އިންގްލިޝް ޕްރިމިއާ ލީގުގެ މިފަހަރުގެ ސީޒަން ދެބައިވީ އިރު މިދިޔަ ސީޒަނާއި ހިލާފަށް މިފަހަރު ޗެމްޕިއަން ކަން ހޯދާނީ ކޮން ޓީމެއްކަން ބުނަން ދައްޗެވެ. ލީގު ތާވާލުގެ އެންމެ ކުރީގައި އޮތް ތިން ޓީމުގެ މެދުގައި އޮތް ޕޮއިންޓްގެ ފަރަގު އިންތިހާއަށް ކުޑަ އިރު ހަތަރު ވަނައިގައި އޮތް ޓީމު ވެސް އޮތީ ޗެމްޕިއަންކަން ނުހޯދޭނެހާ ދުރުއަކު ނޫނެވެ.
މިހާރު ތާވަލުގެ އެންމެ ކުރީގައި އޮތް ހަތަރު ޓީމަށް ތަންކޮޅެއް ގާތުން ބަލާލަމާތޯއެވެ.
މެންޗެސްޓާ ޔުނައިޓެޑް
މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ސާ އެލެކްސް ފާގަސަން ޓީމާއި ވަކިވި ފަހުން ލީގުގައި މީގެ ކުރިން ރަސްކަން ކުރަމުން އައި ޔުނައިޓެޑަށް މާ ބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. އެހެން ނަމަވެސް މިއީ ފާގަސަން ޓީމާއި ވަކިވި ފަހުން ސީޒަންގެ މިހާ ހިސާބަށް އައި އިރު ތާވާލުގެ އެއްވަނަ މަޤާމުގައި ޔުނައިޓެޑުން ފައި ހިއްޕާލި ފުރަތަމަ ފަހަރެވެ. ސީޒަން ފަށައިގެން އައި އިރު ފޭނުން ބޭނުންވި ނަތީޖާ ނުނެރެވުނަސް ސީޒަންގެ އެންމެ ގިނަ މެޗުތައް ކުޅެން ޖެހުނު ހިސާބުން އެޓީމުން ވަނީ މުހިންމު ގިނަ ނަތީޖާތަކެއް ނެރެ ތާވާލުގެ އެއްވަނައަށް ޖެހިލާފައެވެ.
މެދު ތެރޭއިން ކުޅޭ ބްރޫނޯ ފަނާންޑޭޒް އަދި ޕޯލް ޕޮގްބާގެ ފަރާތުން މޮޅު ކުޅުމެއް ފެންނަމުންދާ އިރު ޑިފެންސް ވަރުގަދަ ކުރި ހެރީ މެގުއާޔާ އަދި ލިންޑަލޯފްގެ ޕާޓްނާޝިޕް ވެސް ފާހަގަކުރަން ޖެހެއެވެ.
މިމަހު ބާކީ ދެން އޮތީ ޔުނައިޓެޑަށް ވަރުގަދަ ދެ މެޗެވެ. މިމަހުގެ 27 ވަނަ ދުވަހު ޝެފީލް ޔުނައިޓެޑާއި ދެކޮޅަށް ނިކުންނަން ޖެހޭ އިރު 30 ވަނަ ދުވަހު ކުރިމަތިލާން ޖެހެނީ އަލުން ފޯމެއްގައި ކުޅެމުން އަންނަ އާސަނަލްއާއެވެ. ޔުނައިޓެޑް މިހާރު އޮތީ 19 މެޗު ކުޅެ 40 ޕޮއިންޓް ހޯދައިގެން ތާވަލުގެ އެއްވަނައިގައެވެ.
މެންޗެސްޓާ ސިޓީ
ފާއިތުވި ތިން ސީޒަންގެ ތެރެއިން ދެ ސީޒަންގައި ޗެމްޕިއަން ތަށި އުފުލާލި ސިޓީއަށް މި ސީޒަންގައި އަކީ އަދި މާ ފަސޭހަ ސީޒަނެއް ނޫނެވެ. އެހެން ނަމަވެސް ފަހަކަށް އައިސް ކުޅުނު މެޗުތަކުން މުހިންމު ނަތީޖާތަކެއް ނެރެ ޕެޕް ގާޑިއޯލާގެ ޓީމު މިހާރު މިވަނީ އެއްވަނައިގައި އޮތް ޔުނައިޓެޑާ ދެ ޕޮއިންޓް ގާތަށް ޖެހިލާފައެވެ.
