ޒަމާންވީ ހަތުރުންގެ ގޮތުގައި އޮތް އިންޑިއާއާއި ޗައިނާގެ އަސްކަރިއްޔާއިން، އިންޑިއާގެ އިރުތުރު ބޯޑަރު ސަރަހައްދުގައި ކުރިމަތިލުމެއް ހިންގާފައި ވާކަން، އިންޑިއާގެ އަސްކަރިއްޔާއިން ކަށަވަރު ކޮށްދީފިއެވެ.

ސިއްކީމްއޭ ކިއުނު ސަރަހައްދުގައި ހިންގީ ކުޑަވަރެއްގެ ކުރިމަތިލުމެއް ކަމަށާ، މި ކުރިމަތިލުން ހިންގާފައި ވަނީ މިމަހުގެ 20 ވަނަ ދުވަހު ކަމަށް އިންޑިއާގެ އަސްކަރިއްޔައާއި ހަވާލާދީ، އެ ގައުމުގެ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

އިންޑިއާގެ އަސްކަރިއްޔާއާއި ޗައިނާގެ އަސްކަރީ ސިފައިންނާ ދެމެދު ހިންގި ކުރިމަތިލުމުގެ މައްސަލަ، އެ ދުވަހުން ދުވަހަށް ހައްލު ކޮށްފައި ވާކަމަށާ، މައްސަލަ ހައްލު ކުރުމުގައި ސަރަހައްދީ ކޮމާންޑަރުން ބޭނުން ކުރީ، ކުރީއްސުރެ ތަންފީޒު ކުރަމުންދިޔަ ޕްރޮޓޮކޯލްތަކެއް ކަމަށްވެސް އިންޑިއާގެ އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.

މިއާ އެކު، އިންޑިއާގެ އަސްކަރިއްޔާއިން ވަނީ މި ފަދަ މައްސަލަތައް "ބޮޑުކޮށްގެން" ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ނުފެތުރުމަށް މީޑިއާއަށް ގޮވާލާފައެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، އިންޑިއާއާއި ޗައިނާގެ ބޯޑަރު ސަރަހައްދުގައި ދެ ގައުމުން ވަރުގަދަ ކުރިމަތިލުމަކަށް ދިޔަ ފަހުން، ދޭދޭ މަސްރަހު ވަނީ އިންތިހާއަށް ހޫނުވެފައެވެ. ދެ ގައުމުގެ އިސްވެރިންނާއި ދިފާއީ އޮފިޝަލުންގެ ފެންވަރުގައި މަޝްވަރާތައްވެސް ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދެއެވެ.

އިންޑިއާއާއި ޗައިނާގެ އަސްކަރިއްޔާއިން އެންމެ ފަހުން ކުރިމަތިލާފައި މިވަނީވެސް، ސިލްސިލާ މަޝްވަރާތަކުގެ 9 ވަނަ ބުރުގެ މަޝްވަރާތައް ކުރިއަށް ގެންދިޔަ ދަނޑިވަޅެއްގައެވެ. މި މަޝްވަރާތައް 16 ގަޑިއިރަށް ދެމިގެންދިޔަ ކަމަށް ހަބަރު ލިބެއެވެ.