ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ތަކުލީފުތައް އިންތިހާއަށް ބޮޑުވަމުން އަންނަ އިނގިރޭސިވިލާތުގައި، މިކަމާ ގުޅިގެން އެގައުމުގެ ސަރުކާރުން އެޅި ހުރިހާ ފިޔަވަޅެއްގެ ޒިންމާ އުފުއްލަވާ ކަމަށް، ބޮޑުވަޒީރު ބޮރިސް ޖޯންސަން ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން މަރުވި މީހުންގެ އަދަދު ލައްކައަކަށް ވުރެ މައްޗަށް އަރާފައި ވާއިރު، މިކަމާ ގުޅިގެން ޖޯންސަން ވިދާޅުވީ، މި ބަލީގައި ގެއްލިދިޔަ ކޮންމެ ފުރާނައަކާ މެދު ހިތާމަ ކުރައްވާ ކަމަށެވެ.

ކޮވިޑް-19 ޖެހިގެން އިނގިރޭސިވިލާތުން މަރުވި މީހުންގެ އަދަދު 100162 އަށް އަރާފައި ވާއިރު، މިއީ ވިލާތު ބައްރުން މަރުގެ ރެކޯޑްތައް 1 ލައްކައިގެ ފާހަގަ ހުރަސް ކުރި ފުރަތަމަ ގައުމެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު، އިނގިރޭސިވިލާތަކީ 5 ވަނައަށް އެންމެ ގިނަ އަދަދަކަށް މަރުގެ ކޭސްތައް ރެކޯޑް ކޮށްފައި ވާ ގައުމެވެ.

އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން / ފޮޓޯ: ސީއެންއެން

ބޮޑުވަޒީރުގެ ރަސްމީ އިދާރާގައި ކުރިއަށް ގެންދެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޖޯންސަން ވިދާޅުވީ، ތަފާސް ހިސާބުތަކުން ދޭ ހިތި މެސެޖު ބަލައިގަންނަން ދަތިފުޅުވާކަމަށެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ޖޯންސަން ވަނީ، ކޮވިޑް ޖެހިގެން އިނގިރޭސިވިލާތުގައި ފުރާނަ ގެއްލިދިޔަ މީހުންގެ އާއިލާތަކަށް ތައުޒިޔާ ދަންނަވާފައެވެ.

މި ދަނޑިވަޅަކީ އިނގިރޭސިވިލާތުގައި ރެކޯޑް އަދަދުތަކުން ޕޮޒިޓިވް ކޭސްވެސް ރިޕޯޓް ކުރަމުން އަންނަ ދަނޑިވަޅެކެވެ. މިކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ، އިންތިހާ ހަލުވި މިނުގައި ފެތުރެމުންދާ ކޮރޯނާވައިރަހުގެ އާ ވޭރިއަންޓެވެ. އަންގާރަ ދުވަހު އެކަނިވެސް 20089 ޕޮޒިޓިވް ކޭސް، އިނގިރޭސިވިލާތުން ވަނީ ރެކޯޑް ކޮށްފައެވެ.

ކޭސްތައް އިތުރުވާން ފެށުމާއެކު، އިނގިރޭސިވިލާތުގެ އެކި ހިސާބުތަކުގައި ވަނީ ލޮކްޑައުންގެ ހަރުކަށި އަމުރުތައްވެސް ތަންފީޒު ކުރަން ފަށާފައެވެ. ނަމަވެސް ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ގެންދަވަނީ، އާބާދީގައި ތިބި އެންމެ ނާޒުކު ގިންތީގެ މީހުންނަށް ކޮވިޑް ވެކްސިން ވެކްސިން ދެވުނު ހާ އަވަހަށް، އާންމު ހާލަތަށް ރުޖޫއަށްވުމަށް ޖޯންސަންއަށް ޕްރެޝާ ކުރައްވަމުންނެވެ.

ކަން މިހެން އޮތްއިރު، އިނގިރޭސިވިލާތުގެ ސިއްހަތާ ބެހޭ ވަޒީރު މެޓް ހޭންކޮކް ވިދާޅުވީ މަރުގެ ތަފާސް ހިސާބުތަކާއެކު ހިތް ކުދިކުދި ވާ ކަމަށާ، ކުރިއަށް އޮތީވެސް ދަތި، އުނދަގޫ ދުވަސްތަކެއް ކަމަށެވެ. ވެކްސިނަކީ މިކަމުން މިންޖުވާން އޮތް މަގެއް ކަމަށާ، ނަމަވެސް އަދި ދުލެއް ދެވެން ނެތް ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، އިނގިރޭސިވިލާތުން 6.8 މިލިއަން މީހުން މީހާރު ވަނީ ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައެވެ.