އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީގެ ސަރުކާރުން ތަންފީޒު ކުރަމުން އަންނަ "ފުރަތަމަ އަވަށްޓެރިޔާ" ސިޔާސަތުގެ ދަށުން، ބަންގްލަދޭޝްއަށް 2 މިލިއަން ޑޯޒްގެ ކޮވިޑް ވެކްސިން ހަދިޔާ ކުރުމަށް އިންޑިއާއިން ނިންމާފައި ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

އޮކްސްފޯޑްއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީކޮށް، ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ސިނާއީ ފެންވަރުގައި އުފައްދަމުން އަންނަ ކޮވިޝީލްޑް ވެކްސިންގެ 2 މިލިއަން ޑޯޒްގެ ވެކްސިން، މިމަހުގެ 21 ވަނަ ދުވަހުގެ ވަގުތެއްގައި ބަންގްލަދޭޝްއަށް ގެންދިއުމަށް ހަމަޖެހިފައި ވާ ކަމަށް އިންޑިއާގެ މީޑިއާއިން ވަނީ ހާމަކޮށްފައެވެ.

އިންޑިއާއިން ހަދިޔާ ކުރާ ވެކްސިން ޝިޕްމަންޓް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ ހަޒުރަތު ޝަހްޖަލާލް އިންޓަނޭޝަނަލް އެއާޕޯޓަށް ކަމަށް މައުލޫމާތު ލިބެއެވެ. ވެކްސިން ހަދިޔާ ކުރުމާ ގުޅިގެން މިހާރު ކުރިއަށް ދަނީ އެންމެ ފަހުގެ ތައްޔާރީތައް ކަމަށް ވިއޯން އިން ވަނީ ރިޕޯޓް ކޮށްފައެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް ވެކްސިން ތަރައްގީ ކޮށްފައިވާ އަސްޓްރާޒެނީކާ ކުންފުނީގެ ޓެކްނީޝަނެއް މަސައްކަތުގައި / ފޮޓޯ: ދަ ގާޑިއަން

މިއީ ހިނގަމުންދާ ކަމެއްކަން، ބަންގްލަދޭޝްގެ ޑައިރެކްޓާ ޖެނެރަލް ޑިޕާޓްމަންޓް އޮފް ހެލްތު، ޕްރޮފެސާ ޢަބްދުލް ބައްޝާރު މުހައްމަދު ހޫރުޝީދު، ވިއޯންއަށް ކަށަވަރު ކޮށްދެއްވާފައި ވާ ކަމަށްވެސް އެ ނޫހުން ހަބަރު ދެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، ބަންގްލަދޭޝްގެ ސިއްހަތާ ބެހޭ ވަޒީރު ޒާހިދު މާލިކު ވެސް ވަނީ އިންޑިއާއިން ހަދިޔާ ކުރާ ކޮވިޑް ވެކްސިން ޝިޕްމަންޓެއް ބަންގްލަދޭޝްއަށް ގެނައުމަށް ހަމަޖެހިފައި ވާކަން އިއުލާން ކުރައްވާފައެވެ.

ހަދިޔާގެ ވެކްސިން ޝިޕްމަންޓާއެކު ކޮމާޝަލް އުސޫލުން ވެކްސިން ސަޕްލައި ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ހަބަރު ލިބެއެވެ. މި އުސޫލުން ދޭ މިޝިޕްމަންޓް ބަންގްލަދޭޝްއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.

ބޭސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ބަންގްލަދޭޝްގެ އެންމެ ވަރުގަދަ ކުންފުނި ކަމަށްވާ ބެކްޒިމްކޯ ފާމަސޫޓިކަލްސްއާއި، ބަންގްލަދޭޝްގެ ސަރުކާރާއި ސީރަމް އިންސްޓިޓިއުޓް އޮފް އިންޑިއާއިން ވަނީ، ކޮވިޝީލްޑްގެ 30 މިލިއަން ޑޯޒް ގަތުމަށް އެއްބަސްވުމެއްވެސް އެކުލަވާލާފައެވެ. 3 ފަރާތް ބައިވެރިވާ މި އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ ނޮވެމްބަރު މަހުއެވެ.

އިންޑިއާއިން ވަނީ "ފުރަތަމަ އަވަށްޓެރިޔާ" ސިޔާސަތުގެ ދަށުން، އެ ގައުމުގެ އަވަށްޓެރިންނަށް ވެކްސިން ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު ރާއްޖެއަށް ކުރެއްވި ޒިޔާރަތުގައި، އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާވެސް ވަނީ މިފަދަ އިޝާރާތެއް ކުރައްވާފައެވެ.