ހއ. ހޯރަފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީން ބުނީ ހޯރަފުށި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީ އާ ހަވާލުކޮށްފައިވަނީ މިއަދު ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި ކަމަށެވެ.

މި ގޮތުން މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސާ އާދަމް އާޒިމް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތުމަތު ޝާނާ ފާރޫގު ކަމަށް އެމްޓީސީސީން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން 50 މީޓަރުގެ 5 ގްރޮއިން އާއި 30 މީޓަރުގެ 1 ގްރޮއިން ގާއިމުކޮށް، ގިރާ ސަރަހައްދު ހިމާޔަތް ކުރާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ އަގަކީ 39.6 މިލިއަން ރުފިޔާ ކަމަށެވެ. އަދި މި މަޝްރޫއަކީ 75 ދުވަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫއެއް ކަމަށް ވެސް އެމްޓީސީސީން ބުނެއެވެ.