ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ހުޅުމާލޭގައި ބާއްވާ "މައި ހުޅުމާލޭ ޕާކް ވޮލީ ޗެމްޕިއަންޝިޕް" މުބާރާތް އިއްޔެ ހަވީރު ރަސްމީކޮށް އިފްތިތާހު ކޮށްފިއެވެ.

އެކަމަށް ހުޅުމާލޭ ޔޫތް ޕާކް ސަރަހައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި މުބާރާތް އިފްތިތާހު ކޮށްދެއްވައިފައި ވަނީ މިނިސްޓާ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސް އާއިޝަތު މުހައްމަދު ދީދީއެވެ. އެ ރަސްމިއްޔާތުގައި އެޗްޑީސީގެ ބޯޑް މެންބަރުންގެ އިތުރުން ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވެސް ވަނީ ބައިވެރިވެ ވަޑައިގަންފައެވެ.

ކޮންމެ އަހަރަކުވެސް ހުޅުމާލޭގެ ދިރިއުޅޭ ގިނަ ފަރާތްތަކަކަށާއި ހުޅުމާލެ އެކި ބޭނުންތަކަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ ގޮތުން ބާއްވަމުން އަންނަ އެ މުބާރާތުގައި މިފަހަރު ޖުމްލަ 19 ޓީމަކުން ވަނީ ބައިވެރި ވެފައެވެ.

ހުޅުމާލޭގައި އެޗްޑީސީން ބީޗްވޮލީ މުބާރާތެއް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: އެޗްޑީސީ

ކޮންމެ އަހަރަކުވެސް ވަކި ތީމް އެއް ކަނޑައަޅައިގެން ބާއްވާ އެ މުބާރާތުގައި މި ފަހަރުގެ ތީމް އަކަށް ކަނޑައަޅާފައި ވަނީ މިނިސްޓްރީ އޮފް ޖެންޑާ އިން ފަށާފައިވާ ގެވެށި ގުޅުން ކެމްޕޭންގެ ދަށުން "ޓުގެދާ ވީ ކޭން އެންޑް ޑޮމެސްޓިކް ވައަލަންސް" އެވެ.

އެމުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓަރު ވިދާޅުވީ، ގެވެށި އަނިޔާ ހުއްޓުމަށް އެންމެން ގުޅިގެން މަސައްކަތް ކުރުމަށާއި އެ މުބާރާތުގައި ކެމްޕޭނާ ގުޅޭ މުހިންމު މެސެޖްތަކެއް އާންމުނާ ހަމައަށް ފޯރުކޮށް ދެވޭނެ ކަމަށެވެ.

އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު ވިދާޅުވީ، އެފަދަ އިތުރު ކުޅިވަރު ހަރަކާތްތަކާއި މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް ހުޅުމާލޭގެ ރައްޔިތުންނާއި ހުޅުމާލެ އަށް ޒިޔާރަތް ކުރާ ފަރާތްތަކަށްޓަކާ ކުރިއަށް ރޭވިފައި ހުރިކަމަށެވެ. އަދި މިހާރު ކުރިއަށް ދާ މުބާރާތުގެ ތީމް ކަމުގައިވާ، އެންމެން ގުޅިގެން ގެވެށި އަނިޔާ ހުއްޓުމަށް މައްސަކަތް ކުރުމަށް އިލްތިމާސް ކުރެއްވިއެވެ.

އެޗްޑީސީ ޕާކް ވޮލީބޯޅަ މުބާރާތުގެ ނަމުގައި ބާއްވާ މި މުބާރަތް ބޭއްވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 21 އިން 23 ގެ ނިޔަލަށެވެ. އަންހެން އަދި ފިރިހެން ޑިވިޝަން އަށް ހުޅުވާލި އެ މުބާރާތް 4 ދުވަހަށް ދިގު ދެމިގެން ދާއިރު، އެ މުބާރާތުގެ ފައިނަލް އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.