ޒަމާނުއްސުރެ ހަތުރުންގެ ގޮތުގައި އޮތް އިންޑިއާއާއި ޗައިނާ ހިއްސާ ކުރާ ބޯޑަރު ސަރަހައްދުން އަސްކަރިއްޔާ ދުރަށް ޖެއްސުމުގެ މަސައްކަތް ދެ ގައުމުން ފަށައިފިއެވެ.

ޗައިނާގެ ދިފާއީ ވުޒާރާއިން ހާމަ ކޮށްފައި ވާ ގޮތުގައި، ދެ ގައުމު ހިއްސާކުރާ ޕަންގޮންގް ސޯ ލޭކް ސަރަހައްދުން އަސްކަރީ ފައުޖުތައް ދުރަށް ޖެއްސުމުގެ މަސައްކަތް އިންޑިއާއާއި ޗައިނާއިން ފަށާފައި ވަނީ މީގެ ކުރިން ވެފައިވާ އެއްބަސްވުންތަކެއްގެ ދަށުންނެވެ.

މިއީ ޗައިނާއާއި އިންޑިއާގެ މަސްރަހު ނުތަނަވަސްވެ، އަސްކަރީ ކުރިމަތިލުމަކަށްވެސް ގޮސްފައި ވާއިރު، މަސްރަހު ސުލްހަ ކުރުމަށް ކުރިއަށް ގެންދިޔަ ސިލްސިލާ މަޝްވަރާތަކުގެ 9 ވަނަ ބުރުގައި އެކުލަވާލި އެއްބަސްވުމުގެ ދަށުން ކުރާ ކަމެއް ކަމަށް ހަބަރު ލިބެއެވެ.

މިދިޔަ އަހަރުގެ މެއި މަހާއި ޖޫން މަހު މި ދެ ގައުމުން ވަނީ ބޯޑަރު ސަރަހައްދުގައި އަސްކަރީ ކުރިމަތިލުމަކަށް ގޮސްފައެވެ. މި ކުރިމަތިލުންތަކުގައި އިންޑިއާގެ އަސްކަރިއްޔާއި 20 މެންބަރުން އަދި ޗައިނާގެ އަސްކަރިއްޔާއިން 45 މެންބަރެއްގެ ފުރާނަ ގެއްލުނު ކަމަށް ހަބަރު ލިބެއެވެ.

މި ހަމަނުޖެހުންތަކާ ގުޅިގެން ޗައިނާއާއި އިންޑިއާގެ ސަރުކާރުން ވަނީ މި ސަރަހައްދުގައި ހަރަކާތްތެރިވާ ފައުޖުތަކުގެ މެންބަރުންގެ އަދަދު، ކޮންމެ ފަރާތަކުންވެސް ގާތްގަނޑަކަށް 50000 އަށް އިތުރު ކޮށްފައެވެ.