ކަމަށާއި، އެއީ ވަޒީފާއިން ވަކި ކުރި ކަމުގެ ލިޔުން ކަމަށެވެ.
މާބަނޑު ދުވަސްވަރު ސިއްހީ ގޮތުން މައްސަލަަތަކަކާ ކުރިމަތިލާން ޖެހި ވިހެއި ދަރިފުޅުގެ ވެސް ސިއްހީ މައްސަލަތަކެއް ހުރި ވަގުތެއްގައި ވިހެއުމުން ދޭން ޖެހޭ 6 މަސް ދުވަހުގެ ޗުއްޓީއަށް އެދި ހުށަހެޅި ދުވަހު ޖަވާބެއްގެ ގޮތުން މަސައްކަތް ކުރި ކުންފުނިން ދިނީ ވަޒީފާގެ ލިޔުމަކީ އޭނާއަށް ދިން ވަރަށް ބޮޑު ހިތްދަތިކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއެވެ. އެ ދުވަހުގެ ހަނދާންތައް އާކުރަމުން އޭނާ ބުނީ، 6 އަހަރު ދުވަހު މަސައްކަތް ކުރި ކުންފުނިން އޭނާ އާ މެދު ކަންތައް ކުރީ ވަރަށް ދެރަކޮށް ކަމަށާއި، އޭނާއަށް އެގޮތަށް ކަންތައް ކުރީ އަންހެނަކަށް ވީތީ ކަމަށާއި އެއީ ޖެއްސުމަށް ވެސް ކުރާނެ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށެވެ.
ޗުއްޓީގައި ހުރެ އެނުއަލް، އެމެޖެންސީ އަދި ނޯޕޭ ހަމަޖައްސަން ކުރި މެސެޖުތަކަށް ޖަވާބެއް ނުދޭ!
އުމުރުން 34 އަހަރުގެ މި އަންހެން މީހާ ފެނަކަ ކޯޕަރޭޝަންއާ ގުޅުނީ، މާޗް 1، 2016 ގައެވެ. ފެނަކައިގެ ލީގަލް ޑިޕާޓްމަންޓްގެ ސީނިއާ އެޑްމިން އޮފިސަރެއްގެ މަގާމުގައި އޭނާ އެ ކުންފުނީގައި މަސައްކަތް ކުރާތާ 6 އަހަރުވީ އިރު އޭނާ އިނީ 2 ވަނަ ކުއްޖާއަށް ބަލިވެއެވެ. ބަނޑުބޮޑުވެ ސިއްހީ ގޮތުން މައްސަލަަތަކަކާ ކުރިމަތިލާން ޖެހުމުގެ ސަބަބުން ބަނޑަށް ހަތް މަހުގައި، ޓްރީ ޓޮޕް ހޮސްޕިޓަލުން އޭނާ ބެލި އަންހެނުންގެ ހާއްސަ ޑޮކްޓަރު، މާރިޔާ ކްރިސްޓީނާ ވަނީ ގިނައިން ހެލިފެލިވެ އުޅުން މަނާ ކޮށް ވިހެއުމާ ހަމައަށް އަރާމު ކުރުމަށް އަންގައި މާޗް 15، 2022 ގައި ލިޔުން ދީފައެވެ.
މި އަންހެން މީހާ ދިރިއުޅެނީ ހުޅުމާލޭގައި ކަމުން އޭނާ ވަޒީފާ އަދާކުރަން މާލެއަށް ދަތުރުކޮށް ހެލިފެލިވެ އުޅުން މަނާ ކޮށްފައިވާ އިރު، ޑޮކްޓަރުގެ ލަފާގެ މަތިން ޕްރީ މެޓާނިޓީ ލީވަކަށް އޭނާ އެދިފައި ވަނީ މާޗް 16 ވަނަ ދުވަހުއެވެ. ނަމަވެސް ފެނަކައިން އޭރު އެ ޗުއްޓީ ހަމަޖައްސައި ދިނީ ކިހާ މުއްދަތަަކަށް ކަން މުވައްޒަފަށް އަންގާފައެއް ނުވެއެވެ.