ގިނަ އިންޖަރީތަކާ ކުރިމަތިލައިގެން ސިޓީއިން ކުޅެމުން އަންނަ އިރު މި ހަފްތާ ބަންދުގައި ސިޓީ ފޭނުންނަށް މިވަނީ އިތުރު ހިތާމަވެރި ހަބަރެއް ލިބިފައެވެ. އެއީ ޓީމުގެ ކެޕްޓަން އަދި މެދު ތެރެއިން ސިޓީގެ ކުޅުން ހިންގާ މިޑްފީލްޑަރު ކެވިން ޑެ ބްރައިނާ އިންޖަރީވެ ހަތަރު ނުވަތަ ހަ ހަފްތާއަށް ކުޅުމާއި ދުރަށް ދާން ޖެހުމެވެ. އޭނާއަށް ކުރިއަށް އޮތް 10 މެޗު ގެއްލޭނެ ކަމަށް ލަފާ ކުރެވޭ އިރު ތަޖުރިބާކާރު ފޯވަޑް ސާޖިއޯ އަގުއޭރޯ މިދިޔަ ހަފްތާގައި ކޮވިޑަށް ޕޮޒިޓިވްވުމާއި އެކު މިހާރު ހުރީ އައިސޮލޭޝަންގައެވެ.
މިމަހުގެ ދެން ސިޓީ ކުޅެން އޮތީ 26 ވަނަ ދުވަހު ވެސްޓް ބްރޯމްއާއި އަދި 30 ވަނަ ދުވަހު ޝެފީލްޑް ޔުނައިޓެޑާއެވެ. ސިޓީ މިވަގުތު އޮތީ ކުޅުނު 18 މެޗުން 38 ޕޮއިންޓް ހޯދައިގެން ތާވާލުގެ ދެވަނައިގައެވެ.
ލެސްޓާ ސިޓީ
މިދިޔަ ސީޒަންގައި މިހާ ހިސާބުގައި ވެސް ގަދަ ހަތަރެއްގައި އޮތް ލެސްޓާ ސިޓީ މިސީޒަންގައި ވެސް މިއޮތީ އެހިސާބުގައެވެ. އެހެން ނަމަވެސް މިދިޔަ ސީޒަން ނިމުނު އިރު ގަދަ ހަތަރެއް ކަށަވަރު ނުވި ލެސްޓާއަށް މި ސީޒަންގައި ވެސް ހަމަ އެމައްސަލަ ޖެހޭނެތޯ މިވަނީ ސުވާލު އުފެދިފައެވެ. ލިވަޕޫލްގެ ކުރީގެ ކޯޗު ބްރެންޑަން ރޮޖާސްގެ ބެލުމުގެ ދަށުން ކުޅެމުން އަންނަ ލެސްޓާ މިސީޒަންގައި ވަނީ މުުހިންމު ނަތީޖާތަކެއް ވެސް ނެރެފައެވެ.
އެހެން ނަމަވެސް އެޓީމަށް ވެސް މިވަނީ އިންޖަރީގެ ހިތި އަސަރުކޮށްފައެވެ. ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ ކަމަށްވާ ފޯވަޑް ޖޭމީ ވާޑީ މި ހަފްތާ ބަންދުގައި އަނިޔާވެފައިވާ އިރު އޭނާ އެތަށް ހަފްތާއަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިދާނެއެވެ. ހާނިޔާ އިންޖަރީއެއްގެ ސަބަބުން ވާޑީ ސާޖަރީއެއް ހަދަން ޖެހޭ އިރު ކުޅުނު 19 މެޗުން 38 ޕޮއިންޓް ހޯދައިގެން ތާވަލުގެ ތިންވަނައަށް ލެސްޓާއަށް އެރުމުގައި ވާޑީ މިހާތަނަށް ޖެހި 11 ލަނޑު ފާހަގަކޮށްލަން ޖެހެއެވެ. މިމަހުގެ ލެސްޓާ ސިޓީ ދެން ކުޅެން އޮތީ އުނދަގޫ ދެމެޗެވެ. އެއީ 27 ވަނަ ދުވަހު އެވަޓަންއާއި އަދި 31 ވަނަ ދުވަހު ލީޑްސް ޔުނައިޓެޑާއެވެ.
