އެމެރިކާގެ ކުރީގެ ރައީސް، ޑޮނާލްޑް ޓްރަމްޕްގެ ޗެނަލް ސަސްޕެންޑް ކޮށްފައި ވަނީ މުއްދަތެއް ނެތް ގޮތަށް ކަމަށް، ދުނިޔޭގެ އެންމެ ބޮޑު ވީޑިއޯ ޕްލެޓްފޯމް ކަމަށް ވާ ޔޫޓިއުބްއިން ބުނެފިއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ޓްރަމްޕް ސަސްޕެންޑް ކުރުމުގެ އޮއެވަރު އަދިވެސް ދެމިގެންދާއިރު، ޔޫޓިއުބްއަކީ މި ޗޭނަށް އެންމެ ފަހުން އިތުރުވީ ބޮޅެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ޓްރަމްޕް ސަސްޕެންޑް ކުރަން ފެށީ، ޖެނުއަރީ 7 ވަނަ ދުވަހު ކެޕިޓޮލް ބިލްޑިންގްގައި ޓްރަމްޕްގެ ސަޕޯޓަރުން ހިންގި ޖަރީމާތަކާ ގުޅިގެންނެވެ. މި ޖަރީމާތަކާ ގުޅިގެން ޔޫޓިއުބްއިން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅާފައި ނުވާ ކަމަށް ބުނެ، ގިނަ ބައެއްގެ ފާޑުކިއުންވެސް ޔޫޓިއުބަށް ވަނީ އަމާޒުވެފައެވެ.

ޔޫޓިއުބްއިން ވާހަކަދެއްކި ތަރުޖަމާނަކު ބުނީ، އިތުރު ހަމަނުޖެހުންތަކެއް ހިންގަފާނެ ކަމުގެ ބިރައްޓަކައި ޑޮނާލްޑް ޖޭ ޓްރަމްޕް ޗެނަލް ސަސްޕެންޑް ކޮށްފައި ބޭއްވުމަށް ނިންމާފައި ވާ ކަމަށެވެ.

ޔޫޓިއުބްއިން ވަނީ ޓްރަމްޕްގެ ޕްރައިވެޓް ވަކީލު ރޫޑީ ޖޫލިއާނީއާ ދެކޮޅަށްވެސް ފިޔަވަޅު އަޅާފައެވެ. އެގޮތުން ޔޫޓިއުބް ޕްލެޓްފޯމް މެދުވެރިކޮށް، މާލީ ފައިދާ ހާސިލު ކުރުމުގެ ފުރުސަތު ޖޫލިއާނީއަށް ދެން ނޯންނާނެ ކަމަށް ޔޫޓިއުބްއިން ބުނެއެވެ. ޕާޓްނާ ޕްރޮގްރާމް އުސޫލުން ޔޫޓިއުބްއިން އާމްދަނީ ލިބޭ މަގުތައް، ޖޫލިއާނީއަށް މިހާރު ވަނީ ބަންދުކޮށްފައެވެ.