އޭނާގެ އަހަރީ ޗުއްޓީ އާއި އެމަޖެންސީ ޗުއްޓީ ވެސް ހުރުމާއެކު ވިހެއުމާ ހަމައަށް އެ ޗުއްޓީތައް ހަމަޖައްސައި ދިނުމަށް ވެސް އޭނާ ވަނީ އެދިފައެވެ. އެގޮތުން އޭޕްރީލް 19، 2022 އިން ފެށިގެން އެ އަހަރުގެ މެއި މަހުގެ 24 އާ ހަމައަށް މެސެޖުންނާއި މެއިލް އިންނާއި އަދި ފޯނުން ގުޅައިގެން ވެސް އެކި ފަހަރުގެ މަތިން އެ މުވައްޒަފު ވަނީ ފެނަކަ އެޗްއާރް އާއި އޭނާ މަސައްކަތް ކުރާ ޑިޕާޓްމަންޓްގެ ހެޑާ މުއާމަލާތް ކޮށްފައެވެ. ނަމަވެސް އެ ފަރާތުން އެދެވޭ ޖަވާބެއް ދީފައެއް ނުވެއެވެ. އެ ޗުއްޓީގެ ކަންކަން ބަލާނެ ކަމަށް ބުނެ ނިންމި ގޮތެއް އަދި ބަލައިގެން އެމީންނަށް ފާހަގަވި ކަމެއް ވެސް އަދި ޗުއްޓީ ދެވެން ނެތް ކަން ވެސް މުވައްޒަފަަށް އަންގާފައެއް ނުވެއެވެ.
ވަޒީފާއަށް ނުނިކުމެ އެ މުވައްޒަފު ވިހެއުމާ ހަމައަށް ގޭގައި މަޑުކުރީ ޗުއްޓީ ހަމަޖެހުނު ކަމަށް ބަލައިގެންނެވެ. އެ ގޮތުން އެ މުވައްޒަފު ވަނީ ޖޫން 3، 2022 ޓްރީޓޮޕް ހޮސްޕިޓަލްގައި އެމަޖެންސީކޮށް ސިޒޭރިއަން އެއް ހަދާފައެވެ. އަދި އޭނާގެ ދަރިފުޅުގެ ހުރި ސިއްހީ މައްސަލަތަކެއްގެ ސަބަބުން ކުއްޖާ އޮތީ އައިސީޔޫގައި ބާއްވާފައެވެ.
ސިޒޭރިއަންއަށް ފަހު އެ މުވައްޒަފު ވިހެއުމާ ގުޅިގެން ހޯދަން ޖެހޭ ޗުއްޓީ ހޯދުމަށް ޖޫން 5 ވަނަ ދުވަހުގެ ހެނދުނު ފެނަކަ އެޗްއާރަށް ވަނީ މެއިލް ކޮށްފައެވެ. އެ މެއިލް އަށް ފެނަކަ އެޗްއާރުން ޖަވާބެއްގެ ގޮތުގައި އޭނާއަށް ފޮނުވީ، ވަޒީފާއިން ވަކި ކުރުމުގެ ލިޔުމެވެ.
އެ ލިޔުމުގައި ބުނެފައި ވަނީ އެ ކޯޕަރޭޝަންގެ މުވައްޒަފުންގެ ގަވައިދުގެ 34.8 ވަނަ މާއްދާގެ (ހ) ގެ 20ގައި ވާ ގޮތުގެ މަތިން އޮފީހަށް އެންގުމަކާ ނުލައި، އަދި މަގުބޫލު އުޒުރެއްނެތި ވަޒީފާއަށް ހާޒިރުނުވާތާ 5 ދުވަސްވެފައި ވާތީ، ވަޒީފާއިން ވަކި ކުރި ކަމަށެވެ. އެ ލިޔުން މާޗް 5 ވަނަ ދުވަހު ހަވާލު ކުރި ކަމުގައި ވިޔަސް އެ ލިޔުމުގައި ވަޒީފާއިން ވަކި ކުރި ތާރީހެއް ކަމަށް ބުނެފައި ވަނީ މެއި 31، 2022 އެވެ.
ޓްރެބިއުނަލް ނިންމުން: ވަޒީފާ އަނބުރާ ދިނުމަށާއި މުސާރަ އާއި އިނާޔާތް ދޭން އެންގި!
މިއާ އެކު އޭނާ ވަނީ އެ އަހަރުގެ އޮގަސްޓް މަހުގެ 11 ވަަނަ ދުވަހު އެ މައްސަލަ ވަޒީފާއާ ބެހޭ ޓްރެބިއުނަލް އަށް ހުށަހަޅާފައެވެ. މި މައްސަލަ ބެލި އިރު ފެނަކަ ކޯޕަރޭޝަނުން ވަނީ، ޑޮކްޓަރު ދީފައިވާ ލިޔުމުގައި ބުނާ "ލިމިޓް ސްޓިނޮސް ފިސިކަލް އެކްޓިވިޓީސް އަންޓިލް ޑެލިވަރީ" މި ބަޔަށް އަލި އަޅުވާ ވާހަކަ ދައްކާފައެވެ.
