ޒަމާންވީ ހަތުރުވެރި އަވަށްޓެރިންގެ ގޮތުގައި އޮތް އިންޑިއާއާއި ޗައިނާ ހިއްސާ ކުރާ ބޯޑަރު ސަރަހައްދު ނުވަތަ ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް (އެލްއޭސީ)ގައި ޗައިނާގެ އަސްކަރިއްޔާއިން މިސައިލުން ދިފާއުވާނެ ނިޒާމްތަކާއި، އެނޫންވެސް އަސްކަރީ އުމްރާނީ ބިނާތަކެއް އަޅަމުން ދާ ކަމަށް އިންޑިއާ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

ޗައިނާގެ އަސްކަރިއްޔާއިން އެލްއޭސީގައި މިފަދަ ހަރަކާތްތަކެއް ހިންގާ ކަމަށް ރިޕޯޓް ކޮށްފައި ވާ އިރު، މި ސަރަހައްދުގެ އިންޑިއާއާ ވީ ފަޅިއަށް، ޗައިނާގެ އެތައް ސަތޭކަ ސިފައިން ވަދެފައި ވާ ކަމަށް، މިދިޔަ މަހު އާންމު ކުރި ރިޕޯޓެއްވެސް ވަނީ ބުނެފައެވެ.

ޗައިނާ-އިންޑިއާ ބޯޑަރު ސަރަހައްދުގެ އިންޑިއާއާ ވީ ފަޅިން އުއްތަރަހާންދުގެ 5 ކިލޯމީޓަރުގެ ސަރަހައްދަކަށް ޗައިނާ ސިފައިން ވަދެފައި ވާކަމަށް މައުލޫމާތު ލިބެއެވެ. އިންޑިއާގެ ސަރަހައްދުގެ ތެރެއަށް، ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ)ގެ ލަޝްކަރު ވަދެގެން އައީ 55 އަސްވެސް ހިފައިގެން ކަމަށް ހަބަރު ލިބެއެވެ. އަދި އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކަށް އެ ސަރަހައްދަށް ދެވުނުއިރު، ޗައިނާގެ އަސްކަރިއްޔާއިން އެ ތަނުގައި 3 ގަޑިއެއް ހާއިރު ހޭދަ ކުރި ކަމަށްވެސްވެއެވެ.

ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި އެލްއޭސީގައި ޗައިނާގެ ސިފައިން ވަނީ ދިރިއުޅުމަށް ހާއްސަކޮށް ފައި ވާ އިތުރު ތަންތަން އަޅާފައެވެ. އަދި އާ އެއާ ސްޓްރިޕްތަކާއި ހެލިޕޭޑްތައްވެސް އަޅާފައި ވާ ކަމަށް އިންޑިއާ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ. އެންމެ ޒާމާނީ ފެންވަރުގެ ހަތިޔާރުތައްވެސް ރުކުރުވާލާފައި ވާ ކަމަށާ، ރޭގަނޑުގެ ވަގުތުތަކުގައި އަސްކަރީ ތަމްރީނުތައްވެސް ކުރިއަށް ގެންދިޔަ ކަމަށް މައުލޫމާތު ލިބެއެވެ.

ކަން މިހެން އޮތް އިރު، ޗައިނާއިން ވަނީ އިންޑިއާއަށް ތުހުމަތުގެ އިނގިލި އަމާޒު ކޮށްފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު، ހުއާ ޗުންޔިންގް ވަނީ، ޗައިނާގެ ސަރަހައްދަށް، ގަވައިދާ ހިލާފަށް، އިންޑިއާއިން ވަދެގެންފައި ވާ ކަމަށް ވިދާޅުވެފައެވެ.

ދިގު ދެމިގެންދާ ބޯޑަރެއް ހިއްސާ ކުރާ ސަރަހައްދީ 2 ސުޕާޕަވަރުންގެ މެދުގައި އުފެދިފައި ވާ ވާދަ ވެރިކަމުގެ ސަބަބުން، ހަނގުރާމައެއް ނުފެށި އޮތީ ކިރިއާ ކަމުގައި ބުނެވިދާނެއެވެ.