ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް ގައުމުތަކުން ތަންފީޒު ކުރަން ފެށި ފިޔަވަޅުތަކާއެކު ހިޖުރަ ކުރި މީހުންގެ އަދަދު ދަށަށް ދިޔަ ކަމުގައި ވީ ނަމަވެސް، ހިޖުރަވެރިންގެ ގޮތުގައި ދިރިއުޅޭ މީހުންގެ އަދަދު އިންތިހާއަށް އިތުރު ވެފައި ވާ ކަމަށް ރެކޯޑްތަކުން ދައްކައިފިއެވެ.

އދގެ ޑިޕާޓްމަންޓް އޮފް އިކޮނޮމިކް އެންޑް ސޯޝަލް އެފެއާޒް (ޑޭސާ) އިން އާންމުކުރި އިންޓަނޭޝަނަލް މައިގްރޭޝަން 2020 ހައިލައިޓްސް ރިޕޯޓްގައި ވާ ގޮތުން، މިދިޔަ އަހަރު ހިޖުރަ ކުރި މީހުންގެ އަދަދު ވަނީ ދަށަށް ގޮސްފައެވެ. 2019 ވަނަ އަހަރުގެ މެދަކާ ހިސާބުން ފެށިގެން މިއަދަދު އުޅޭނެ ކަމަށް ލަފާކުރި މިންގަނޑާ އަޅާ ބަލާއިރު 27 ޕަސެންޓް ދަށަށް ގޮސްފައި ވާ ކަމަށް މި ރިޕޯޓް ބުނެއެވެ.

2000 ވަނަ އަހަރުން ފަށައިގެން ހިޖުރަ ކުރާ މީހުންގެ އަދަދު އަންނަނީ އިތުރު ވަމުންނެވެ. އެ އަހަރަށް ބަލާއިރު އަމިއްލަ ވަޒަނުން ބޭރުގައި ދިރިއުޅުނު މީހުންގެ އަދަދަކީ 173 މިލިއަނެވެ. އޭގެ 20 އަހަރު ފަހުން، މިދިޔަ އަހަރު، މި އަދަދު ވަނީ 281 މިލިއަނަށް އަރާފައެވެ.

ޑޭސާގެ އަންޓާ ސެކްރެޓަރީ ޖެނެރަލް ލިއު ޝެންމިން ވިދާޅުވީ ހިޖުރަ ކުރުމަކީ އަދުގެ ބަވަނަވެފައިވާ ދުނިޔޭގެ މުހިންމު ބައެއް ކަން މި ރިޕޯޓުން އަންގައިދޭ ކަމަށެވެ. ނަމަވެސް، ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން މިކަމަށް ހުރަސް އެޅި، އެތައް މިލިއަން ބައެއްގެ ދިރިއުޅުމަށް އެކަމުގެ އަސަރު ފޯރާފައި ވާ ކަންވެސް ލިއު ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮވިޑް-19އާއެކު ކުރިމަތިވި ހީނަރު ކަމުގެ ނަތީޖާއެއްގެ ގޮތުން، ހިޖުރަވެރިން، އެމީހުންގެ އަމިއްލަ ފަސްގަނޑަށް ފައިސާ ފޮނުވި މިންވަރުވެސް ދަށަށް ގޮސްފައި ވާ ކަން އދއިން ފާހަގަ ކުރެއެވެ. އެގޮތުން، މެދު ފަންތީގެ ގައުމުތަކުން، ދަށް ފަންތީގެ ގައުމުތަކަށް ރެމިޓަންސްގެ ގޮތުގައި ފައިސާ ފޮނުވި މިންވަރު 78 ބިލިއަން ޑޮލަރު ދަށަށް ގޮސްފައި ވާނެ ކަމަށް ވޯލްޑް ބޭންކުން ލަފާ ކުރެއެވެ. މިއީ ޖުމުލަ އަދަދުގެ ގާތްގަނޑަކަށް 14 ޕަސެންޓެވެ.