އެގޮތުން އެއީ މަސައްކަތު މީހަކު ފެން އުފުލުން، ސިޑިން އެރުން، ބަރު އެއްޗެހި އުފުލުން، ދުވުން އަދި މި ނޫން ވެސް އެ ބާވަތުގެ ހަރަކާތް ބޭނުން ކޮށްގެން މަސައްކަތް ކުރުން ގޮތުގައި ފެނަކައިން ޓްރައިބިއުނަލްގައި ކުރި ބަހުސްގައި ބުނެފައި ވެއެވެ. އަދި އެ ޑޮކިއުމަންޓާ މެދު ސުވާލު އުފައްދާ ވާހަކަ ދައްކާފައިވާ އިރު، 30 ދުވަހުގެ ޗުއްޓީ ދިން ކަމަށާއި އެއް މުއްދަތަށް ފަހު ސަބަބެއް ހާމަ ނުކޮށް ވަޒީފާއަށް ނުނިކުންނަ ކަމަށް ވެސް ބުނެފައި ވެއެވެ.
ނަމަވެސް އެ މުވައްޒަފު ވަނީ އޭނާ އެޗްއާރް އަށް ކުރި މެއިލްތަކާއި، މެސެޖްތަކާއި ޑިޕާޓްމަންޓްގެ ހެޑަށް ކުރި މެސެޖުތައް ހެކީގެ ގޮތުގައި ޓްރެބިއުނަލްއަށް ހުށަހަޅާފައެވެ. އެ އިން މެއިލަކަށް އަދި މެސެޖަކަށް ވެސް ފެނަކައިން ޖަވާބެއް ދީފައެއް ނުވެއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު މި މައްސަލަ ވަނީ ވަޒީފާއާ ބެހޭ ޓރެބިއުނަލް އިން ބަލައި ނިންމާފައެވެ. އެ ނިންމުމުގައި ބުނެފައި ވަނީ ފެނަކަ ކޯޕަރޭޝަން އިން އެ މުވައްޒަފު ވަކިކޮށްފައި ވަނީ ވަޒީފާއާ ބެހޭ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި އޭނާ އަދާކުރަމުން ދިޔަ ވަޒީފާ އަނބުރާ ދިނުމަށާއި ވަޒީފާއިން ވަކި ކުރި ތާރީހުން ވަޒީފާ އަލުން އަނބުރާ ދޭ ތާރީހާ ދެމެދުގެ މުއްދަތާ ހަމައަށް އޭނާގެ މުސާރައާއި އެހެނިހެން އިނާޔާތްތައް ދިނުމަށް ވެސް ވަނީ އަންގާފައެވެ.
އެގޮތުން ވަޒީފާއިން ވަކި ކުރި އިރު އޭނާއަށް މުސާރައިގެ ގޮތުގައި މަހަކު 5550 ރުފިޔާ އަދި އަދާކުރި މަގާމުގެ އިނާޔާތްތަކުގެ ގޮތުގައި މަހަކު 4440 ރުފިޔާ އައީ ދެމުންނެވެ. އެހެންކަމުން ވަޒީފާއިން ވަކި ކުރި މުއްދަތުން ފެށިގެން މި މަހުގެ ނިޔަލަށް ގުނާ ނަމަވެސް ވޭތުވެ ދިޔަ 18 މަސް ދުވަހުގެ ތެރޭގައި އެ މުވައްޒަފަށް ފެނަކަ ކޯޕަރޭޝަނުން 179،820 ރުފިޔާ ދޭން ޖެހެއެވެ.
ދަރިފުޅަށް ދޮޅު އަހަރު ވީއިރު، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް 3 ވަނަ ފަހަރަށް ދަނީ!
އޭނާ ބުނާ ގޮތުގައި ވަޒީފާ އަދާ ކުރިތަނުން މުވައްޒަފުންގެ ހާލަތަށް ބަލާފައެއް ނުވެއެވެ. ދަރިފުޅު އުފަން ވި އިރު ވެސް އޮތީ އައިސީޔޫގައި ކަމަށާއި އަދި އެ ކުއްޖާގެ ސިއްހީ ހާލަތަށް ރާއްޖެއިން ފަރުވާ ދެވެން ނެތުމުން ރާއްޖެއިން ބޭރަށް ވަގުތުން ފުރުވާލި ކަމަށެވެ. އާސަންދައިން ހަމަޖައްސައިގެން އިންޑިއާއަށް ދިޔަ އެ ދަތުރުގައި އަމްރިތާ ހޮސްޕިޓަލުން ލަފާ ދީފައި ވަނީ ހަ މަހުން ހަ މަހުން ކުއްޖާ ދައްކަން ދިޔުމަށެވެ.
