ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އާ ދެކޮޅަށް އިންޑިއާގައި ތަރައްގީ ކޮށްފައިވާ އިތުރު ވެކްސިންތަކެއް ބައިނަލްއަގުވާމީ މުޖުތަމައާ ހިސާބަށް އެ ގައުމުން ގެނެސްދޭނެ ކަމަށް، އިންޑިއާގެ ބޮޑުވަޒީރު، ނަރޭންދްރާ މޯދީ ވިދާޅުވެއްޖެއެވެ.

ވޯލްޑް އިކޮނޮމިކް ފޯރަމްގެ ވާޗުއަލް ބައްދަލުވުމެއްގައި ތަގުރީރު ކުރައްވަމުން މޯދީ ވިދާޅުވީ، ކޮވިޑް-19އާ ދެކޮޅަށް އިންޑިއާއިން އަދި މިހާތަނަށް ތައާރަފު ކުރީ އެންމެ 2 ވެކްސިން ކަމުގައި ވީ ނަމަވެސް، ކުރިއަށް އޮތް ތަނުގައި އިތުރު ވެކްސިންތައް ލިބޭނެ ކަމަށެވެ. އަދި ވެކްސިން ފޯރުކޮށްދިނުމަށް އެ ގައުމުން ގާއިމު ކޮށްފައިވާ ނިޒާމާއެކު، އިންޑިއާއާ މަތިވެފައިވާ ބައިނަލްއަގުވާމީ ޒިންމާ އަދާ ކުރެވިފައި ވާ ކަމަށްވެސް މޯދީ ވަނީ ވިދާޅުވެފައެވެ.

އިންޑިއާއަކީ ދުނިޔޭގެ ނިސްބަތުން ބަލާއިރުވެސް ވެކްސިންގެ ސިނާއީ އުފެއްދުންތެރިކަމުގެ ރޭހުގައި އެންމެ ކުރީގައި އޮތް އެއް ގައުމެވެ. އިންޑިއާ އަކީ ދުނިޔޭގެ "ބޭސް ފިހާރަ"އިގެ ގޮތުގައި ވެސް ސިފަ ކުރާ ފަހަރު އާދެއެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ތަރައްގީ ކުރަމުން އަންނަ ބާރަތު ބައޮޓެކް ކުންފުންޏަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ (ކ) ޒިޔާރަތް ކުރައްވަނީ / ފޮޓޯ: ދަ ނިއުސް މިނެޓް

ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19އާ ދެކޮޅަށް އިންޑިއާއިން ވަނީ 2 ވެކްސިނެއް ތައާރަފު ކޮށްފައެވެ. އެއީ އޮކްސްފޯޑް ޔުނިވަސިޓީއާއި އަސްޓްރާޒެނީކާ ކުންފުނީގެ ލައިސަންސްގެ ދަށުން، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން އުފައްދާ "ކޮވިޝީލްޑް" ވެކްސިންއާއި، އިންޑިއާގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ "ކޮވެކްސިން" އެވެ. ކޮވެކްސިންގެ ފަހަތުގައި އޮތީ އިންޑިއާގެ ބާރަތު ބައޮޓެކް ކުންފުންޏާއި، އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސާޗެވެ.

އިންޑިއާއިން ވަނީ އެކުވެރި ބައެއް ގައުމުތަކަށް، ވެކްސިންގެ އެތައް ސަތޭކަ ހާސް ޑޯޒްއެއް ހަދިޔާކޮށް، ވިޔަފާރި އުސޫލުން ވެކްސިން އެކްސްޕޯޓްވެސް ކުރަން ފަށާފައެވެ. އިންޑިއާއިން ބައިނަލްއަގުވާމީ މުޖުތަމައަށް ކޮވިޑް ވެކްސިން ފޯރުކޮށްދޭން ފެށީ، އެ ގައުމުގައި ކޮވިޑް ވެކްސިން ކެމްޕޭން ފެށިތާ އެންމެ 4 ވަނައަށް ވީ ދުވަހުއެވެ. އިންޑިއާއިން ކޮވިޑް ވެކްސިން ފޯރުކޮށްދިން ފުރަތަމަ ގައުމަކީ ދިވެހިރާއްޖެއެވެ. ދިވެހިރާއްޖެއަށް އިންޑިއާއިން ފޯރުކޮށްދިން ކޮވިޝީލްޑް ވެކްސިން ޖެހުމަށް، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ވަނީ މިހާރު ހުއްދަވެސް ދީފައެވެ.