ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ޗައިނާގައި ތަރައްގީ ކޮށްފައިވާ ވެކްސިނުން 1 ލައްކަ ޑޯޒް، ދިވެހިރާއްޖެއަށް ހަދިޔާ ކުރުމަށް ނިންމާފައި ވާކަމަށް ހަބަރު ލިބިއްޖެއެވެ.

ދިވެހިރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު މިއަދު ހަވީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޗައިނާއިން 100000 ޑޯޒްގެ ކޮވިޑް ވެކްސިން، ދިވެހިރާއްޖެއަށް ހަދިޔާ ކުރުމަށް ނިންމާފައި ވާ ކަން، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް މިއަދު ދަންނަވާފައި ވާ ކަމަށެވެ.

ޗައިނާގެ މި ދީލަތި އެހީއަށް ޝުކުރު އަދާކުރައްވާ ކަން ބަޔާން ކުރައްވަމުން ޝާހިދު ވިދާޅުވީ، މިހާރު ކުރިއަށް ދަނީ މިކަމާ ގުޅިގެން ހަމަޖައްސަން ޖެހޭ ކަންކަން ހަމަޖެއްސުމުގެ މަސައްކަތް ކަމަށެވެ.

1 ލައްކަ ޑޯޒްގެ ވެކްސިން ހަދިޔާ ކުރުމަށް ނިންމާފައި ވާކަން، ސަފީރު ކުރެއްވި ޓްވީޓެއްގައިވެސް ވަނީ ބަޔާން ކުރައްވާފައެވެ. އަދި މިހާރު ކުރިއަށް ދަނީ، ވީ އެންމެ އަވަހަކަށް ވެކްސިން ޝިޕްމަންޓް ރާއްޖެ ގެނައުމާ ގުޅުން ހުރި މަޝްވަރާގެ މަރުހަލާ ކަމަށް ސަފީރުގެ ޓްވީޓްގައި ވަނީ ފާހަގަ ކުރައްވާފައެވެ.

ޗައިނާއިން ދިވެހިރާއްޖެއަށް ހަދިޔާ ކުރަނީ ސީނޯފާމްގެ ކޮވިޑް ވެކްސިން ކަމަށް މައުލޫމާތު ލިބެއެވެ. ކޮވިޑް-19 އާ ދެކޮޅަށް ޗައިނާގައި ފުޅާ ދާއިރާއެއްގައި ބޭނުން ކުރާ 2 ވެކްސިންގެ ތެރޭގައި، ސީނޯފާމްގެ ވެކްސިން ހިމެނެއެވެ. އެ ވެކްސިނަކީ މިހާތަނަށް 50 ހާހަށް ވުރެ ގިނަ މީހުންގެ ހަށިގަނޑުގައި ޓެސްޓު ކޮށްފައި ވާ ވެކްސިނެކެވެ. 2 ޑޯޒްގެ މައްޗަށް އެކުލެވޭ މި ވެކްސިނަކީ 2-8 ޑިގްރީ ސެންޓިގްރޭޑްގައި ރައްކާ ކުރާ ވެކްސިނަކަށް ވާއިރު، މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ސީނޯފާމްގެ ވެކްސިނަކީ، ކޮވިޑް-19އާ ދެކޮޅަށް 50 ޕަސެންޓް ކާމިޔާބު ވެކްސިނެކެވެ.

ޗައިނާގެ ސީނޯފާމްގެ ލެބެއްގައި ކޮވިޑް-19އަށް ވެކްސިން ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދަނީ/ފޮޓޯ: ޝީންހުއާ

ސީނޯފާމް ވެކްސިންގެ 5000 ޑޯޒް، ހެޔޮ ފަރާތަކުން މިހާރުވެސް ހަދިޔާ ކޮށްފައި ވާކަން، ހެލްތު އެމާޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާނު، ޑރ ނަޒްލާ ރަފީގު ވަނީ މިމަހުގެ 2 ވަނަ ދުވަހު ހާމަ ކުރައްވާފައެވެ. ނަމަވެސް އެއީ އަދި ޗައިނާ ސަރުކާރުގެ ހަދިޔާއެއް ނޫންކަންވެސް ޑރ ނަޒްލާ ވަނީ ފާހަގަ ކުރައްވާފައެވެ.

ހެޔޮ އެދޭ ފަރާތަކުން ހަދިޔާކުރި 5 ހާސް ޑޯޒްގެ ވެކްސިން މިހާރު ހުރީ އެޗްއީއޯސީގެ ސްޓޯރޭޖުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ކޮވިޑް-19 އިން ދިފާއު ވުމަށް ރާއްޖޭގައި ވެކްސިން ކެމްޕޭން ފަށާފައި ވާއިރު، މިހާރު ބޭނުން ކުރަމުން ދަނީ އިންޑިއާއިން ހަދިޔާ ކޮށްފައިވާ ކޮވިޝީލްޑް ވެކްސިނެވެ. ކޮވިޝީލްޑަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ އިން ތަރައްގީ ކުރި ވެކްސިންގެ ފޯމިއުލާއަށް އެ ލައިސަންސްގައި، އިންޑިއާގެ ސީރަމް އިންސްޓިޓިއުޓް އިން ސިނާއީ ފެންވަރުގައި އުފައްދާ ވެކްސިނެކެވެ.

ސީނޯފާމް ވެކްސިނާ ގުޅޭ އިތުރު މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރިއަށް ދާނެ ކަމަށާ، މިކަމައިގެން ކުރިއަށް ދާނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އިރުޝާދާ އެއްގޮތަށް ކަމަށްވެސް ޑރ ނަޒްލާ ވަނީ މިމަހުގެ 2 ވަނަ ދުވަހު ވިދާޅުވެފައެވެ.