އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް، އެ ޕްލެޓްފޯމުން ސަސްޕެންޑް ކޮށްފައި ވަނީ ދާއިމަށް ކަމަށާ، ވެރިކަމުގެ އިތުރު ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި ކަމުގައި ވީ ނަމަވެސް އެކަމަށް ދޫ ދިނުމެއް ނެތް ކަމަށް ޓްވިޓާ ކުންފުނިން ހާމަކޮށްފިއެވެ.

ޓްވިޓާއިން ޓްރަމްޕްގެ އެކައުންޓް ސަސްޕެންޑް ކުރީ، ޖެނުއަރީ 7 ވަނަ ދުވަހު، އެމެރިކާގެ ކެޕިޓޮލް ބިލްޑިންގުގައި ޓްރަމްޕްގެ ސަޕޯޓަރުން ހިންގި ޖަރީމާތަކާ ގުޅިގެންނެވެ.

ސީއެންބީސީއާ ވާހަކަދައްކަމުން ޓްވިޓާގެ ޗީފް ފައިނޭންޝަލް އޮފިސާ، ނެޑް ސެގާލް ބުނީ، ޓްވިޓާއިން މީހަކު ބޭރު ކޮށްފި ނަމަ، އެމީހަކަށް އަނބުރާ އެ ޕްލެޓްފޯމަށް ނޭރޭނެ ކަމަށެވެ.

އެމެރިކާގެ ރައީސް ކަމުގެ އިތުރު ދައުރެއް ކަށަވަރު ވީ ނަމަވެސް ޓްރަމްޕަށް ޓްވިޓާގައި ފުރުސަތު ނެތްކަން ތަފްސީލު ކޮށްދެމުން ސެގާލް ބުނީ، ޓްވިޓާގެ ސިޔާސަތުތައް އެކުލަވާލާފައި ވަނީ ހަމަނުޖެހުން އުފައްދަނިވި ރޫހާ ހިލާފަށް ކަމަށާ، މީހަކު އެކަން ކޮށްފި ނަމަ ޓްވިޓާ ޕްލެޓްފޯމުން އެމީހަކު ބޭރު ކުރާނެ ކަމަށެވެ. އަދި އެފަދަ ގޮތަކަށް ބޭރު ކުރާ މީހަކަށް ދެން އު ފުރުސަތު ނުދޭނެ ކަމަށެވެ. އެއީ ކޮންމެ ފަދަ މަގާމެއްގައި ހުރި، ކޮންމެ މީހަކަށް ވީ ނަމަވެސް، އެކަން އޮންނާނީ އެހެން ކަމަށް ސެގާލް ވަނީ ފާހަގަ ކޮށްފައެވެ.

ސެގާލް މިފަދަ ރޫހެއްގައި ވާހަކަ ދައްކާފައި މިވަނީ، ކެޕިޓޮލް ބިލްޑިންގުގައި ހިންގި ޖަރީމާތަކާ ގުޅިގެން މަގާމުން އަޒުލު ކޮށްފައިވާ ޓްރަމްޕްގެ ޝަރީއަތް، އެމެރިކާގެ ސެނެޓްގައި ކުރިއަށް ދަނޑިވަޅެއްގައެވެ.