ލިވަޕޫލް
މިދިޔަ ސީޒަން ދެބައިވީ އިރު ލިވަޕޫލް އޮތީ ފަންސާހަށް ވުރެ ގިނަ ޕޮއިންޓް ހޯދައިގެން ތާވަލުގެ އެއްވަނައިގައެވެ. އެންމެ ކައިރީގައި އޭރު އޮތް ޓީމާ ލިވަޕޫލާ 12 އަށް ވުރެ ގިނަ ޕޮއިންޓް ފަރަގު އޮތެވެ.
އެހެން ނަމަވެސް މިސީޒަންގެ މިހާ ހިސާބަށް އައި އިރު މިފަހަރު ތަށި ދިފާއު ކުރެވޭނެ ކަމާ މެދު މިވަނީ ގިނަ ސުވާލުތަކެއް އުފެދިފައެވެ. ބުރާސްފަތި ދުވަހު ލީގުގައި ހަތަރު އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އަމިއްލަ ދަނޑުގައި ލިވަޕޫލް ބަލިވި އިރު މި ނަތީޖާއާ އެކު އެޓީމު ވަނީ އެއްވަނައިގައި އޮތް ޔުނައިޓެޑާ 6 ޕޮއިންޓް ފަހަތަށް ހަތަރުވަނައަށް ވެއްޓިފައެވެ.
ޑިފެންސަށް ކުޅޭ މުހިންމު ދެ ކުޅުންތެރިއަކާ ނުލާ އަދި އެހެން އިންޖަރީތަކާ އެކު ވެސް ލިވަޕޫލުން މިސީޒަންގައި ރަނގަޅު ނަތީޖާތަކެއް ނެރުނު ނަމަވެސް ފަހަކަށް އައިސް އެޓީމުގެ ކުޅުން މުޅިން ވަނީ ގެއްލިފައެވެ. އިންޖަރީތައް އޮތީ ޑިފެންސްގައި ނަމަވެސް މައްސަލަ މިހާރު އޮތީ ފޯވަޑް ލައިންގައެވެ.
ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި އެޓީމަށް އެންމެ ލަނޑެއް ވެސް ޖެހިފައި ނުވާ އިރު ގޯލަށް އަމާޒުކޮށް ފޮނުވާލާ ހަމަލާތައް މަދެއް ނޫނެވެ. ލަނޑު ނުޖެހި ގިނަ މެޗުތައް ނިމޭ ވަރަކަށް ޓީމަށް އަންނަ ޕްރެޝަރު ބޮޑުވާނެ އިރު ފޭނުން ބުނަނީ މައްސަލައަކީ ޑިފެންސް ފޫބައްދަން މެދު ތެރެއިން ކުޅޭ އެންމެ މޮޅު ދެ ކުޅުންތެރި ކަމަށްވާ ފަބީނިއޯ އަދި ކެޕްޓަން ހެންޑާސަން ފަހަތަށް ކުޅެން ޖެހުމެވެ. އަދި މީގެ ސަބަބުން މެދު ތެރެއިން އުފައްދަން ޖެހޭ ހަމަލާތައް ނޫ އުފެއްދި ދާ އިރު ލިވަޕޫލްގެ ތިން ފޯވަޑުން ކަމަށްވާ ސަލާހް، މާނޭ އަދި ފަމީނޯއަށް ލަނޑު ޖަހާނެ ފުރުސަތުތައް ނުލިބޭ ކަމަށެވެ.
މިމަހު ދެން ވެސް ލީގުގައި ލިވަޕޫލަށް އޮތީ އުނދަގޫ ދެމެޗެވެ. އެއީ 28 ވަނަ ދުވަހު ޓޮޓެންހަމްއާއި 31 ވަނަ ދުވަހު ވެސްޓްހޭމްއާއި ދެކޮޅަށް ނިކުންނަން އޮތް މެޗެވެ. ބުރާސްފަތި ދުވަހު ބާންލީ އަތުން ބަލިވި މެޗަށް ފަހު ކޯޗު ޔާގަން ކްލޮޕް ބުނީ މިވަގުތު އިސްކަން ދެނީ ޓީމުގެ ފޯމް ހޯދަން ކަމަށާ ތަށި ދިފާއުކުރުމާ ބެހޭ ގޮތުން ވިސްނަން ދަތިކަމަށެވެ.