"ހިޔާ" މަޝްރޫއުގެ ކެޓަގަރީތަކުގެ ވަގުތީ ލިސްޓްތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅި ފަރާތްތަކުގެ ތެރެއިން މިހާތަނަށް ލިޔުމުން ޖަވާބު ލިބިފައި ނުވާ ފަރާތެއް ހުރި ނަމަ ފްލެޓް ކޮމެޓީއަށް މެސެޖު ކުރުމަށް އެ ކޮމެޓީން އެދިއްޖެއެވެ.
ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ބުނީ "ހިޔާ" މަޝްރޫއުގެ ކެޓަގަރީތައް އެ ކޮމިޓީއިން ދިރާސާ ކުރުމަށް ފަހު ނެރެފައިވާ ވަގުތީ ލިސްޓްތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުގައި ހުށަހަޅާފައި ވާ ހުރިހާ ޝަކުވާއެއް ދިރާސާކޮށް، ޝަކުވާގެ ޖަވާބު ލިޔުމުން، ޝަކުވާ ހުށަހެޅި ހުރިހާ ފަރާތްތަކަށް އީމެއިލް ކޮށްފައިވާ ކަމަށެވެ.
ނަމަވެސް ބައެއް ފަރާތްތަކުން ދީފައިވާ އީމެއިލް އެޑްރެސް އަށް ފޮނުވާ އީމެއިލް ޑެލިވާ ނުވާކަން ފާހަގަ ކުރެވިފައި ވާ ކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން ވަނީ ބުނެފައެވެ.
ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީ އިން ނެރެފައިވާ ވަގުތީ ލިސްޓްތަކާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލި މުއްދަތުތައް:
- H4, H5, H8 އަދި H10: އޮގަސްޓު 24- ސެޕްޓެންބަރު 14، 2020 އަށް
- H9: ސެޕްޓެންބަރު 21 - އޮކްޓޫބަރު 4، 2020 އަށް
- H6: ނޮވެންބަރު 4 - ނޮވެންބަރު 16 ، 2020 އަށް
- H7: ޑިސެންބަރު 1 - ޑިސެންބަރު 13، 2020 އަށް
- ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ: ޑިސެންބަރު 28 – ޖަނަވަރީ 02، 2021 އަށް
- ވަގުތީ ލިސްޓް އިއުލާން ކޮށްފައި ވާ ކެޓަގަރީތަކުގެ ދިރިއުޅުމުގެ ހާލަތު ބެލުމަށް އެކުލަވާލާފައި ވާ މިންގަނޑާގުޅޭ: ޑިސެންބަރު 30 – ޖަނަވަރީ 05، 2021 އަށް
ޝަކުވާ ހުށަހެޅުމަށް ކޮމިޓީން ހުޅުވާލި މުއްދަތުގައި ޝަކުވާ ހުށަހަޅާފައިވާ އެއްވެސް ފަރާތަކަށް މިހާތަނަށް ލިޔުމުން ޖަވާބު ލިބިފައި ނުވާނަމަ، އެފަރާތެއްގެ އައިޑީކާޑު ނަންބަރު އަދި އީމެއިލް އެޑްރެސް މާދަމާ 03:00 ގެ ކުރިން 7761108 ނުވަތަ 7226016 އަށް މެސެޖް ކުރުމަށް ފްލެޓް ކޮމެޓީން ވަނީ ބުނެފައެވެ.