ޗައިނާއިން އެ ގައުމުގެ ސަރަހައްދު މުރާޖައާ ކޮށް ނެރުމު އާ މެޕް [ޗާޓުގައި] އިންޑިއާ އާއި ޗައިނާ އަރާރުންވާ ސަރަހައްދީ ދެ ތަނެއް ހިމަނާފައި ވުމުން އިންޑިއާއިން ރުޅިގަދަވެއްޖެއެވެ.

ޗައިނާގެ އާ ޗާޓުގައި ހިމަނާފައި ވަނީ އިންޑިއާ އާ ބޯޑަރުން ހިއްސާ ވާ އަރޫނަޗަލް ޕްރަދޭޝް އާއި އަސްކައި ޗިން އަކީ ޗައިނާގެ ތަންތަން ކަމަށެވެ.

މި މައްސަލައިގައި އެންމެ ހަރުކަށި އިބާރާތުން އިހުތިޖާޖު ކުރަމުން އިންޑިއާއިން ބުނެފައި ވަނީ ޗައިނާއިން އަމިއްލަ ކުރަން ޗާޓުގައި ހިމެނި ތަންތަނަކީ އިންޑިއާގެ ތަންތަން ކަމަށެވެ. އެއާއެކު ނިއުދިއްލީން ބުނެފައި ވަނީ، އެކަމުގައި ދެކޮޅު ހަދާ ކަމާއި އިހުތިޖާޖު ކުރާކަން ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް ޗައިނާ އަށް ހުށަހަޅައިފި ކަމަށެވެ. އަދި ޗައިނާގެ ތަންތަން ކަމުގައި ޗާޓުގައި އެތަންތަން ހިމެނީ އެއްވެސް އަސާސެއްގެ މަތިން ނޫންކަމަށް ވެސް ބުނެފައި ވެއެވެ. ޗައިނާގެ އެ އަމަލުގެ ސަބަބުން ބޯޑަރު ސަރަަހައްދުގައި މަޝްރަހު ނުތަނަވަސް ވާނެ ކަމަށް ވެސް ހާރިޖީ ވުޒާރާގެ ތަރުޖަމާން އަރިންދަމް ބާޗީ ވިދާޅުވިއެވެ.

ނިއުދިއްލީން ބުނީ، ޗައިނާއިން ޗާޓުގައި ހިމެނި އަރޫނަޗަލް ޕަރްދޭޝް އަކީ، ބިމުގެ މައްސަލައިގައި 1962 ގައި ދެގައުމުގެ ދެމެދުގައި ބޮޑު ހަނގުރާމައެއް ކުރި ތަނެއް ކަމަށާއި އެއީ އިންޑިއާގެ ސްޓޭޓެއް ކަމަށެވެ. ނަމަވެސް ޗައިނާއިން ގަބޫލު ކުރަނީ އެއީ ޗައިނާގެ ޓިބެޓްގެ ބައެއް ކަމަށެވެ. އަސްކައި ޗިން އަކީ، ފަރުބަދަ މަތީގެ އުސް ހިސާބުގައި ޓިބެޓާއި ހުޅަނގު ޗައިނާ ގުޅޭ މަގު ހިމެނޭ ސަރަހައްދެވެ.

ޗައިނާ އިން ގަބޫލު ކުރަނީ އިރުމަތީ ހިމާލަޔާސް ގެ އަރޫނަޗަލް ޕްރަދޭޝް އަކީ ޓިބެޓްގެ ދެކުނާ ގުޅިފައި އޮންނަ ބައެއް ކަމަށެވެ. އެގޮތުން ހުސްވި އޭޕްރީލް މަހު ޗައިނާއިން އާންމު ކުރި ޗާޓެއްގައި އެ ސްޓޭޓްގެ 11 ސަރަހައްދެއް އެއީ ޓިބެޓުގެ ދެކުނު ބިތުގެ ޒާންގްނާން ގެ ބައެއް ކަމަށް ހަދާފައި ވެސް ވެއެވެ. އަސްކައި ޗިން ހިމެނޭ ސަރަހައްދަކީ އިންޑިއާގެ ތަނެއް ކަމަށް އެގައުމުން ބުނަމުން ދިޔަ ނަމަވެސް މިހާތަނަށް އެތަން ކޮންޓްރޯލް ކުރަމުން ގެންދަނީ ޗައިނާއިންނެވެ.

މި މައްސަލަ ހޫނުވެފައި ވާއިރު، ޗައިނާއިން އާންމު ކުރި އާ މެޕް ގަބޫލު ނުކުރާނެ ކަމަށް އިންޑިއާގެ ހާރިޖީ ވަޒީރު ޑރ. އެސް ސްބްރަމާނިއަމް ޖައިޝަންކަރު ވެސް ވަނީ ވިދާޅުވެފައެވެ.

ސަރަހައްދީ އިމުގެ މައްސަލައިގައި އިންޑިއާ އާއި ޕާކިސްތާން އަރާރުންވާހެން އިންޑިއާ އާއި ޗައިނާވެސް އަރާރުންވާތާ ކިތަންމެ ދުވަހެކެވެ. ބައެއް ފަހަރު ކުރިމަތިލުންތައް ހިނގާފައި ވާއިރު 2020 ގެ ޖޫން މަހު ހިނގި ކުރިމަތިލުމެއްގައި ބޯޑަރު ސަރަހައްދުން އިންޑިއާ ފަޅިން 20 އަދި ޗައިނާ ފަޅިން 4 ސިފައިން މަރުވެފައި ވެސް ވެއެވެ.

ޗައިނާއިން އާ މެޕް އާންމު ކުރި މި ވަގުތަކީ، ދެކުނު އެފްރިކާގައި ދާދި ފަހުން ނިމުނު ބްރިކްސް ސަމިޓުގެ ހަވާސާގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި ޗައިނާގެ ރައީސް ޝީ ޖިންގްޕިން ބައްދަލު ކުރައްވައި ހިމާލަޔަން ސަރަހައްދުގައި ދެގައުމުގެ ދެމެދުގައި އޮތް ނުތަނަވަސްކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ވާ ވަގުތެކެވެ. އޭރު ދެގައުމުން ބުނެފައި ވަނީ، ބޯޑަރު ސަރަހައްދުގައި ސުލްހަ ގާއިމު ކުރުމަށް ދެގައުމުގެ އިސް ވެރިން ބައްދަލު ކުރައްވައި އެމަގަށް މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް އެއްބަސްވެވިފައި ވާ ކަމަށެވެ.

ނަމަވެސް އަލަށް މިއުފެދުނު ނުތަނަވަސް ކަމާއެކު މަޝްރަހު އިތުރަށް ހޫނުވާނެ ކަމަށް މުރާސިލުން ބުނެއެވެ.

ޗައިނާގެ އިތުރުން އިންޑިއާއިން ބޯޑަރުގެ މައްސަލައިގައި ޕާކިސްތާނާ ވެސް އަބަދު އަރާރުން ވާ އިރު ޗައިނާ އަށް ވުރެ ގިނައިން ކުރިމަތިލުން ހިނގަނީ ޕާކިސްތާނާ ދެމެދުގައެވެ.