އިންގްލިޝް ޕްރިމިއާ ލީގުގެ ނުވަ ވަނައިގައި މިވަގުތު އޮތް ޗެލްސީން ޓީމުގެ ކޯޗު ފްރޭންކް ލަމްޕާޑް މަގާމުން ވަކިކޮށްފިއެވެ.

ޗެލްސީއިން ނެރުނު ބަޔާނެއްގައި ބުނީ 2019 ވަނަ އަހަރުގެ ޖުލައި މަހު ޗެލްސީގެ ކޯޗު ކަމާއި ހަވާލުވި އެޓީމުގެ ކުރީގެ ކުޅުންތެރިޔާ ލަމްޕާޑް ކޯޗު ކަމުން ދުރުކުރުމަށް ނިންމި ނިންމުމަކީ ކްލަބަށް އުނދަގޫ ނިންމުމެއް ކަމަށެވެ. މި ބަޔާނުގައި ކްލަބުން ބުނީ ޗެލްސީގެ ކޯޗުގެ ގޮތުގައި ލަމްޕާޑް ހޭދަކުރި 18 މަސްދުވަހުގެ ތެރޭގައި ހޯދާފައިވާ އެކި ކާމިޔާބީތަކަށް ކްލަބުން އަބަދުވެސް ޝުކުރުވެރިވާނެ ކަމަށެވެ.

އެހެން ނަމަވެސް ފަހަކަށް އައިސް ލީގުގައި ޗެލްސީއިން ނެރެފައިވާ ނަތީޖާތަކަކީ އެއްވެސް ހާލެއްގައި ކްލަބުން އުއްމީދުކުރި ނަތީޖާތަކެއް ނޫން ކަމަށާ ޓީމު މިހާރު އޮތީ ތާވަލުގެ އެންމެ ކުރީގެ ބަދަލުގައި މެދު ތެރޭގައި ކަމަށެވެ. އަދި ޓީމުގެ ކުޅުން ރަނގަޅުވަމުން އަންނަތަން ވެސް ނުފެންނަ ކަން ކްލަބުން ވަނީ ފާހަގަކޮށްފައެވެ.

މިސީޒަން ފެށުމުގެ ކުރިން ބޮޑު ހަރަދެއްކޮށް ގިނަ ކުޅުންތެރިންތަކެއް ގަތް ޗެލްސީއިން ލީގުގައި އެންމެ ފަހުން ކުޅުނު މެޗުން ވެސް ވަނީ ބަލިވެފައެވެ.

ލީގުގައި ޗެލްސީއިން އެންމެ ފަހުން ކުޅުނު 8 މެޗަށް ބަލާ އިރު އެޓީމު މޮޅުވެފައިވަނީ މީގެ ތެރެއިން އެންމެ ދެ މެޗުންނެވެ. ބަކީ އޮތް ހަ މެޗުގެ ތެރެއިން 5 މެޗުން ޗެލްސީ ބަލިވި އިރު މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު އެސްޓަން ވިލާއާ ކުޅުނު މެޗުވީ އެއްވަރުވިއެވެ.

ލަމްޕާޑަށް ފަހު ދެން ޗެލްސީގެ ކޯޗު ކަމާއި ހަވާލުވާނީ ފަރަންސޭސި ޓީމު ޕީއެސްޖީގެ ކުރީގެ ކޯޗު ތޯމަސް ޓުޝެލް ކަމަށް ބެލެވެއެވެ.