ދެކުނު އޭޝިއާ ސަރަހައްދުގައި ބަލިވެ އިންނަ މީހުންގެ ތެރެއިން ނުވިހާ އުޅެނިކޮށް ދަރިފުޅު މަރުވާ ކޭސްތަކަށް ބަލާއިރު، ކޮންމެ 15 ކޭހަކުން 1 ކޭސް ގުޅެނީ ވައި ތަޣައްޔަރު ވުމާ ކަމަށް ބާރުދޭ އާ ދިރާސާއެއް އާންމު ކޮށްފިއެވެ.

ވައި ތަޣައްޔަރުވުމަކީ ބަނޑުގައިވާ ދަރިފުޅުވެސް "ކޮށިއަރާ" ސަބަބެއް ކަމަށް ބަޔާން ކޮށްފައިވެއެވެ. މިއީ ދަރިފުޅު ބައިގެން ދިއުމާއި، ބަނޑަށް ދަރިފުޅު މަރުވުމަށް މަގުފަހި ކުރާ ސަބަބެކެވެ.

ސިއްހީ ލިޔެކިއުންތައް ޝާއިއު ކުރަމުން އަންނަ ދަ ލޭންސެޓް ޕްލެނެޓަރީ ހެލްތުގައި އާންމު ކޮށްފައި ވާ ދިރާސާ ބުނާ ގޮތުގައި، ދެކުނު އޭޝިއާ ސަރަހައްދުގައި ބަލިވެ އިނދެ، ދަރިއަކު އުފަން ކުރުމަށް ފެއިލްވި 350000 ކޭހަކީ ވައި ތަޣައްޔަރުވުމާ ގުޅިފައިވާ ކޭސްތަކެކެވެ. މީގެ 67 ޕަސެންޓް ހިއްސާ ކުރަނީ ރަށްފުށުގެ ސަރަހައްދުތައް ކަމަށްވެސް އެ ދިރާސާ ރިޕޯޓްގައިވެއެވެ.

ދުންފުންޏާ ދުން ބޯވެ ވައި ނުސާފުވެފައިވާ ޗައިނާގެ ސީސީޓީވީ ޓަވަރު ސަރަހައްދުގައި އާންމުންގެ މީހަކު ހުއްޓިލައިގެން/ފޮޓޯ: ގެޓީއިމޭޖަޒް

ވައި ތަޣައްޔަރުވުމުގެ ސަބަބުން މެދުވެރިވާ އެކި ހާލަތްތަކުގައި އަހަރެއްގެ މައްޗަށް 1.6 މިލިއަން މީހުން މި ދުނިޔެއާއި ވަކިވެއެވެ. އަދި މިއީ ބަލިވެއިނުމުގެ މަރުހަލާއަށްވެސް ކުރިމަތިވާ ތަކުލީފެއް ކަން މިވަނީ ކަށަވަރު ވެފައެވެ.

ހޯދުންތަކުން ދައްކާ ގޮތުގައި، ދެކުނު އޭޝިއާ ސަރަހައްދުގެ 34197 އަންހެނަކީ، ވައި ތަޣައްޔަރުވުމުގެ ސަބަބުން ބަނޑުގައި އޮތް ދަރިފުޅު މަރުވުމުގެ ހިތިކަން، 1 ފަހަރު ނަމަވެސް ތަޖުރިބާ ކުރަން ޖެހިފައިވާ މީހުންނެވެ.

ވައި ނުސާފުވުމުގެ މައްސަލައަކީ ހަމައެކަނި ބައިބޯ ސިޓީތަކަށް އޮތް ކަމެއް ނޫން ކަން މި ދިރާސާއިން އަންގައިދެއެވެ.