ގިނައިން ކުނި ޖަމާވެފައިވާ 20 ރަށެއްގެ ކުނިތައް ނައްތާލަން ވެމްކޯއާ ހަވާލުކޮށްފިއެވެ.

މިއަދު ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ބޭއްވި ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ދ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، ގިނަ ރަށްރަށަށް ދިމާވެފައި އޮތް ތިމާވެށީގެ އެންމެ ބޮޑު މައްސަލައަކީ، ރައްކާތެރި ގޮތުގައި ކުނި ނައްތާލެވޭނެ އިންތިޒާމެއް ނެތުން ކަމަށެވެ. މިހާރު ވެސް ވަރަށް ގިނަ ރަށްރަށުގައި ވަރަށް ގިނަ ދުވަސްވީ ކުނިތަކެއް ނައްތާނުލެވި އެބަހުރި ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، މީގެ ތެރެއިން އެންމެ ގިނައިން ކުނި ޖަމާވެފައި ހުރި 20 ރަށުގެ ކުނިތައް، 7 މަސް ތެރޭގައި ނަގައި ސާފުކުރުމަށް ވެމްކޯއާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

މިކަން ދާއިމީ ގޮތެއްގައި ހައްލު ކުރުމަށްޓަކައި ރާއްޖޭގެ 3 ސަރަހައްދެއްގައި ކުނި މެނޭޖް ކުރާނެ ވަސީލަތްތައް ތަރައްގީ ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ. މި ދާއިރާ އިން ކުރިއަށް އޮތް ތަނުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ރަށު ފެންވަރުގައި ރައްކާތެރިކަމާ އެކު ކުނި މެނޭޖްކޮށް ކުނިން މަންފާ ހޯދޭނެ ނިޒާމެއް ގާއިމް ކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.

ތިމާވެށި ހިމާޔަތްކުރުމަށް ބައިނަލްއަގްވާމީ ފެންވަރުގައި ކުރާ މަސައްކަތުގައި ވެސް، ރާއްޖޭން އަންނަނީ ވަރަށް ހަރަކާތްތެރި ގޮތެއްގައި ބައިވެރި ވަމުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް އެކުލަވާލާފައިވާ ޕެރިސް އެގްރީމަންޓުގެ ދަށުން، ރާއްޖޭން އެކުލަވައިލި، އެކްޝަން ޕްލޭން ތަންފީޒުކުރުމަށް ބައިނަލް އަގްވާމީ އެހީ ކަށަވަރުވެއްޖެ ނަމަ އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ދިވެހިރާއްޖޭގެ ކާބަން އެމިޝަންސް ނެޓް ޒީރޯއަށް ހެދުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.