އެ ގޮތުން ވޭތިވެ ދިޔަ ދޮޅު އަހަރު ތެރޭ ދެފަހަރެއްގެ މަތިން އާސަންދައިގެ އެހީގައި އިންޑިއާއަށް ވަނީ ބޭސް ފަރުވާ ކުރަން ގޮސްފައެވެ. އަދި ކުރިއަށް އޮތް މަހު ވެސް އެ ކުއްޖާ ގޮވައިގެން ބޭސް ފަރުވާއަށް ފރަން ތައްޔާރުވެގެން ތިބި ކަމަށް އޭނާ ބުނެއެވެ.
އޭނާގެ ދަރިފުޅު ތަހައްމަލު ކުރާ ސިއްހީ މައްސަލަތަކާ ގުޅީގެން ދައްކަން ޖެހެނީ ކުޑަކުދިންގެ ވަކި ހާއްސަ ޑޮކްޓަރަކަށް ވެފައި ނަމަވެސް ރާއްޖޭގައި އެކަމަށް ހާއްސަ ޑޮކްޓަރެއް ނެތުމުން ފަރުވާ ހޯދަމުން އަންނަނީ އިންޑިއާގެ އެއިމްސް ހޮސްޕިޓަލުންނެވެ.
ފެނަކައިން ވަކި ކުރި މުވައްޒަފު ބުނާ ގޮތުގައި މަސައްކަތް ކުރާ ތަންތަނުން ދިގު މުއްދަތުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ބަލާ ކަމަށާއި އެމީހުންނަށް ބޮޑު ކަމެއް ޖެހިއްޖެ ނަމަ ލުއި ގޮތްތައް ހަމަޖައްސައި ދޭނެ ކަމަށް ގަބޫލު ކުރެވުނު ކަމަށެވެ. ނަމަވެސް އޭނާގެ ހަޔާތަށް އައި ނިތަނަވަސް ދުވަސްވަރެއްގައި ވަޒީފާ އަދާ ކުރި ތަނުން މުއާމަލާތް ކުރުމުގައި ވެސް ފަރުވާ ކުޑަކުރި ކަމަށާއި އަދި އެންމެ ފަހު ވަގުތު އޭނާ ވަޒީފާއިން ކަނޑާލީ ވެސް ވަރަށް ހިތްދަތި ވަގުތެއްގައި ކަމަށެވެ. އޭނާގެ ހައްގުތަކަކަށް ފެނަކަ ކޯޕަރޭޝަނުން އަރައިގަތް ކަމަށް ގަބޫލު ކުރާ ކަމަށާއި ބައެއް ފަހަރު މިއީ ޒާތީ ކަމެއް ގޮތުގައި ވެސް ސިފަ ކުރެވޭ ކަމަށް އޭނާ ބުނެއެވެ.
މި ފަދަ ކަންކަން އެތައް އަންހެނުންނަކަށް ދިމާވެދާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި މި ފަދަ ކަމެއް ދިމާވެއްޖެ ނަމަ ކުންފުނިތަކުން ބޭއިންސާފުން ކުރާ މިފަދަ ކަންކަން ސިއްރުކޮށްގެން ނުހުރުމަށް އޭނާ ނަސޭހަތްތެރިވެއެވެ. ވަޒީފާގައި އުޅޭ އިރު ވަޒީފާ ދޭ ފަރާތުން ހިންގާ މިފަދަ ޖަރީމާތައް ހުއްޓުވުމަށް އަޑުއުފުލުމަށާއި ވަޒިފާ އާ ބެހޭ ޓްރައިބިއުނަލް އަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ދިއުމަކީ އިންސާފު ހޯދަން ކުރެވިދާނެ ކަމެއް ކަމަށް އޭނާ ބުނެއެވެ.
މި ކޭސް އާ ގުޅިގެން ފެނަކަ ކޯޕަރޭޝަންގެ ބަހެއް ހޯދަން 'ދަ ޕްރެސް' ގެ ޓީމުން މަސައްކަތް ކުރި ނަމަވެސް އެ ކޯޕަރޭޝަން އިން ފޯނަށް ޖަވާބު ދީފައި ނުވާ ކަން ފާހަގަ ކޮށްލަމެވެ.