ކޮރަޕްޝަންގެ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ދޭސީންނާއި ބިދޭސީން އެކުލެވޭ ގޮތަށް، 65 މީހަކު ހައްޔަރު ކޮށްފައި ވާ ކަމަށް، ސައުދީ އަރަބިއްޔާގެ އެންޓި-ގްރާފްޓް އޮތޯރިޓީ (ނަޒާހާ) އިން ހާމަކޮށްފިއެވެ.

ނަޒާހާއިން އާންމު ކުރި ބަޔާނެއްގައި ވާ ގޮތުން، ހައްޔަރު ކުރި މީހުންގެ ތެރޭގައި 48 އޮފިޝަލަކާއި ސަރުކާރުގެ މުވައްޒަފުން ހިމެނެއެވެ. އޭގެ ތެރޭގައި، ދިފާއީ ވުޒާރާ، ދާހިލީ ވުޒާރާ، އަދުލު އިންސާފާ ބެހޭ ވުޒާރާ، މުނިސިޕަލް ރޫރަލް އެފެއާޒް އެންޑް ހައުސިންގް ވުޒާރާ، ތައުލީމާ ބެހޭ ވުޒާރާ އަދި ތިމާވެއްޓާ، ފެނާއި ދަނޑުވެރި ކަމާ ބެހޭ ވުޒާރާގެ އޮފިޝަލުންނާއި މުވައްޒަފުން ހިމެނޭ ކަމަށް ހަބަރު ލިބެއެވެ. މީގެ އިތުރުން ޕްރެސިޑެންޒީ އޮފް ސްޓޭޓް ސެކިއުރިޓީއާ، ސައުދީގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އިތުރުން ޖެނެރަލް އޮތޯރިޓީ އޮފް މީޓިއޮރޮލޮޖީ އެންޑް އެންވާރަމަންޓް ޕްރޮޓެކްޝަންގެ އޮފިޝަލުންނާއި މުވައްޒަފުން ހިމެނޭ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރު ކޮށްފައި މީހުންނާ ދެކޮޅަށް ދައުވާ އުފުލަނީ ރިޝްވަތާއި، މަގާމުގެ ނާޖައިޒު ފައިދާ ނެގުމުގެ އިތުރުން ފޯޖަރީ (ވަގު ނަކަލު) ގެ ކުށުގައެވެ.

މި އެންމެނަކީވެސް މި މަހު ނަޒާހާއިން ހިންގި 460 އިންސްޕެކްޝަން ރެއިޑަކާ ގުޅިގެން ހައްޔަރު ކުރި މީހުން ކަމަށް ހަބަރު ލިބެއެވެ. މި މީހުން ހައްޔަރު ކޮށްފައި ވަނީ، ތުހުމަތު އަމާޒުވި 411 މީހެއްގެ މައްސަލަތައް ތަހުގީގު ކުރުމަށް ފަހުގައި ކަމަށްވެސް މައުލުމާތު ލިބެއެވެ.

ނަޒާހާއިން ބުނީ، މައްސަލަ ކޯޓަށް ވެއްދުމަށްޓަކައި ފުރިހަމަ ކުރަންޖެހޭ ގާނޫނީ، ހުރިހާ އިޖުރާއަތުތަކެއް މިހާރު ފުރިހަމަ ކޮށްފައި ވާ ކަމަށެވެ.

ސައުދީއަކީ މިފަދަ މައްސަލަތަކާއި ތުހުމަތުތަކުގައި ސަރުކާރުގެ އިސް އޮފިޝަލުން ހައްޔަރު ކުރުމުގެ ރެކޯޑް އޮންނަ ގައުމެކެވެ.