ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކޮށްފައިވާ ވެކްސިންއާ މެދު ބައިނަލްއަގުވާމީ މުޖުމަތައުގެ މެދުގައި އިތުރުބާރު ބޮޑުވަމުން އަންނަ ކަމަށް ސާވޭއަކުން ދައްކައިފިއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން 15 ގައުމެއްގެ ބައިވެރިންގެ މެދުގައި ކުރިއަށް ގެންދިޔަ މި ސާވޭގެ ނަތީޖާއަށް ބަލާއިރު، ކޮވިޑް-19ގެ ވެކްސިން ހުށަހަޅައިފިނަމަ، އެ ވެކްސިން ބަލައިގަންނާނެ ކަމަށް 54 ޕަސެންޓް މީހުން ބުނެފައި ވާ ކަން ފާހަގަ ކުރަން ޖެހެއެވެ.
މިއަހަރުގެ ޖެނުއަރީ މަހުގެ މެދަކާ ހިސާބަށް ބަލާއިރު، ވެކްސިން ޖަހަން ގަބޫލު މީހުންގެ އަދަދު، 15 ގައުމުގެ ތެރެއިން 11 ގައުމެއްގައި (ނޮވެމްބަރު މަހާ އަޅާ ބަލާއިރު) އިތުރު ވެފައި ވާ ކަމަށް، އިމްޕީރިއަލް ކޮލެޖު ލަންޑަންގެ ގްލޯބަލް ހެލްތު އިނޮވޭޝަން އިން ކުރިއަށް ގެންދިޔަ ސާވޭއިން ވަނީ ދައްކާފައެވެ.
އިންސްޓިޓިއުޓް އޮފް ގްލޯބަލް ހެލްތު އިނޮވޭޝަންގެ ކޯ ޑައިރެކްޓާ ޑރ ޑޭވިޑް ނަބާރޯ ވިދާޅުވީ، ރައްކާތެރި އަދި ކާމިޔާބު ވެކްސިންތަކެއް ތައާރަފު ކުރަމުން ދާ ވަރަކަށް، ވެކްސިންނާ މެދު އެދެވޭ ނަޒަރަކުން ދެކޭ އާންމުންގެ އަދަދު އިތުރުވަމުން ދާ ތަން ފެނުމަކީ އުއްމީދު އާ ކޮށްދެނިވި ކަމެއް ކަމަށެވެ.
ވެކްސިން ޖެހުމެގެ ކުރިމަތިވެދާނެ ސައިޑްއިފެކްޓްތަކާ މެދު ކަންބޮޑުވާ މީހުންގެ އަދަދުވެސް، ނޮވެމްބަރު މަހާ އަޅާ ބަލާއިރު ދަށްވެފައި ވާ ކަމަށް މި ސާވޭއިން ދައްކައެވެ. ނޮވެމްބަރު މަހުގެ ރެކޯޑްތަކަށް ބަލާއިރު ސާވޭގެ ބައިވެރިންގެ ތެރެއިން 47 ޕަސެންޓް މީހުން ވަނީ ސައިޑްއިފެކްޓްތަކާ މެދު ކަންބޮޑުވާ ކަމަށް ބުނެފައެވެ. ނަމަވެސް މިހާރު މިއަދަދު ވަނީ 40 ޕަސެންޓަށް ދަށްވެފައެވެ.
ސާވޭގެ އިތުރު ހޯދުންތަކަށް ބަލާއިރު، ސަރުކާރުތަކުން ފޯރުކޮށްދޭނީ ކާމިޔާބު ވެކްސިނެއް ކަމަށް، 58 ޕަސެންޓް މީހުން ގަބޫލު ކުރާ ކަން ފާހަގަ ކުރަންޖެހެއެވެ.
ވެކްސިނާ މެދު މީހުންގެ އިތުބާރު ބޮޑު ކުރުމަށް ސަރުކާރުތަކުން އަދިވެސް އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ޑރ ނަބާރޯ ވަނީ ގޮވާލައްވާފައެވެ.