އެކުވެރި އަރަބި އިމާރާތުން ފުރުމުގެ ކުރިން، އެ ގައުމުން ހަދާ ކޮވިޑް ޓެސްޓުތަކުގައި ޝައްކު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށް ބުނެ، ޑެންމާކުން ޔޫއޭއީގެ ހުރިހާ ފްލައިޓަކަށް ބޯޑަރު ބަންދު ކޮށްފިއެވެ.

ޑެންމާކުގެ ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ އެކުވެރި އަރަބި އިމާރާތުން ފުރުމުގެ ކުރިން ހަދާ ޕްރީ-ފްލައިޓް ކޮވިޑް-19 ޓެސްޓުތަކުގައި އިރުބާރުގެ މައްސަލަތަކެއް ހުރި ކަމަށާ، 5 ދުވަހުގެ މުއްދަތަށް، އެ ގައުމުގެ ފްލައިޓްތަކަށް ބޯޑަރު ބަންދު ވާނެ ކަމަށެވެ.

ޑެންމާކުގެ ޓްރާންސްޕޯޓް މިނިސްޓަރު ބެނީ އެންގެލްބްރެޗް ވިދާޅުވީ، ފާއިތުވީ ތަނަށް ބަލާއިރު، ބަދަލުވެފައިވާ ވައިރަސް، ދުބާއީ މަގުން އެތެރެވެފައި ވާ ކަމަށާ، މިއީ އަޅާ ނުލާ ދޫކޮށްލެވޭނެ ވަރުގެ ޝައްކުތަކެއް ނޫން ކަމަށެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މިކަމާ ގުޅޭ ތަހުގީގުތައް ހިންގާ، ނެގެޓިވް ޓެސްޓަކީ ސައްހަ ނަތީޖާއެއް ކަން ކަށަވަރު ކުރަންދެން ޔޫއޭއީގެ ފްލައިޓްތަކަށް ބޯޑަރު ބަންދު ވާނެ ކަމަށެވެ.

މި ކަން ތަންފީޒު ކުރަން ފަށާނީ މިރޭ ކަމަށް ހަބަރު ލިބެއެވެ.

ޑެންމާކަށް އެތެރެވުމަށްޓަކައި ކޮވިޑް-19އަށް ނެގެޓިވް ޓެސްޓެއް ކޮންމެ ފަސެންޖަރެއްގެ އަތުގައި އޮންނަން ޖެހޭ ގޮތަށް އެ ގައުމުން ލާޒިމު ކުރީ ޖެނުއަރީ 9 ވަނަ ދުވަހުން ފަށައިގެންނެވެ. އަދި މި ޓެސްޓަކީ 24 ގަޑިއިރު ހަމަ ނުވާ ޓެސްޓަކަށް ވާން ޖެހޭ ކަމަށްވެސް ޑެންމާކުން ވަނީ ކަނޑައަޅާފައެވެ.

ކޮރޯނާވައިރަހުގެ ބަދަލުވެފައިވާ ވޭރިއަންޓް، ފެތުރެމުން ދިއުމުގެ ބިރައްޓަކައި، ޑެން މާކުން ވަނީ ފެބުއަރީ 7 ވަނަ ދުވަހުގެ ނިޔަލަށް ލޮކްޑައުންގެ މުހުލަތުވެސް އިތުރު ކޮށްފައެވެ.