ދިގުލާ ގޮސްފައިވާ ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޔަމަނުގައި މިދިޔަ ޑިސެމްބަރު މަހު އުފަންވި، ގުޅިފައިވާ އެއްމާބަނޑު ދެބެން، އުރުދުންގެ ވެރިރަށް އައްމާނަށް ގެންގޮސްފިއެވެ.

ކުޑަކުދިންނާ ބެހޭ އދގެ އިދާރާ (ޔުނިސެފް) އިން މި ދެބެން އުރުދުންއަށް ގެންދިޔައީ ސިއްހީ ގޮތުން ހަދަން ޖެހޭ އިތުރު ޓެސްޓު ތައް ހެދުމަށެވެ. ބެލެވޭ ގޮތުގައި މި ދަތުރުގައި އެ ދެބެންގެ ސާޖަރީވެސް ހަދާނެއެވެ.

ޑިސެމްބަރު 2020ގައި ޔަމަނަށް އުފަންވި މުހައްމަދު (ކ) އަދި އަހުމަދު / ފޮޓޯ: އެންވައިޕީ

އުމުރުން 35 އަހަރުގެ މަޔަކަށް މި ދެބެން އުފަންވީ މިދިޔަ ޑިސެމްބަރު މަހުގެ މެދަކާ ހިސާބުގައެވެ. މި ދެބެންގެ އާއިލާއަކީ މާލީ ގޮތުން މާ ބޮޑު ތަނަވަސްކަމެއް ނެތް އާއިލާއެކެވެ. އާމްދަނީ ހޯދަނީ މަގުމަތީގައި ހިންގާ ކުޑަ ފިހާރައަކުންނެވެ. ދެބެން އުފަންވުމާއެކު، ޔަމަނުގެ ވެރިރަށް، ސަނާގެ ޑޮކްޓަރުން ވަނީ، މި ކުދިންގެ ސާޖަރީއަށް އެހީ ބޭނުންވާކަން ބައިނަލްއަގުވާމީ ފެންވަރުގައި އިއުލާން ކޮށްފައެވެ.

ޑިސެމްބަރު 16، 2020 ވަނަ ދުވަހު ޔަމަނަށް އުފަންވި، ގުޅިފައިވާ އެއްމާބަނޑު ދެބެން / ފޮޓޯ: ކޭއެސްރިލީފް | ޓްވިޓާ

ޔުނިސެފުން ޔަމަނަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ފިލީޕޭ ޑޫއާމިލޭ ވިދާޅުވީ، އެތައް ހަފުތާއެއްގެ މަސައްކަތުން ދެބެން އުރުދުންއަށް ގެންދެވުނު ކަމާ މެދު އުފާ ކުރައްވާ ކަމަށާ، ދެބެން މިހާރު ތިބީ އުރުދުންގެ ހޮސްޕިޓަލެއްގައި ކަމަށެވެ.

ހަށިގަނޑުން ގުޅިފައިވާ ދެބެން، އުރުދުންއަށް ގެންދިޔައީ ވައިގެ މަގުންނެވެ. ދަތުރުގައި، ދެބެންގެ މައިންބަފައިންވެސް ބައިވެރިވާ ކަމަށް ހަބަރު ލިބެއެވެ.