ޗައިނާއިން ގަބޫލުކުރާ އެ ގައުމުގެ ކަނޑުގެ ބޯޑަރުން އެތެރޭގައި ހަރަކާތްތެރިވާ ބޭރުގެ ބޯޓުފަހަރަށް އަމާޒުކޮށް (ބޭނުމެއް އޮތް ހިނދެއްގައި) ބަޑިޖެހުމުގެ ހުއްދަ، އެ ގައުމުގެ ކޯސްޓްގާޑުން ލިބިދޭ ގޮތަށް އޮތް ގާނޫނު ފާސް ކޮށްފިއެވެ.

މިއީ ޗައިނާގައި މިފަދަ ގާނޫނެއް ފާސް ކުރި ފުރަތަމަ ފަހަރެވެ. މި ދަނޑިވަޅަކީ ސައުތު ޗައިނާ ސީއާއި އެނޫންވެސް އެފަދަ ސަރަހައްދުތަކުގެ މިލްކުވެރި ކަމާ މެދު، ޗައިނާއާއި އެ ގައުމުގެ އަވަށްޓެރިން އިންތިހާއަށް ކޯޅެމުން އަންނަ ދަނޑިވަޅެއް ކަމުން، މި ގާނޫނުގެ ސަބަބުން މަސްރަހު ވަނީ އިތުރަށް ނުތަނަވަސް ކުރުވާފައެވެ.

އީސްޓް ޗައިނާ ސީގެ އިސްތިގުލާލީ މިނިވަން ކަމާ މެދު ޗައިނާއާއި ޖަޕާނުން ކޯޅެމުން ދާއިރު، ސައުތު ޗައިނާ ސީގެ މިލްކުވެރި ކަމުގެ މައްސަލާގައި ދެކުނު އިރުމަތީ އޭޝިއާގެ ގިނަ ގައުމުތަކަކަށް ޗައިނާއިން ދަނީ ފުރައްސާރަ ކުރަމުންނެވެ.

ޗައިނާގެ ކޯސްޓްގާޑުން ވަނީ މިސަރަހައްދުތަކުގައި ހަރަކާތްތެރިވޭ "ބިދޭސީ" މަސްބޯޓުފަހަރު ފައްސާލުމަށް އޮޕަރޭޝަންތައް ހިންގާފައެވެ. މި އޮޕަރޭޝަންތައް ނިންމާލަނީ އެ ބޯޓުތައް ކަނޑުފައްތާލައިގެންނެވެ.

ޗައިނާގެ ކޯސްޓްގާޑު ގާނޫނު ފާސްކޮށްފައި ވަނީ، ޗައިނާގެ ގާނޫނުތަކާ ބެހޭ އެންމެ މަތީ އިދާރާ، ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ ސްޓޭންޑިންގް ކޮމިޓީއިންނެވެ.

މީގެ ކުރިން މި ގާނޫނުގެ ކޮޕީއެއް އާންމު ކޮށްފައިވެއެވެ. އެ ކޮޕީގައި ވާ ގޮތުން، ހަތުން ހިފާ ގެންގުޅޭ ހަތިޔާރާއި، ކަނޑުބޯޓުފަހަރުން ދޭ ހަމަލާ އަދި ވައިގެ މަގުން ދޭ ހަމަލާތައްވެސް، ވަކި ހާއްސަ ހާލަތްތަކެއްގައި، ބޭރުގެ ބޯޓުފަހަރަށް އަމާޒު ކުރުމުގެ ބާރު، ޗައިނާގެ ކޯސްޓްގާޑުންނަށް ލިބިދެއެވެ.

ޗައިނާއިން ހުކުރު ދުވަހު ފާސްކުރި ކޯސްޓްގާޑު ގާނޫނާ ގުޅިގެން އުފެދިފައިވާ ކަންބޮޑުވުންތަކަށް ޗައިނާގެ ހާރިޖީ ތަރުޖަމާނު ހުއާ ޗުންޔިންގް ވަނީ ރައްދު ދެއްވާފައެވެ. ހުއާ ވިދާޅުވީ، މި ގާނޫނަކީ، ބައިނަލްއަގުވާމީ އުސޫލުތަކާ އެއް ރޫހެއްގައި އޮތް ގާނޫނެއް ކަމަށެވެ. މި ގާނޫނަކީ ޗައިނާގެ އިސްތިގުލާލާއި، ސަލާމަތާއި ކަނޑުގެ ސަރަހައްދީ ހައްގުތައް ކަށަވަރު ކޮށްދެނިވި ގާނޫނެއް ކަމަށް އެ ގައުމުން ބުނެއެވެ.

މެރިޓައިމް ޑިޕްލޮމަސީ އެނަލިސްޓް ކްރިސޓީން ލެ މިއާ ވިދާޅުވީ، ޗައިނާގެ މި ގާނޫނަކީ ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި މިނިވަންކަމާއެކު ދަތުރުފަތުރު ކޮށް އުޅުމަށް އެމެރިކާއިން ޕްރޮމޯޓް ކުރަމުން އަންނަ ފަލްސަފާއާ ހިލާފު ގާނޫނެއް ކަމަށެވެ.

ދަ ހޭގްގައި ހުންނަ ބައިނަލްއަގުވާމީ ޖިނާއީ ކޯޓުން ވަނީ، ދެކުނު ޗައިނާ ކަނޑުގެ ސަރަހައްދުގައި ޗައިނާގެ އިހުތިސޯސް އޮތް ކަމަށް އެ ގައުމުން ވަކާލާތު ކުރާ ސަރަހައްދު، އެ ގޮތުގައި ބަލައިގަތުމަށް އިންކާރު ކޮށްފައެވެ.